ލިވަޕޫލް ހަތް ގޯލު ޖެހިއިރު، ސަލާހަށް ދެ ރެކޯޑެއް!

Oct 13, 2022, 2:54 AM
ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ، ސްކޮޓްލެންޑް (އޮކްޓޫބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފަހަތުން އަރައި 7-1 އިން ރޭންޖާސް ބަލިކުރި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ދެ ރެކޯޑެއް ހަދައިފި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އަރައި، ސަލާހު ވަނީ ހަ މިނިޓް 12 ސިކުންތު ތެރޭގައި ހެޓްރިކެއް ހަދައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ މަދު މިނިޓް ތެރޭގައި ފެނިގެންދިޔަ ހެޓްރިކް އެވެ. އަނެއްކޮޅުން، ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ރޭ ގާއިމްކޮށްފަ އެވެ.

ސަލާހު ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް 38 ގޯލު ޖަަހައިދީފަ އެވެ. ރޭގެ ގޯލުތަކާ އެކު ސަލާހު ވަނީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަށް 36 ގޯލު ޖަހައިދިން ސާޖިއޯ އަގުއޭރޯ އާއި ޗެލްސީ އަށް އެ އަދަދަށް ގޯލު ޖެހި ޑިޑިއޭ ޑްރޮގްބާ އަތުގައި އޮތް ރެކޯޑެއް މުގުރާލައިފަ އެވެ.

އައިބްރޮކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ރޭންޖާސް އިންނެވެ. ސަތާރަ ވަނަ މިނިޓްގައި އޭރިއާ ރޮނގުމަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ސްކޮޓް އާފީލްޑް ވަނީ ރޭންޖާސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ކޮސްޓާސް ސިމިކާސް ނެގި ކޯނަރަކުން ރޮބާޓޯ ފިރްމީނޯ ބޮލުން ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދިނެވެ.

ލިވަޕޫލުން ލީޑުނެގީ މެޗުގެ 55 ވަނަ މިނިޓްގައި ޖޯ ގޯމޭޒް ނެގި ހުރަހަކަށް ހުސްކޮށް އަރައި، ފިރްމީނޯ ޖެހި ގޯލުންނެވެ. އޭގެ 11 މިނިޓް ފަހުން، މެޗުގެ 66 ވަނަ މިނިޓްގައި ފިރްމީނޯ ދިން ބޯޅައަކުން ޑާވިން ނޫނޭޒް ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި، ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ތިން ވަނަ ގޯލު ޖެހިތާ މާގިނައިރެއްނުވެ ލިވަޕޫލުން ބަދަލުތަކެއް ގެނެސްފަ އެވެ. ތިއާގޯ އަލްކަންޓާރާ، ސަލާހު، ޑިއޯގޯ ޖޮޓާ، އަދި އެންޑީ ރޮބަޓްސަން ކުޅެން އެރި އެވެ.

އޭރިއާތެރެއިން މެޗުގެ 75 ވަނަ މިނިޓްގައި ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ސަލާހު ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. އޭގެ ފަސް މިނިޓް ފަހުން، މެޗުގެ 80 ވަނަ މިނިޓްގައި ޖޮޓާ ދިން ބޯޅައެއް ހިފައިގެން އޭރިއާ ރޮނގުމަތިން، ރޭންޖާސް ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު ސަލާހު ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ވައްދާލައިފަ އެެވެ. ޖެހިގެން އައި މިނިޓްގައި މި ފަހަރު ވެސް ޖޮޓާ ދިން ބޯޅައަކުން ސަލާހު އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ހާވީ އެލިއަޓް ވަނީ ލިވަޕޫލްގެ ހަތް ވަނަ ގޯލު ޖަަހައިފަ އެވެ. ސަލާހު ހުސްކޮށްލާފައި ދިން ބޯޅަ ޖޮޓާ ފޮނުވާލި ނަމަވެސް ރޭންޖާސް ކީޕަރު އެލަން މެކްގްރެގާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ރީބައުންސް ބޯޅަ އޭރިއާތެރެއިން އެލިއަޓަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ގޯލަށް ވައްދާލައިފަ އެވެ. މި ގޯލު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.

މި މެޗުން މޮޅުވެ، ލިވަޕޫލް ވަނީ ދެ ވަނަ ބުރާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ،

ރޭ އަޔަކްސް އަތުން މޮޅުވެ، ނަޕޯލީ ވަނީ އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފަ އެެވެ. ގްރޫޕް އޭގެ އެއް ވަނައިގައި ނަޕޯލީ އޮތީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އަޔަކްސް އަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ރޭންޖާސް ހަތަރު މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އިން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 3-2 އިން މޮޅުވެފަ އެވެ. ފްރޭންކްފާޓް މި މެޗުގެ ފަހު 30 މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ސްޕޯޓިން ދަނޑުގައި މާސޭ ވަނީ 2-0 އިން މޮޅުވެފަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ފްރޭންކްފާޓްގެ ޑައިޗީ ކަމާޑާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ނަތީޖާ އަނބުރާލައި، ދެ ގޯލުގެ ލީޑެއްނެގި އެވެ. ސޮން ހެއުން މިން ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ކޭން އެވެ. ދެ ވަނަ ހާފް ފެށިގެން 15 މިނިޓް ތެރޭ، ފްރޭންކްފާޓްގެ ޓޫޓާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި ނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް ވެސް އެ ޓީމުން ލަނޑެއް ޖެހި އެވެ. މެޗުގެ 87 ވަނަ މިނިޓްގައި ފްރޭންކްފާޓްގެ ދެ ވަނަ ގޯލު ޖެހީ ފަރީދޭ އަލިދޫ އެވެ.

ޓޮޓެންހަމް އޮތީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގެ އެއް ވަނައިގަ އެވެ. އެއީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު މާސޭ އެެވެ. ތިން ވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދި ސްޕޯޓިން އެވެ، ފުލުގައި އޮތް ފްރޭންކްފާޓަށް ލިބިފައިވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox