އޮލިމްޕިކް ކޮމިޓީގެ ވިސްނުން 10 އަހަރުގެ ޕްލޭނަކާ ދިމާލަށް

Jan 12, 2022, 3:24 AM
ކުއީންސްބެޓަން ރިލޭ އިވެންޓްގެ ތެރެއިން ސައްތާރު (ކ).-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިމޭޖަސް.އެމްވީ

ކުއީންސްބެޓަން ރިލޭ އިވެންޓްގެ ތެރެއިން ސައްތާރު (ކ).-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިމޭޖަސް.އެމްވީ

ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި މިހާރު ކުރެވެމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ 10 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނެއް ހެދުން ކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

މި އަހަރު ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގެ "ބާމިންހަމް 2022 ކުއީންސް ބެޓަން" ރިލޭގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސައްތާރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވިތާ މިވީ ހަތް މަހެއްހާ ދުވަސް ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން މިހާރު އޮތް ލީޑަޝިޕުން ގެނައި ބަދަލުތަކެއްގެ ގޮތުގައި ސައްތާރު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުން ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމާއި އެތުލީޓުންނަށް ސްކޮލަޝިޕް ދޭއިރު ކުރިއަށް ވުރެ ބޮޑަށް ބެލުމުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ކަންކަން ހިނގާގޮތް ކުރިއަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ގެންދިއުން ކަމަށެވެ.

"އެންމެ ބޮޑު އެކައްޗަކީ 10 އަހަރުގެ ސްޓްރޭޓިޖިކް ޕްލޭނެއް އަޅުގަނޑުމެން އެބަ ޑިވެލޮޕްކުރަން. ބޮޑަށް މި ބަލަނީ އަޅުގަނޑުމެން އެ އަށް ނުވަދެ (ކުޅިވަރުގެ) ވަަށައިގެން ތިބި މީހުންގެ ވިސްނުން އެ އަށް ލައިގެން މީތި ޑިވެލޮޕްކުރެވޭތޯ. އޭގެ ފަހުން އެ ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް އަޅުގަނޑުމެން މީގެ ބޭނުންވާ ކަންކަން ވެސް ލައިގެން ޕްލޭނުގެ ކަންތައްތައް ކުރިއަށް ގެންދަން،" ސައްތާރު ވިދާޅުވި އެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވީ 10 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕެނަލެއް ނަގައިގެން އެސޯސިއޭޝަންތަކުގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ. އަދި މި ޕްލޭނަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ގައިޑްލައިންގެ ފްރޭމްވޯކެއްގެ ބައްޓަމަށް ތައްޔާރުކުރާ ޕްލޭނަކަށްވާތި މި ނިމިގެންދާއިރު މިއީ އިންޓަނޭޝަނަލީ ގަބޫލުކުރާނެ އެއްޗަކަށްވާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން އެކުލަވާލާ 10 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ ބައްދަލުވުމެއްގެ ތެރެއިން.

"އަޅުގަނޑުމެން ހިނގާާށޭ ދެން ކޮންމެވެސް ހިސާބަކުން މެޑަލް ތަކުގެ ވާހަކަ ދައްކަން. އޭޝިއަން ގޭމްސްގައި ވެސް. ދެން މިހާރު އައިއޯއައިޖީގައި އަޅުގަނޑުމެންނަށް (މެޑަލް) ލިބިފައި އެހުރި. އެ އަށް ވުރެން ވެސް ރަނގަޅު ކުރެވޭތޯ އުޅެންވީ،" ޕްލޭނަށް އިޝާރާތްކޮށް ސައްތާރު ވިދާޅުވި އެވެ.

"އޮލިމްޕިކްސްއާ ހިސާބަށް ދާއިރުގައި، މިހާރު މި ދަނީ މުޅިން ވައިލްޑްކާޑުގައި އަޅުގަނޑުމެން ހިނގާށޭ އެ މީހުންގެ ލެވަލަށް ފެތިގެން އެ ފެންވަރުގެ ބަޔަކަށް ވެގެން އިންޓަނޭޝަނަލް އޮލިމްޕިކްސްގައި ބައިވެރިވާން، ކޮންމެވެސް ކުޅިވަރުތަކަކުން. އަޅުގަނޑުމެންނަށް ފަހަރެއްގައި އެ ހިސާބަށް ސީދާ ނުދެވިދާނެ. އެކަމަކު، ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެވިދާނެ،"

އޮލިމްޕިކް ކޮމިޓީން 10 އަހަރުގެ ޕްލޭނެއް ހަދަން ކުރާ މަސައްކަތުގައި ކުޅިވަރު ކައުންސިލްގެ ރައީސް އިބްރާހިމް ނާހިދު ވެސް ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އަދި މިހާރު ވެސް މަސައްކަތުގައި އަމަލީ ގޮތުން އުޅެމުން އަންނަ ފަރާތްތަކުން ބައިވެރިވި އެވެ.

މިދިޔަ އަހަރު ކޮވިޑް-19ގެ އުނދަގޫތަކާ ހެދި ކުޅިވަރު އެސޯސިއޭޝަންތަކުން މަސައްކަތް ކުރަން ޖެހުނީ ގިނަ ގޮންޖެހުންތަކެއްގެ ތެރެއިން ކަމަށް ސައްތާރު ވިދާޅުވި އެވެ. އަދި އޮލިމްޕިކް ކޮމިޓީ އަށް ވެސް މިދިޔަ އަހަރު ދިމާވެފައި އޮތް ގޮންޖެހުންތަކުގެ ތެރެއިން އެސޯސިއޭޝަންތަކަށް ވީ އެންމެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވެދާނެ ކަމަށާއި ބޭނުންވަނީ ކުރިއަށް އޮތްތަނުގައި ވީހާވެސް ގުޅުން ރަނގަޅުކޮށް މަސައްކަތް ކުރުމަށް ކަމަށް ސައްތާރު ވިދާޅުވި އެވެ.

އަލުން ކޮމަންވެލްތާ ގުޅުމުގެ ފައިދާ ބޮޑު: ސައްތާރު

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތުގެ ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތުގައި ރާއްޖެ ބައިވެރިނުވެ އެވެ.

ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި ދިިޔަ އަހަރު ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ 2020 ވަނަ އަހަރު އޮގަސްޓް މަހުގަ އެވެ.

ކުއީންސްބެޓަން ރިލޭ އިވެންޓްގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިމޭޖަސް.އެމްވީ

ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވީ މި އަހަރު ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހަށް އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަށް ބައިވެރިވެވޭ ކުޅިވަރުތަކުން ވާދަކުރާނެ ކަމަށެވެ.

"ބައިވެރިވޭ ކުޅިވަރުތަކުގައި ވާނަން. ބައެއް ކުޅިވަރުތަކަކީ އަޅުގަނޑުމެންނަށް ބައިވެރިނުވެވޭނެ ކުޅިވަރުތައް. އެއީ އޭގެ އެބަޖެހޭ ގޭމްސްތަކަށް ގޮސް ވަކި ވަރަކަށް ޕޮއިންޓް ހޯދައިގެން ނޫނީ އަޅުގަނޑުމެންނަށް ބައިވެރިއެއް ނުވެވޭ. އެހެންވެގެން ބައެއް ކުޅިވަރުތަކުގައި އަޅުގަނޑުމެން ނުހިމެނެނީ.،" ސައްތާރު ވިދާޅުވި އެވެ. "މިސާލަކަށް ސްވިމިން، އެތުލެޓިކްސް އާއި މި ކަހަލަ ބައެއް ގޭމްސްތަކުގައި ބައިވެރިވެވޭނީ. ފުލްކޮށް އަޅުގަނޑުމެންގެ ހުރިހާ އެއްޗެއް ޑިސައިޑް ކުރެވިފައި ނެތް،"

ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުގެ ގޮތުން ދިވެހި ކުޅިވަރަށް އެހެން ގޮތްގޮތުން ފަހި ފުރުސަތުތަކެއް އޮވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެތުލީޓުންނަށް ސްކޮލަޝިޕް ލިބޭ ގޮތަށް ދޭ ފުރުސަތުތައް ވެސް ހިމެނެ އެވެ.

"ސަބަބުން އަޅުގަނޑުމެންގެ އެތުލީޓުން ބޭރަށް ފޮނުވާ ތަމްރީންތަކަށް. މީގެ ކުރިން ވެސް އެބަހުރި އެތުލެޓިކްސް އަށް ވެސް މީގެ ފައިދާތަކެއް ކޮށްފައި. މިއީ ހަމަ ވަރަށް ބޮޑު ފުރުސަތެއް. މިއީ ހަމަ ބައެއް ކުޅިވަރުތައް މަތީ ފަންތި އަށް ދާން ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" ސައްތާރު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އެކި ގޮތްގޮތުން ރާއްޖެ އަށް ލިބޭ ފުރުސަތުތަކަށް އޮލިމްޕިކް ކޮމިޓީން މަރުހަބާކިޔާނެ ކަމަށް ސައްތާރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox