އީގަލްސް އިން އަނެއްކާވެސް ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި

Mar 9, 2022, 6:42 PM
އީގަލްސްގެ ސަމީހު (ވ) ކައިރިން ދަ ގްރާންޑޭގެ އާކިބް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އީގަލްސްގެ ސަމީހު (ވ) ކައިރިން ދަ ގްރާންޑޭގެ އާކިބް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 4-2 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.

މިއީ މި ސީޒަނުގައި ދަ ގްރާންޑޭ އަތުން ފަހަތުން އަރައި އީގަލްސް އިން ހޯދި ދެ ވަނަ މޮޅެވެ. ޕްރެޒިޑެންޓްސް ކަޕްގައި ވެސް ދަ ގްރާންޑޭ އިން އީގަލްސް ކައިރިން ލީޑެއްނެގި އެވެ. އެކަމަކު، އީގަލްސް އިން ވަނީ އެ ފަހަރު 3-2 އިން މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

މިރޭގެ މޮޅާ އެކު އީގަލްސް ތިން ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް ވެެލެންސިއާ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ދަ ގްރާންޑޭ އިން މިރޭގެ މެޗަށް ނުކުތްއިރު އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ސްރީ ލަންކާ ފޯވާޑް މުހައްމަދު އާކިބް މެޗަށް ފިޓްވެފައިވުމެވެ. މެޗު ފަށައިގެން ދެ ޓީމުން ވެސް އަވަސް ކުޅުމަކާ އެކު އެޓޭކް ކުރަމުންދިޔައިރު، މެޗުގެ 12 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ލަންކާ މިޑްފީލްޑަރު ޗަމޯދު ދިލްޝާން އޭރިއާތެރެއިން ޖެހި ބާރު ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތާހާ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ޗަމޯދަށް ލިބުނު ދެ ވަނަ ފުރުސަތުން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ސާބިއާ ޑިފެންޑަރު މާކޯ އިވަނޮވިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އީގަލްސް އިން މެޗުގެ 23 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި ގޯލެއް ޖެހޭތޯ ބެލި އެވެ. ރިޒޭ އޭރިއާތެެރެއިން ހުސްކޮށްލާފައި އެ ޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) އަށް ދިން ބޯޅަ އޭނާ އަށް ފޮނުވާނުލެވުނެވެ. މެޗު ފަށައިގެން ހެލްމެޓް ކުޅެމުންދިޔައީ އާންމުކޮށް އޭނާ ނުކުޅޭ މަގާމަކަށެވެ. އެއީ އެޓޭކިން މިޑްފީލްޑް ރޯލަކަށެވެ.

އީގަލްސް ހާސްކޮށްލުމަށް ފަހު ދަ ގްރާންޑޭ އިން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް (މަފާ) ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އާކިބް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ތާހާ އަތުގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ދަ ގްރާންޑޭގެ ލީޑުފުޅާކޮށްދިނީ މަފާ އެވެ. އޭރިއާތެރެއިން ޗަމޯދު ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތްވަގުތު މަފާ ވަނީ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދަ ގްރާންޑޭގެ ގޯލުތަކަށް ފަހު ހެލްމެޓް ވަނީ ޑިފެންސަށް ފައިބައިފަ އެވެ. ދަ ގްރާންޑޭ އިން ލީޑުނަގައި ހަމަޖެހިނުލެވެނިސް އީގަލްސް އިން ވަނީ ގޯލެއް ޖެހި އެވެ. މެޗުގެ 31 ވަަނަ މިނިޓްގައި ރިޒޭ ދިން ބޯޅައެއް އެ ޓީމުގެ އަހުމަދު ހަަސަން (އައްމަޑޭ) ވަނީ އޭރިއާތެރެއިން ގޯލަށް ވައްދާލައިފަ އެވެ. އީގަލްސް އިން ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަނުމަށް ފަހު ހަމަޖެހިނުލެވެނިސް ދަ ގްރާންޑޭ އަށް އަލުން ދެ ގޯލުގެ ލީޑެއްނަަގައިދޭން ޗަމޯދު ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އީގަލްސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އެވެ. އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ސަމިއްޓެ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 25 ސިކުންތު ތެރޭގައި އީގަލްސް އިން ވަނީ ތިން ވަނަ ގޯލެއް ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އޭރިއާތެެރެއިން އައްމަޑޭ އާއި ސަމިއްޓެ ގުޅިގެން އުފެއްދި އެޓޭކެއްގައި ހުމައިދު ހުސަން އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ހުމައިދު މެޗު ފެށީ ޑިފެންސުންނެވެ. އެކަމަކު، ފަހުން ހެލްމެޓް ފަހަތަށް ޖައްސާފައި ހުމައިދު ކުޅުނީ އެޓޭކިން ލައިނުގަ އެވެ.

މި ސީޒަނުގައި ހުމެއިދު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު ތިން މެޗުގައި ވެސް ވަނީ ގޯލު ޖަހައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ އިތުރު ވަގުތުގައި ހުމެއިދު ޖެހި ގޯލުން އީގަލްސް މޮޅުވިއިރު، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އިން ދަ ގްރާންޑޭ ބަލިކުރި މެޗުގައި ވެސް ހުމެއިދު ގޯލު ޖެހި އެވެ.

މެޗުގެ 61 ވަނަ މިނިޓްގައި އީގަލްސް އިން ހަތަރު ވަނަ ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އީގަލްސްގެ ހިސާމް ސަލީމް (ކޮކީ) ގޯލު ކުރިމައްޗަށް ހުރަސްކުރަން ނެގި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް އަތްމަތިން އޮއްސިގެން ގޮސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 86 ވަަނަ މިނިޓްގައި އީގަލްސް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ރިޒޭ ހުސްކޮށްލާފައި އައްމަޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ކީޕަރު ޝިހާމް އަތަށެވެ. މި މެޗުގައި ރިޒޭ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގައި ނަސީބުގެ އެހީ ނުލިބި ގެއްލުނީ އެވެ.

އީގަލްސް އިން ހަތަރު ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. ދަ ގްރާންޑޭގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އިމްރާން ނަޝީދު (އިންމަ) ހުސްކޮށްލާފައި ދިން ބޯޅަ އަބްދުﷲ ޒިޔާން (ޖަންކީ) ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޒިޔާން ކުޅެން އެރީ އައްމަޑޭގެ ބަދަލުގަ އެވެ.

އޭގެ ފަހުން ދަ ގްރާންޑޭގެ އަލީ ޝަމާލް ޖެހި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އީގަލްސް އިން ބަދަލެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. މިއީ ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ހަންނަ ކުޅުނު ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox