ކްލަބް އޭދަފުށީގެ ޗެލެންޖް އާތީ އަށް ޝައުގުވެރިވީ ހުނަރު އޮތުމުން

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން އާތީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން އާތީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒަމާނުއްސުރެ ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ބ. އޭދަފުށްޓާ ގުޅުން ހުރި ފުޓްބޯޅައިގެ ހަނދާންތަކެއް ފުރަތަމަ ޑިވިޝަނުގައި 1980ގެ އަހަރުތަކުން ފެށިގެން ކުޅުނު ކޮންމެ ކުޅުންތެރިއެއްގެ ސިކުނޑީގައި ޔަގީނުން ވެސް ހުންނާނެ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެ، ފަހުން ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ މަޝްހޫރު ކޯޗު މުހައްމަދު އާތިފް (އާތީ)ގެ ވެސް އެ ފަދަ ގިނަ ހަނދާންތަކެއް އެބަހުއްޓެެވެ.

ކްލަބް އޭދަފުށިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރަން ޓީމު އެކުލަވާލިއިރު، ކޯޗަކަށް އަންނަން އާތީ އަށް އޮފާ ލިބުމުން އޭނާ އަށް ލިބުނީ ހިތްހަމަ ޖެހުމެކެވެ. އެއީ ސަބަބުތަކެއް ވެސް އޮތީމަ އެވެ.

އާތީ ލެގޫންސަށް ބޯޅަ ކުޅުނުއިރު، ދަނޑުމަތިން އިދިކޮޅަށް ނުކުންނަން ޖެހުނު އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގައި ތިބި ކުޅުންތެރިންގެ ހުނަރު ފެނުމުގެ އިތުރުން ދިވެހި ފުޓްބޯޅައިގެ ތާރީހަށް ބެލިޔަސް މި ހޭދަވީ ދިގު މުއްދަތުގައި އޭދަފުށިން އުފެދިފައިވާ ފުޓްބޯޅަ ކުޅުންތެރިންގެ ނިސްބަތް އެހެން ރަށްތަކާ އަޅާކިޔާއިރު އިތުރުވުމެވެ.

"ނެޝަނަލް ޓީމު (ގައުމީ ޓީމު)ގެ ތިނެއް ނޫނީ ހަތަރެއް އަބަދުވެސް އޭދަފުށިން މި ދަނީ ރިޕްރެޒެންޓް ކުރަމުން. އެހެންވީމަ އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ވަރަށް މަޝްހޫރު ރަށެކޭ ދަންނަވާނީ. އޭދަފުށީގެ ކޯޗުކަމުގެ އޮފާ ލިބުނު ހިސާބުން އަޅުގަނޑަށް ގަބޫލުކުރެވުނީ ވަރަށް ޓެލެންޓް އޮންނާނެއޭ. އެ ގޮތަށް މި ތަނަށް އައިސް މަސައްކަތް ކުރަން ފެށީމަ މި ފެންނަނީ. ވަރަށް ޓެލެންޓް އެބައޮތް އޭދަފުށީގައި،" އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްގެންދިޔަ ކްލަބް އޭދަފުށީގެ ޓްރެއިނިނިންގެ ތެރެއިން އާތީ "އަދަދު" އަށް ބުންޏެވެ.

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން: ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ޓީމުގައި އެބަތިބި ކަމަށް ކޯޗު އާތީ ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާތީ ބުނީ އޭދަފުށީގައި ފުޓްބޯޅަ ހުނަރު ހުރި ކޮންމެ ކުޅުންތެރިއަކަށް ގޮސް މާލޭގައި ފުރަތަމަ ޑިވިޝަނުގައި ކުޅެވެން ނެތެވެ. ފުޓްބޯޅައިގެ ހުނަރުން ފުރިފައި ހުއްޓަސް ދިރިއުޅުމުގެ ވައްޓަފާޅި އާއި ވަޒީފާ ހުރިގޮތުން ރަށުގައި މަޑުކުރަން ޖެހޭ ކުދިން ވެސް އޭދަފުށީގައި ގިނަކަން އާތީ ފާހަގަކުރި އެވެ.

"މިތާ (ކްލަބް އޭދަފުށީ)ގައި މި ތިބީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެވޭ ވަރުގެ ކުޅުންތެރިން މި ވަގުތަށް ބެލިޔަސް. އެ ފެންވަރުގެ އަށެއް ނޫނީ ނުވަ ވަރަކަށް ކުޅުންތެރިން އެބަތިބި،" ކުރިން ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)، ވިކްޓްރީ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން އާތީ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ފޯމެޓަށް ބޮޑު ބަދަލެއް 2023/24 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ގެންނަން ނިންމާފައިވާއިރު، އޭގައިވާގޮތުން މުޅި ރާއްޖެ ބެހޭނީ ހަތަރު ޒޯނަކަށެވެ.

އޭދަފުށި އޮތީ ޒޯން ދޭއްގަ އެވެ. ޒޯން ދޭއްގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ކޮންމެ ޒޯނެއްގައި ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮތްއިރު، ޒޯން ދޭއް އެއީ ރާއްޖެ ތެރެއަށް ބަލާއިރު، އެންމެ ފޯރިގަދަވާނެ ޒޯނެވެ. ޕްރިމިއާ ލީގުގެ 2023/24 ވަނަ ސީޒަނަށް ކޮލިފައިވާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނެވެ.

އަންނަ މަހު ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށަން މަސައްކަތް ކުރާއިރު، 59 ޓީމެއް ވަނީ ކޮލިފިކޭޝަންގައި ބައިވެރިވާން ހުށަހަޅައިފަ އެވެ. ޒޯން ދޭކަށް ބަލާއިރު، 19 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އޯޕަން ރައުންޑެއް ކުޅެން ޖެހިފައި އޮތީ އޭދަފުށީގަ އެވެ. އެއީ އެ ރަށުން ދެ ޓީމެއް ބައިވެރިވެފައިވާތީ އެވެ. ރަށް ތަމްސީލްކުރުމުގެ ފުރުސަތު ލިބޭނީ އޯޕަން ރައުންޑުން މޮޅުވާ ޓީމަކަށެވެ.

އާތީ ބުނީ ޒޯންތައް މި ވަގުތު ރޭވިފައި ހުރި ގޮތަށް ބަލާއިރު، ޗެލެންޖްތަކެއް ވެސް ހުންނާނެ ކަމަށެވެ. އަދި މާލީ ނަަޒަރަކުން ޓީމުތައް ކުރަން ޖެހޭ ހަރަދުތަކަށް ބަލާއިރު، އެއީ ވެސް ގޮންޖެހުން ހުންނާނެ ކަމެއް ކަމަށް އާތީ ބުނެފައިވެ އެވެ.

"މާލީ ގޮތުން ބަލާއިރު އަޅުގަނޑަށް ވިސްނޭ ގޮތުގައި އެހާ ފަސޭހަކަމަކަށް ނުވާނެ. ދެން ކޮންމެ ކަމެއް ވެސް ޓްރައި ކޮށްލީމަ އެނގޭނީ. މީކީ ގޯސްގޮތެއް ނޫން. ހިޔާލު ދެވިދާނެ، ރަނގަޅު ގޮތް ބުނެވިދާނެ. މި އަހަރު މި ގޮތަށް ފޭސްކުރަންވީ ކަންނޭނގެ ހުރިހާ ރަށެއް ވެސް. އޭގެ ފަހުން މީގެ ދަތިތަކެއް ނޫނީ ކަމުނުދާ ކަމެއް ދެއްކޭނީ،" އާތީ ބުންޏެވެ.

ޕްރެކްޓިހުގެ ތެރެއިން އާތީ ކްލަބް އޭދަފުށީގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާތީ ބުނީ މިހާރު ފޯމެޓް އޮތްގޮތާ މެދު ލަފާކޮށްފައި ވާހަކަ ދެއްކުން އެންމެ ރަނގަޅުނުވާނެ ކަމަށެވެ. އެންމެ މުހިންމީ މި ވަގުތަށް ކޮންމެ ރަށަކުން ވެސް ބައިވެރިވެން އޮތްނަމަ ފުޓްބޯޅައިގެ ކުރިމަގަށް މިކަން ކޮށްލުން ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރުގެ ސީޒަން ފަށާނީ 12 ޓީމާ އެކުގަ އެވެ. ބާރަ ޓީމުގެ ލީގަކުން ގިނަ މެޗުތަކެއް ކުޅެލަން ލިބުމަކީ ލީގަށް އަންނާނެ ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު، މި ކަމުގައި އާތީގެ ވިސްނުން ތަފާތެވެ. އާތީ ބުނީ 12 ޓީމު އޮތުމުން މެޗު އިތުރުވުމުގެ ކަންކަމަށް ނުބަަލައި، މީގެ ވިސްނަން ޖެހޭނީ މުޅި ލީގު ކޮމްޕެޓިޓިވް (ވާދަވެރި) ލީގަކަށް ހެދޭ ވަރަށް ޓީމުތައް ވަރުގަދަ ކުރުމަށް ކަމަށެވެ.

"ވަރަށް ވަރުގަދަ ހަތަރު ޓީމު އޮވެފައި، އަނެއް ބައި އެހެން ގޮތަކަށް އޮވެގެން ކަމަކު ނުދާނެ. ކޮމްޕެޓިޓިވް 12 ޓީމު އެބަވާންޖެހޭ. މިހާރު ވެސް މި އުޅެނީ އެ ވަރު ނުވެގެން. ކޮންމެ ގޮތެއް ވިޔަސް ގިނަވީމަ ވިޔަސް މީތި ބައި ބަޔަށް ބެހިގެންދަނީ،" އާތީ ބުންޏެވެ.

މުޅި ފުޓްބޯޅައިގެ ކުރިމަގަށް ބަލާނަމަ ވެސް ދިވެހި ޕްރިމިއާ ލީގުން ފައިދާއެއް ކުރާނީ ރަށްރަށުގެ ޓީމުތަކުން ފާހަގަކުރެވޭ ކުޅުންތެރިންނަށް ޑިވެލޮޕްވެވޭނެ ފުރުސަތުތަކެއް އޮތުން ކަމަށް އާތީ ވަނީ ބުނެފަ އެވެ.

"މިހާރު ޓީމެއް ކޮލިފައިވެގެން އެ ހިސާބަށް ޕްރިމިއާ ލީގަށް ގޮސްފިއްޔާ އެ ޓީމުތަކުން މި ފެންނަނީ ތިބި މީހުންނެއް ނޫން. ރާއްޖޭގެ އެހެން ޓީމުތަކުން ގެންނަ ކުޅުންތެރިން. މީގެ ބަލަންވީ ގިނަ ޓީމުތައް ކުޅޭއިރު ވަރުގަދަ އަށް ކުޅެވޭނެ ރަނގަޅު ހުނަރުތަކެއް (ރަށްރަށުން) ޑިވެލޮޕްކޮށްގެން ޓީމު ވަރުގަދަވުން. މެޗުން ފައިދާ ލިބޭނެ، އެކަމު ހުރިހާ ޓީމެއް އެބަޖެހޭ ފެންވަރުގެ ޓީމުތަކަށް ވާން. މިކަން ނުވެ 15 ޓީމު ލީގުގައި އޮތަސް ފައިދާއެއް ނުކުރާނެ،" އާތީ ބުންޏެވެ.

ކްލަބް އޭދަފުށީގެ ކޯޗަކަށް މީގެ ކުރިން ވަނީ އިހުސާން އަބްދުލް ގަނީ (ސާންތީ) މަަސަައްކަތްކޮށްފަ އެވެ. ކޮވިޑް-19ގެ ތެރޭގައި ސާންތީ އަށް އޭދަފުށީގެ ކޮންޓްރެކްޓްގައި ހުރެ އެންމެ ބޭނުންވާ ވަރަށް މަސައްކަތް ކުރެވޭ ގޮތެއްނުވި އެވެ. އެކަމަކު، ޓްރެއިނިންތައް ގެންދިޔަ މުއްދަތުގައި ސާންތީ އަށް ލިބުނު ހިތްހަމަޖެހުމަކީ އޭދަފުށީގައި އޮތީ މަތީ ފެންވަރުގެ ޓާފް ދަނޑުގައި އެކަން ކުރުމުގެ ފުރުސަތު ލިބުމެވެ.

އާތީ ވެސް ވަނީ އޭދަފުށީގައި އޮތް ފެންވަރުގެ ޓާފް ދަނޑެއްގައި ތަމްރީންތައް ކުރިއަށްގެންދަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބުނެފަ އެވެ.

ގައުމީ ފިރިހެން އަދި އަންހެން ޓީމުގައި ވެސް ކޯޗިން މަސައްކަތްކޮށްފައިވާ އާތީ ބުނީ މިހާރު ފުރަތަމަ ޑިވިޝަނުގައި ކިތަންމެ މަޝްހޫރު ޓީމުތަކެއް އޮތްކަމުގައި ވިޔަސް ފަރިތަކުރުންތައް ގެންދަން ޖެހެނީ އަތޮޅު ތެރޭގައި އޮތް ބައެއް ރަށްރަށަށް ވުރެ ދަށް އިންތިޒާމްތަކެއްގައި ކަމަށެވެ.

ކްލަބް އޭދަފުށީގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މިހާރު އޭދަފުށި، ނިލަންދޫ، ނައިފަރު، ހިންނަވަރު، ކުރެންދޫ މިހާރު މިހެން ގޮސް ރާއްޖޭގެ ވަރަށް ގިނަ ތަންތާގައި ޓާފް ދަނޑު ކަހަލަ ފެސިލިޓީ އެބަހުރި،" އާތީ ބުންޏެވެ. "މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރަށަކަށް، ބޯޅަ ކުޅެން ތިބޭ ޒުވާނުންނަށް ލިބޭ. އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އެންމެ ޓޮޕް ލެވަލްގައި ވެސް މި ފެސިލިޓީގައެއް ނޫނޭ މި ޕްރެކްޓިސް ކުރަނީ. އަޅުގަނޑު ދަންނަވާނީ ބަލައިގަނެގެން މިކަން ކުރަން ތިބިއްޔާ މިއީ ރަނގަޅު ފެސިލިޓީއެއް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ މި ފެސިލިޓީގައި މަސައްކަތް ކުރަން ލިބުނީމަ. މިއިން ޒަމާނެއްގައި ވެސް މި ފެންވަރުގެ ފެސިލިޓީއެއްގައި ޕްރެކްޓިސް ކުރާކަށް ނުލިބޭ،"

އާތީގެ 20 އަށް ވުރެ ގިނަ އަހަރުވީ ކޯޗިން ކެރިއަރުގައި އާތީ ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި އުމުރު ފުރާ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުތަކުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން އާތީ ގެނައުމުގެ ޝައުގުވެރިކަން ހުއްޓައި އޭނާ ކްލަބް އޭދަފުއްޓާ ހަވާލުވެ، ހުރީ ރަނގަޅު މަސައްކަތެއް ކުރުމުގެ އަޒުމުގަ އެވެ.

އާތީ ބުނީ މި ޗެލެންޖަކީ އޭނާ ވެސް ތަޖުރިބާ ކޮށްލަން ބަލާއިރު ރަނގަޅު ކަމެއް ކަމަށެެވެ. އަދި ލިބިފައި ހުރި ތަޖުރިބާގެ އަލީގައި ވީ އެންމެ ރަނގަޅަށް ވަރަށް ބޮޑަށް ވަގުތު ދީގެން އާތީ ހުރީ މަސައްކަތް ކުރަން ތައްޔާރަށެވެ.

"މީގެ ބަލަންވީ މެކްސިމަމްގައި ވޯކް ކުރީމަ އަޅުގަނޑުގެ ކޮލިޓީ އަކީ ކޮބައިތޯ. އެއީ ކަންނޭނގެ މިއީ އަޅުގަނޑު ޖަޖް ކުރަން ޖެހޭ އެއްޗަކީ. މި ޓީމު އިރާދަކުރެއްވިއްޔާ ހަމަ މީހުން ގަބޫލުކުރާ ވަރުގެ ފުޓްބޯޅަ ކުޅޭ ޓީމަކަށް ހަދައިދޭނަން. ވައުދެއް ނުވެވޭނެ ޕްރިމިއާ ލީގަށް ގެންގޮސްދޭނަމެކޭ. އެކަމަކު، މި ޓީމު އަޅުގަނޑާ ހަވާލުވިއިރު މި އޮތް ވަރަށް ވުރެ މާ ބޮޑުތަން ކުރިއަށް ގެނެސް އޭދަފުށީ މި ޓީމު ފުޓްބޯޅަ ކުޅޭ ޓީމަކަށް ހަދައިދޭނަން،" އާތީ ބުންޏެވެ.

ކްލަބް އޭދަފުށީގެ ފަރިތަކުރުންތަކުގެ ތެރެއިން ސައްޓު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެއް އަހަރުގެ މުއްދަަތަށް ކްލަބް އޭދަފުށީގެ ކޮންޓްރެކްޓްގައި ހުރި އާތީ މަސައްކަތް ކުރަނީ އެ ރަށުގައި ހުރެ އެވެ. ޓްރެއިނިންތައް ޓާފް ދަނޑުގައި ކުރިއަށް ގެންދިއުމުގެ އިތުރުން ޓެކްޓިކަލް ކަންކަން އޮޅުން ފިލުވައިދޭން އެކި ސެޝަންތައް ވެސް ނަގައިދޭނެ އެވެ.

އާތީގެ އެހީތެރިންގެ ގޮތުގައި ކޯޗިން ޓީމުގައި އޭދަފުށީ ފުޓްބޯޅައިގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ އަށް ބަލާއިރު ދެ ފަރާތެއް ހަރަކާތްތެރިވާނެ އެވެ. އެއީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ޓީމުގެ މެނޭޖަރު އަބްދުލް މަޖީދު އާއި 1991 ވަަނަ އަހަރު ރާއްޖޭގެ އަށް ރިހި މެޑަލް ހޯދައިދިން ގައުމީ ޓީމުގެ އަބްދުލްވާހިދު ހުސެއިން ވެސް ހިމެނެ އެވެ.

ކްލަބް އޭދަފުށީ މި ވަގުތު އޮތް ޓީމަށް ބަލާއިރު، މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބާއި ށ. މިލަންދޫ ޓީމަށް ކުޅެ، ގައުމީ ސްކޮޑުގައި ވެސް ހިމެނުނު އިޝާން އިބްރާހިމް (ސައްޓު) ހިމެެނެ އެވެ. އަދި އޭދަފުށިން ރާއްޖޭގެ އެކި ލެވަލްގެ މުބާރާތްތަކުގައި ކުޅުނުއިރު، ރަށް ތަމްސީލްކުރި ގިނަ ކުންތެރިން ހިމެނެ އެވެ. އަދި ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން ވެސް ސްކޮޑުގައި އެބަތިބި އެވެ.

އޭދަފުށީގެ ކައުންސިލާ ގުޅިގެން 2018 ވަނަ އަހަރު ތެރޭ އުފައްދާފައިވާ ކްލަބް އޭދަފުށިން ވަނީ އެފްއޭއެމް އިން ބޭއްވި ޔޫތު ޗެމްޕިއަންޝިޕާއި އެފްއޭ ކަޕްގެ އިތުރުން ބެޑްމިންޓަން ގައުމީ ލެވަލްގެ މުބާރާތްތަކުގައި ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox