ސިޓީ މޮޅުވިއިރު، ސައުތެމްޓަނުން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފި

Feb 10, 2022, 4:08 AM
ސިޓީ މޮޅުވިއިރު، ސައުތެމްޓަނުން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން އެއް ވަނައިގައި ލީޑުފުޅާކުރިއިރު، ސައުތެމްޓަނުން ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު މެޗަކަށް ނުކުތް ޓޮޓެންހަމް ހޮޓްސްޕާސް 3-2 އިން ބަލިކޮށްފި އެވެ.

މި މޮޅާ އެކު ސިޓީން ވަނީ ލީގުގެ ކުރީގައި 12 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއީ ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ސިޓީ އަށް 60 ޕޮއިންޓް ލިބިފައިވަނީ 24 މެޗު ކުޅެގެންނެވެ. ލިވަޕޫލުން 22 މެޗުން 48 ޕޮއިންޓް ހޯދާފައިވާއިރު، މި ވަގުތު ކްލަބް ވޯލްޑް ކަޕް ކުޅެން ޔޫއޭއީގައި ތިބި ޗެލްސީ އަށް 24 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ކުޅޭނެ އެވެ.

ބްރެންޓްފޯޑުން ސިޓީ އަށް އުނދަގޫތަކެއް ކުރިިމަތި ކުރުވި ރޭގެ މެޗުގައި ސިޓީން 40 ވަނަ މިނިޓްގައި ލީޑުނެގީ ރިޔާދު މާރޭޒް ޖެހި ޕެނަލްޓީންނެވެ. ސިޓީ އަށް މި ޕެނަލްޓީ ދޭން ނިންމީ ބްރެންޓްފޯޑް އޭރިއާތެރެއިން އެ ޓީމުގެ މެޑްސް ރޯސްލޭވް ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލު ކުރުމުންނެވެ.

މެޗުގައި ސިޓީން ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ 69 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކެވިން ޑިބްރޭނާ އެވެ. ސިޓީން އުފެއްދި އެޓޭކެއްގައި އޭރިއާތެރެއިން ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ އަތުގައި ޖެހިފައި ނުކުތް ވަގުތު ޑި ބްރޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސިިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޕްރިމިއާ ލީގުގެ މި ފަހަރުގެ "ޗެމްޕިއަނުންނަކީ ސިޓީ ކަމަށް" ބުނެ، ދައްކާ ވާހަކަ އަށް އޭނާ ސަމާލުކަމެއް ނުދޭނެ ކަމަށެވެ. އަދި މި ވަގުތު ފޯކަސް އަކީ ކުރިމަތީގައި އޮތް މެޗުން މޮޅުވެވޭނެ ގޮތްތަކަށް ވިސްނުން ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

ޓޮޓެންހަމުން ރޭ ލީޑުނެގީ 18 ވަނަ މިނިޓްގައި ސައުތެމްޓަނަށް ކުޅޭ ޕޮލެންޑްގެ ޑިފެންޑަރު ޔެން ބެޑްނަރެކް ހެދި ގޯހެއްގައި، އޭނާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އޭގެ ފަސް މިނިޓް ފަހުން ސައުތެމްޓަންގެ ފޯވާޑް އަރްމާންޑޯ ބްރޯޖާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ބްރޯޖާ މި ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިން ވާތު ބެކް ރޯމެއިން ޕެރޯ ވަނީ ސައުތެމްޓަނަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާބޭރުން ޕެރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި ފުލުފުލުގައި ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު، ޓޮޓެންހަމް އިން މެޗުގެ 70 ވަނަ މިނިޓްގައިވަނީ އަލުން ލީޑުނަގައިފަ އެވެ. ލޫކަސް މޯރާ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ސޮން ހެއުން މިން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސައުތެމްޓަން އިން ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 79 ވަނަ މިނިޓްގައި ސައުތެމްޓަނަށް އެއްވަރުކޮށްދިނީ ޖޭމްސް ވޯޑް ޕްރައުސް ދިން ބޯޅަ އަކުން މުހައްމަދު އެލްޔޫނެސީ ބޮލުން ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން 82 ވަނަ މިނިޓްގައި ވޯޑް ޕްރައުސް ނަގައިދިން ހުރަހަކުން ސައުތެމްޓަން މޮޅުކޮށްދިން ގޯލު ޖެހީ ޗޭ އެޑަމްސް އެވެ. މިއީ ވެސް ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމް ރޭގެ މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ ރޭހުގައި އެ ޓީމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ޓޮޓެންހަމް މި ވަގުތު ހަތް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް އާސެނަލާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ޓޮޓެންހަމާއި ހަ ވަނައިގައި އޮތް އާސެނަލަށް 21 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 23 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 24 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.

ފިލިއްޕޭ ކުޓީނިއޯ އެއް ގޯލު ޖެހުމަށް ފަހު ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން މެޗުގައި ރޭ އޭނާ ކުޅެމުން އަންނަ އެސްޓަން ވިލާ ވަނީ 3-3 އިން ލީޑްސް ޔުނައިޓެޑާ އެއްވަރުވެފަ އެވެ. ކުޓީނިއޯ ދިން ބޯޅަތަކުން އެސްޓަން ވިލާގެ ޖޭކަބް ރާމްސޭ ދެ ގޯލު ޖެހިއިިރު، މި މެޗުގައި ލީޑްސްގެ ލަނޑުތައް ޖެހީ ޑެނިއަލް ޖޭމްސް ދެ ގޯލާއި ޑިއޭގޯ ލޮރެންޓޭ އެވެ. މެޗުގެ ފަހު ކޮޅުގައި އެސްޓަން ވިލާގެ ޑިފެންޑަރު އެޒްރީ ކޮންސާ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.

ރޭ ކުޅުނު އަނެއް މެޗުން ރެލިގޭޝަނުގައި އޮތް ނޮރިޗް ސިޓީ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުކޮށްފަ އެވެ. ޓީމޫ ޕޫކީ ނޮރިޗަށް ލީޑުނަގައިދިންއިރު، ޕެލަސް އިން އެއްވަރުކުރީ ވިލްފްރިއެޑް ޒަހާ ޖެހި ހިތްގައިމު ގޯލުންނެވެ. ޕެލަސް މޮޅުކޮށްދޭން ޒަހާ ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox