ނިއު ރޭޑިއަންޓްގެ ދެ ވަނަ ޓީމުގެ ގޮތުގައި ރޭޑިއަންޓް ކުރިއަށްދާނެ: ވާސިފް

May 31, 2022, 3:12 AM
ނިއު ރޭޑިއަންޓާއި ރޭޑިއަންޓްގެ އެންމެ ފަހުގެ އިންތިހާބީ ޗެއާމަން ވާސިފް.

ނިއު ރޭޑިއަންޓާއި ރޭޑިއަންޓްގެ އެންމެ ފަހުގެ އިންތިހާބީ ޗެއާމަން ވާސިފް.

ސަސްޕެންޝަނުން ސަލާމަތްވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފުޓްބޯޅައިގެ ހަރަކާތްތަކުގައި އަލުން ވާދަކުރާއިރު، ނިއުގެ ދެ ވަނަ ޓީމުގެ ގޮތުގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކަންކަން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނިއުގެ ޗެއާމަން ކަމަށް ދާދި ފަހުން އިންތިހާބުވެވަޑައިގަތް އަހުމަދު ވާސިފް ވިދާޅުވެއްޖެ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ނިއު ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވަނީ 2019 ވަނަ އަހަރު ކުރީކޮޅުގަ އެވެ. ފުރަތަމަ އެފްއޭއެމުން ނިއު ސަސްޕެންޑްކުރިއިރު، ފަހުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ނިއު އިން އެ ކްލަބްގެ އިންތިހާބު ބޭއްވިއިރު، ފުރިހަމަ އިއްތިފާގުން ކްލަބްގެ ޗެއާމަންކަން ކާމިޔާބުކުރެއްވީ ވާސިފް އެވެ. ވާސިފް އަކީ ދާދި ފަހުން ނިއުގެ ސަޕޯޓަރުން އިސްވެ، އުފެއްދި ކްލަބް، ރޭޑިއަންޓްގެ ވެސް ޗެއާމަން އެވެ. ރޭޑިއަންޓަކީ ނިއުގެ "ސްޕޯޓިން ސަކްސެސާ"ގެ ގޮތުގައި އޭއެފްސީން ވަނީ ކަނޑައަޅައިފަ އެވެ. އަދި ރޭޑިއަންޓަށް ކުރިއަށް ދެވޭނީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް ވެސް އޮތީ ނިންމައިފަ އެވެ.

މީގެ ކުރިން ރޭޑިއަންޓުން ބުނަމުން އައީ ނިއުއާ ގުޅުމެއް ނެތް ކަމަށެވެ. އެކަަމަކު، ހުކުރު ދުވަހުގެރޭ ވާސިފް ވިދާޅުވީ ރޭޑިއަންޓް ގެންނަން ފުރަތަމަ ނިންމީ ނިއުގެ "ދަރަނި އިންތިހާ އަށް ބޮޑުވެފައި" އޮތުމުން ކަމަށާއި އެކަމަކު، އޭއެފްސީގެ ނިންމުމާ އެކު ނިއު އަލުން ކޮޅަށް ޖަހަން ކުރެވެން ހުރި މަސައްކަތެއް ކޮށްގެން ކުރިއަށްދާން ނިންމީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުން، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އިސްވެ ހުންނަވައި، ނިއު އަލުން ގެނައުމުގެ މަސައްކަތުގައި އުޅުއްވާއިރު، ވާސިފް ވިދާޅުވީ ނިއުގެ ކަންކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެެވެ.

"އަންދާޒާ ކުރެވޭ ގޮތުގައި ނިއު ރޭޑިއަންޓްގެ 6.8 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް. ނިއު ރޭޑިއަންޓަކީ ކުޑަ ކްލަބެއް ނޫން، ސަޕޯޓަރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބައޮތް. ދިވެހިރާއްޖޭގެ ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާ އަޅުގަނޑުމެންނާ އެކު އޮތިއްޔާ. އަޅުގަނޑުމެންގެ އުންމީދު ވަރަށް ބޮޑު،" ވާސިފް ވިދާޅުވި އެވެ. "ނިއުގެ ބީ ޓީމުގެ ގޮތުގައި ރޭޑިއަންޓް ބާއްވައި، ނިއު ރޭޑިއަންޓް ކުރިއަށްދާއިރުގައި ރޭޑިއަންޓް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،"

ރައީސް ސޯލިހުގެ އެއްބާރުލެއްވުމާ އެކު، ސަސްޕެންޝަންގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް ވަނީ ހިނގައިގަންނަން ފަށައިފަ އެވެ. ވިކްޓަރީން އިންތިހާބު ބާއްވައި، ކްލަބްގެ ރައީސަކަށް އިންތިހާބުކުރީ އެ ކްލަބަށް ކުރިން ކުޅުނު މި ވަގުތު މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ހުސެއިން އާދަމް (އާދަމްބެ) އެވެ.

ވިކްޓަރީން ވަނީ ކްލަބްގެ ދަރަނީގެ ގޮތުގައި އޮތް އަށް ލައްކައެއްހާ ރުފިޔާ ދައްކައި، އަންނަ ޖުލައި މަހު ފަށަން ތާވަލުކޮށްފައި އޮތް ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޓީމެއް އެކުލަވާލައިފަ އެވެ.

ވާސިފް ވިދާޅުވީ ނިއުގެ ވެސް އަމާޒަކީ ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފެށެން ވާއިރަށް ކަންކަން ހަމަޖެހިގެންދިއުމެވެ.

"އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިއު އަށް ވާދަކުރެވޭގޮތް ހެދުން. އެކަމަކު، ނިއުގެ އޮތް ދަރަންޏާ ވިކްޓަރީގައި އޮތް ދަރަނި އަޅާކިޔާއިރުގައި ވިކްޓަރީ އަކީ ވަރަށް ކުޑަ މިންވަރެއް،" ވާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދަރަނި އަދާކުރެވޭއިރު، ދެ ވަނަ ޑިވިޝަން ފަށާފައިވާ ކަމަށްވާނަަމަ، އެ މުބާރާތް އަތުގައި ނުޖެހުނަސް އަމާޒަކީ ނިއު އަނބުރާ ވުޖޫދަށް ގެނައުން. މި އަންނަ އަހަރު ކަމުގައި ވިޔަސް މި އަހަރު ކަމުގައި ވިޔަސް. ހާއްސަ އިސްކަމެއް ދޭނަން މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް ގެނެވޭތޯ،"

މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ނިއުގެ އިންތިހާބުގެ ތެރެއިން.---

މީގެ ކުރިން ނިއު އިން އެކި ސިފަސިފައިގައި ބުނަމުންދިޔައީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ "ޒާތީ" ކަމެއް އޮތުމުން ކަމަށެވެ. އަދި ވިކްޓަރީ އާއި ނިއު އިން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން އުޅޭތީ އެ ދެ ކްލަބަށް ފިޔަވަޅު އެޅީ ކަމަށެވެ. އަދި ރޭޑިއަންޓަށް ހުރަސް އެޅީ ވެސް ނިއުއާ މެދު ތަފާތު ކުރުން ގެންގުޅޭތީ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު، ވާސިފް ވިދާޅުވީ އެފްއޭއެމުން ނިއު އަލުން ގެންނަން ކުރާ މަސައްކަތުގައި މިހާރު ވަރަށް ބޮޑަށް އެހީތެރިވަމުން އަންނަ ކަމަށެެވެ.

"އެފްއޭއެމުން ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ދެއްވާނެ ކަމަށް މި ގަބޫލުކުރަނީ. އެއީ ސީދާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުން ދާ ކަމެއް ވީމަ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވެސް މި ކަމުގައި އަޅުގަނޑަކަށް ހިއެއްނުވޭ. ގޯސްގޮތަކަށް މިކަން ގޮސްދާނެހެން،" ވާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު (އެފްއޭއެމްގެ ރައީސް) ބައްސާމް އަދީލް ޖަލީލަށް ވެސް އެބައޮތް. އެއީ އެ ބޭފުޅާގެ އެއްބާރުލުން ފާހަގަކޮށް، މި ފުރުސަތުގައި އެފްއޭއެމްގެ ވެރިންނަށް ވެސް ޝުކުރު އަދާކުރަން،"

ނިއުގެ ކަންކަމާ ގުޅޭގޮތުން އެ ކްލަބްގެ އާ ލީޑަޝިޕާއި އެފްއޭއެމްގެ ބައްދަލުވުންތަކެއް އަންނަނީ ހިނގަމުންނެވެ. ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ފީފާ މެދުވެރިކޮށް ހަަމަޖައްސައި، އެ ކްލަބަށް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދީފައިވާ އަދަބު އުވާލަން ޖެހޭނެ އެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ނިއު އަށް ކުޅުނު ދިވެހި ކުޅުންތެރިންނަށް މުސާރަ ދޭނެ ގޮތަކާ މެދު އެއްބަސްވުންތަކެއް ހަދައި، އެކަން ރަސްމީ ފަރާތްތަކަށް އަންގަން ޖެހޭނެ އެވެ.

ނިއު އަލުން ގެންނަން ކުރާ މަސައްކަތުގައި އެ ކްލަބްގެ އާ ބޯޑުގެ ވިސްނުމަކީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ފަންޑްރައިޒިިން އިވެންޓްތަކެއް ބޭއްވުމެވެ. މި ކަންކަމަށް މާކެޓިން ފާމަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވާސިފް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox