18/30 ފުޓްސަލް ފިއެސްޓާ: ވެމްކޯ އިން ސިފައިން ކަޓުވާލައިފި، ޕޮލިސް ބަލިކޮށް އެމްޕީއެލް ފައިނަލަށް

Dec 14, 2021, 7:31 PM
އެމްޕީއެލްގެ ކެޕްޓަން ޝާލިޔާ (ކ) އާއި ޖޫޒާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެމްޕީއެލްގެ ކެޕްޓަން ޝާލިޔާ (ކ) އާއި ޖޫޒާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ސެމީ ފައިނަލުގައި ފަހަތުން އަރައި 7-5 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، ދެ ވަނަ ސެމީ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް 3-0 އިން ކުރިހޯދައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން އެމްޕީއެލް ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގެ އެއް ގްރޫޕެއްގައި ހިމެނުނު އެމްޕީއެލް އާއި ވެމްކޯ ވަނީ ގްރޫޕް ސްޓޭޖުގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އެއް މެޗު 1-1 އިން އެއްވަރުވިއިރު، އަނެއް މެޗުން އެމްޕީއެލް މޮޅުވީ 5-1 އިންނެވެ. ފައިނަލް މެޗުގައި ދެ ޓީމު ބައްދަލުކުރާނީ ހުކުރު ދުވަހުގެރޭގަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ސިފައިން މިރޭ ވަނީ މެޗުގެ ފަސް ވަނަ މިނިޓްގައި ބަންގްލަދޭޝްގެ މަތުސުޝިމާ ސުމައްޔާގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ޖެހިގެން އައި މިނިޓްގައި ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ, ވަނަޕޯން ކަސޭސީ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ސުމައްޔާ އަލުން ސިފައިންގެ ޓީމަށް ލީޑުނަގައިދިންއިރު، އޭގެ ފަހުން ސިފައިންގެ ޓީމުގެ ކެޕްޓަން މަރިޔަމް ރިފާ ދެ ގޯލު ޖަހައި އެ ޓީމުގެ ލީޑު ތިން ގޯލަށް ފުޅާކޮށްދިނެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ބަދަލުތަކެއް ގެނެސްގެން ވެމްކޯ އިން ދެ ގޯލު ޖަހައި ސިފައިންގެ ލީޑު އެއް ގޯލަށް ކުޑަކުރި އެވެ. ވެމްކޯގެ ދެ ވަނަ ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި އެރި މަރިޔަމް ނޫރާގެ ގޯލުންނެވެ. އަދި ނޫރާގެ ބައިވެރިވުން އޮވެގެން ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ޑަރިކާ ވަނީ މޮޅު ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ސިފައިންގެ ރިފާ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އޭގެ ފަހުން އިތުރު ގޯލުތަކެއް ޖަހަން ސިފައިންގެ ސުމައްޔާ އާއި ރިފާ އަދި ސަބީނާ ކަތުން އަށް ލިބުނު ފުރުސަތުތަކުން ގޯލެއް ނުޖެހުނު އެންމެ ބޮޑު ސަބަބަކީ ވެމްކޯގެ ކީޕަރު ހަދީޖާ އިބްރާހިމް ދެއްކި މޮޅު ކުޅުމެވެ. ހަދީޖާ ވަނީ ސިފައިންގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

ވެމްކޯ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ސިފައިން ދެ ގޯލުގެ ލީޑެއްގައި އޮވެ، އިތުރު ގޯލު ޖަހަން ލިބުނު ފުރުސަތުތައް ނަގާލުމުގެ ގެއްލުން ދެއްކީ ފަހު ހަ ވަރަކަށް މިނިޓްގަ އެވެ. އެ ވަގުތުގެ ތެރޭ ވެމްކޯ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ހަތަރު ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. ދެ މިނިޓް ތެރޭގައި ޑަރިކާ އާއި ކެޕްޓަން ޝަހުލާ ތައުފީގު އޭރިއާބޭރުން ޖެހި ޝޮޓްތަކުން ކާމިޔާބުކުރި ގޯލުތަކާ އެކު ނަތީޖާ ހަަމަހަމަކުރި އެވެ. ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި މެޗުގެ މޮޅު ކުޅުންތެރިޔާ ޑަރިކާ ޖެހި ގޯލުންނެވެ. ފައިނަލުގެ ޖާގަ އެއްކޮށް ޔަގީންކޮށްދިން ގޯލު ޖެހީ ކެޕްޓަން ޝަހުލާ އެވެ.

ދެ ވަނަ ސެމީ ފައިނަލް މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އެމްޕީއެލްގެ ތަޖިކިސްތާން ކުޅުންތެރިޔާ މަދީނާ ފަޒިލޯވާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޕޮލިހުން މެޗުގެ ތެރެއަށް ވަދެ، ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ޕޮލިހުގެ ފާތިމަތު ތީބާ އާއި ފަދުވާ ޒާހިރު ފޮނުވާލި ހަމަލާތައް އެމްޕީއެލްގެ ކީޕަރު އަޒާމް ވަނީ މަތަކޮށްފަ އެވެ. އަދި އެ ޓީމުގެ ހިމެނޭ ލެބަނަންގެ ދެ ކުޅުންތެރިން ކަމަށްވާ ނޭންސީ އާއި ސެލީން އަށް ވެސް އެންމެ ރަނގަޅަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އެމްޕީއެލް އިން ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު ހަ މިނިޓް ތެރޭގަ އެވެ. ދެ ވަނަ ގޯލު ޖެހީ އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝާލިޔާ އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ދުވެފައި ގޮސް ޕޮލިހުގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން މަދީނާ ހުސްކޮށްލާފައި ދިން ބޯޅައަކުން ޖޫޒާން ޒަރީރް ވަނީ އެމްޕީއެލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މުބާރާތުގައި މާދަމާރޭ ކުރިއަށްދާނީ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެ މެޗެވެ. ފުރަތަމަ ސެމީގައި ޕްރިޒަން ކްލަބާއި އެފްއެސްއެމް ބައްދަލުކުރާއިރު، ދެ ވަނަ ސެމީގައި އާރްއާރްސީ ކުޅޭނީ ޓީމު ފެނަކައާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox