ރަނގަޅު ފޯމުގައި އިއްބެ ފަސް ބެލުމެއް ނެތި ކުރިއަށް

Jan 5, 2022, 9:40 AM
މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ).-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ).-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އޭގެ އެއް އަހަރު ފަހުން ބަދަލުވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. މާޒިޔާގައި 2019-2020 ސީޒަން އިއްބެ ފެށީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ފެނުނު އިއްބެ، މާޒިޔާގައި ވެސް ފެންނަން ފެށި އެވެ.

އެހެން ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް އެ ގައުމަށް ދާން ގައުމީ ފުޓްބޯޅަ ޓީމުން ވިސާ ހޯދަން ސްރީލަންކާގައި ކޭމްޕް ޖަހައިގެން ހުއްޓައި، އިއްބެގެ އުފަން ރަށް، ހދ. ނޮޅިވަރަންފަރުގެ ލޯންޗަކަށް ދިމާވި ހާދިސާއެއްގައި އިއްބެގެ އާއިލާގެ ފަސް މެމްބަރަކު ވަކިވެދިޔަ އެވެ. ވަގުތުން ޓީމުގެ ކޭމްޕުން ވަކިވެ، އިއްބެ ނިންމީ ރާއްޖެ އަންނާށެވެ. އޭގެ ފަހުން އަނިޔާގެ މައްސަލަ އާއި ފޯމަށް އަސަރު ކޮށްފައިވާތީ، އިއްބެގެ މޮޅު ކުޅުން ނުފެނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިއްބެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި: 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިއްބެ ވަނީ ނޭޕާލް ކޮޅަށް ދެ ގޯލު ޖަހާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ ދެ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން ދެ ބިދޭސީ ކޯޗުން ކަމަށްވާ މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އާއި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވެސް ވަނީ އިއްބެގެ ފޯމާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަމާޒުވި ސުވާލަށް ޖަވާބު ދީފަ އެވެ.

ސެކުލޮސްކީ ބުނީ އިއްބެ ފޯމަކަށް އެޅިއްޖެނަމަ އެއީ "ތަފާތު ކުޅުންތެރިއެއް" ކަމަށެވެ. ވިޑަކޮވިޗް ބުނީ އިއްބެ، ޓްރެއިނިންގައި ބުރަކޮށް މަސައްކަތްކޮށް، ދަނޑު މަތީގައި ތަފާތު ދައްކަން ފަށައިފިނަމަ މާޒިޔާ ޓީމުގެ ފަށާ 11 އިން އެންމެ ކުރިން އަބަދުވެސް ޖާގަ ހޯދާނެ ކުޅުންތެރިއަކަށް އިއްބެ ވާނެ ކަމަށެވެ.

ދަ ގްރާންޑޭގެ ސައްމެ (ވ) އަތުން މާޒިޔާގެ އިއްބެ ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)، އެ ޓީމާ އެކު މަސައްކަތް ފަށައި، އެންމެ ފުރަތަމަ އަތުކުރި އޮޅާލާފައި ކުރި ކަމަކީ ކުޅުންތެރިންނާ ވާހަކަ ދައްކައިގެން އެ ކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ގޮތެއް ހޯދުމެވެ. ކުޅުންތެރިންގެ ގޮންޖެހުންތައް ދެނެގަތުމެވެ. މޯހަންގެ އެ އިސްނެގުމުން ފެނުނު ބަދަލު ވެސް ރަނގަޅެވެ. އިއްބެ ފަދަ ހުނަރުވެރި ކުޅުންތެރިންގެ ބޭނުން މާޒިޔާ އިން ފުރިހަމަ އަށް ހިފައި، ނަތީޖާ ނެރުމުގެ ރެކޯޑް އޮތީ އަދި ރަނގަޅަށެވެ. ފަސް މެޗު ކުޅުނުއިރު، މާޒިޔާ އޮތީ ސައްތަ އިން ސައްތަ ރެކޯޑެއްގަ އެވެ.

މާޒިޔާ އިން މި ސީޒަނުގައި ޖުމްލަ އެއްކޮށް 17 ގޯލު ޖަހާފައިވާއިރު، އޭގެއިން ހަތަރު ގޯލު ޖެހީ އިއްބެ އެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ގޯލު ޖެހުމުގެ އިތުރުން ބެންޗުން އަރައި ލިބޭ ފުރުސަތުގައި ވެސް އިއްބެ ގޯލު ޖަހަ އެވެ. ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ވެސް އިއްބެގެ ރެކޯޑް ފެންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުވާ މަންޒަރެވެ.

"ކޯޗު (މޯހަން) ހުރިހާ ކުޅުންތެރިންނާ ވަކި ވަކިން ވާހަކަ ދައްކައި ކުޅުންތެރިންނަށް ކަންކަން ހުރި ގޮތް ބަލައި އެންމެ ރަނގަޅަށް ކުޅެވޭނެ މަގާމުތައް އެހި. ދެން މިހާރު އަސްލު ކޯޗު، އެޓޭކިން އަށް އިއްބެ އެ ބޭނުންކުރަނީ، އެޓޭކިންގެ ކޮންމެ މަގާމަކަށް ވެސް ފަސޭހަ އަސްލު ކުޅެން،" މި ސީޒަނުގެ މެޗުތަކާ ބެހޭގޮތުން އިއްބެ، "އަދަދު" އަށް ބުންޏެވެ.

މާޒިޔާގެ ފެހި ޖޯޒީގައި 2019 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅެން ފެށިއިރު ރަނގަޅު ފޯމެއްގައި ހުރި އިއްބެ، އަށް އޭރުގެ ލެވަލާ ގާތަށް ވެސް ކުޅެވެނީ މިހާރު އެވެ. އެކަމާ އިއްބެ ވެސް އެއްބަސްވެ އެވެ. އެކަމަކު، އިއްބެ ދެކޭގޮތުގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން އަދިވެސް މަސައްކަތް ކުރަން ޖެހެ އެވެ.

"އެ ލެވަލަށް ދެވޭތޯ، ހަގީގަތުގައި މަސައްކަތް މި ކުރަނީ،" އިއްބެ ބުންޏެވެ.

އިއްބެ، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އިއްބެ ގައުމީ ސްކޮޑުގައި ހިމެނި ނަމަވެސް އޭނާ ޓީމާ އެކު ނުދާން އޭރު ނިންމީ އެކަށީގެންވާ ވަރުގެ ރަނގަޅު ކުޅުމެއް ނުދެއްކި ގައުމީ ސްކޮޑުގައި ހިމެނެން ބޭނުމެއްނުވާތީ އެވެ.

އެކަމަކު، މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ސްރީލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގެ ސްކޮޑުން އިއްބެ އަށް ފުރުސަތު ލިބުނުއިރު، ބައެއް މެޗުތަކުގައި ބަދަލެއްގެ ގޮތުގައި ކުޅެފައިވެ އެވެ. އިއްބެ އެ ފަހަރު ޓީމަށް އެރީ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެން، ސިލެކްޝަނުން ހޮވިގެންނެވެ.

ކްލަބް ލެވަލްގައި މާޒިޔާ އަށް ރަނގަޅު ފޯމެއްގައި އިއްބެ ކުޅޭނަމަ އެއީ ގައުމީ ޓީމުގައި ވެސް ރަނގަޅަށް ކުޅެލަން ލިބޭނެ ހިތްވަރެކެވެ. މާޒިޔާގައި މިހާރު އިއްބެ ދައްކަމުން އަންނަ ރަނގަޅު ކުޅުން ތަކުރާރުކުރެވޭ ގޮތްވެއްޖެނަމަަ އެއީ އަނެއްކާ ވެސް އިއްބެގެ ކެރިއަރު ރަނގަޅު ލެވަލެއްގައި މައްޗަށް ޖައްސާލަން ފަހިވެގެންދާނެ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox