އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ކަޓުވާލައި އީގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި

Feb 9, 2022, 1:26 PM
ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ސަމާހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ސަމާހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ކްލަބް އީގަލްސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕް ބާއްވަން ފެށި ފަހުން ކުޅުނު ނުވަ މުބާރާތުގެ ތެރެއިން ހަތް ފަހަރު އީގަލްސް އިން ފައިނަލުގައި ކުޅޭނެ އެވެ. އީގަލްސް އިން ހަތަރު ފަހަރު މުބާރާތުގެ ތަށި ހޯދާފައިވާއިރު، ދެ ފަހަރު ވަނީ ފައިނަލުގައި ބަލިވެފަ އެވެ.

އީގަލްސް އިން އެންމެ ފަހުން 2019 ވަނަ އަހަރު 21 އަހަރުން ދަށަށް ޔޫތު ޗެމްޕިއަންޝިޕް ބޭއްވިއިރު، ފައިނަލުގައި ވަނީ ޓީސީ ބަލިކޮށްފަ އެވެ. ޔޫތު ޗެމްޕިއަންޝިޕް މީގެ ކުރިން 19 އަހަރުން ދަށަށް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަނަ އަހަރު އެވެ. އެ ފަަހަރު އީގަލްސް ބަލިކޮށް ތަށި ހޯދީ ކްލަބް ގްރީން ސްޓްރީޓްސް އެވެ.

އަންނަ އާދިއްތަ ދުވަހު ހަވީރު ފ.ނިލަންދޫ ޓާފް ދަނޑުގައި އީގަލްސްއާ ދެކޮޅަށް ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ މިރޭގެ ސެމީ ފައިނަލް މެޗަށް ފަހު އެވެ. މިރޭ ކުޅޭ ސެމީގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

އީގަލްސް އިން މިއަދުގެ މެޗު ފަށައިގެން ފުރަތަމަ 25 މިނިޓް ތެރޭ ވަނީ އަނިޔާގެ ސަބަބުން ޓީމުގެ އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. އެ ގޮތުން ޒައިން ޒަފަރާއި މުހައްމަދު ރަޔާން މުއްސަދު މަންސޫރަށް އަނިޔާވެގެން ބަދަލުކުރި އެވެ. މެޗުގެ ކުރީކޮޅުގައި އީގަލްސްގެ އެޓޭކް ލީޑުކުރަމުން ދިޔަ މުހައްމަދު ސަމާހު މޫސާ ފަތުހީ އަށް ލިބުނު ފުރުސަތަކުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ނުރައްކާނުވެ އެވެ.

ޓީސީން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ގޮތުން ޓީސީގެ ކުރިއަށް ކުޅޭ އަހުމަދު ޒައުލް ނާޒިމާއި ޔޫސުފް ޝާއިފަށް ލިބުނު ފުރުސަތުތަކުގައި އީގަލްސްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ޝައިހާން އަލީ ފެނުނީ ވަރަށް ހުށިޔާރުކޮށެވެ. ކީޕަރު ޝައިހާން ވަނީ ޓީސީގެ އެޓޭކްތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފްގައި ކުޅުން ފަށައި ދެ ޓީމުން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް ކުރަން މަސައްކަތްކުރި އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ޓީސީގެ ގޯލްކީޕަރު ނައިޝަމް އަހުމަދު ކުރިއަށް އެރި ބޯޅައެއް ހޯދައި، އީގަލްސްގެ ސަމާހު ގޯލެއް ފޮނުވާލުމުގެ ކުރިން ޓީސީގެ ޑިފެންޑަރު އަހުމަދު މާއިޝް ރަޝީދު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުގައި އީގަލްސް އިން މެޗުގައި ފެނުނު ހަމައެކަނި ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ ސަމާހު އެވެ. ސަމާހު ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ޓީސީން ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފަ އެވެ. ޓީސީގެ ކުރިއަށް ކުޅޭ ހަސަން އަޒޫމް އަލީ ޖެހި ބޯޅަ ކީޕަރު ޝައިހާން އަތުގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރަށް ހޯދައި، ޓީސީން ކުރި އެޓޭކުގައި އެ ޓީމުގެ ފަހުމާން އަބްދުލް ހަމީދު ޖެހި ބޯޅަ ގޯލު ރޮނގުމަތީގައި ހުރި، އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސައިން ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ޓީސީގެ މުހައްމަދު ޒަޔާން އިސްމާއިލް ޖެހި ވޮލީއެއް ގޯލުގެ ހުރަސްދަނޑިމަތިން ދިޔައިރު، އޭގެ މިނިޓެއް ފަހުން ފަހުމާން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ މާ ދުުރުންނެވެ. އޭގެ ފަހުން ޓީސީން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ބަލަަމުންދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ގޯލެއް ޖަހަން އީގަލްސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޓީސީ އޭރިއާތެެރެއިން ހަސަން ސަހާފް ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox