ކްލަބް މޯލްޑިވްސް ކަޕް: އެޗްޑީސީން ފުރަތަމަ މެޗުގައި ޗެމްޕިއަން ބީއެމްއެލް ބަލިކޮށްފި

Nov 21, 2021, 6:49 PM
އެޗްޑީސީގެ ޝާއްޕެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެޗްޑީސީގެ ޝާއްޕެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗުގައި މިރޭ ކްލަބް އެޗްޑީސީން އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް 3-0 އިން ބަލިކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ފެށި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދެ ފަހަރެއްގެ މަތިން އުފުލާލާފައިވާ ބީއެމްއެލް ކައިރީގައި މިރޭ އެޗްޑީސީން ވަނީ މޮޅު ކުުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި އެޗްޑީސީން ގޯލު ޖަހަން ފޮނުވާލި ގިނަ ހަމަލާތަކެއް ބީއެމްއެލްގެ ކެޕްޓަން އަދި ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އެޗްޑީސީގެ ޔާމީން މުހައްމަދު (ޔާންޓެ) ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އެޗްޑީސީގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން ޔާންޓެ ޖެހި ގޯލެކެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ކ) އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލްގެ ކެޕްޓަން ޝަފީއު (ވ)އާ ހަނދާނީ ބެޖް ހަވާލުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބީއެމްއެލް އިން ގޯލެއް ޖަހަން މިރޭ އެންމެ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލީ އިބްރާހިމް ހަމްދާން އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ. ހަމްދާން ވޮލީއަކުން ޖެހި ބޯޅަ އެޗްޑީސީގެ ކީޕަރު ފައްޔާޒު ފަޔާޒު (ފައިއްޓެ) ވަނީ މަތަކޮށްފަ އެވެ. ސައްޓު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އެޗްޑީސީގެ ފަހު ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝާއްޕެ އެވެ. ދެ ގޯލު ޖެހީ ވެސް ބީއެމްއެލް އަށް ރަނގަޅަށް ޑިފެންސް ނުކުރެވިދިޔަ ބޯޅަތަކުގެ ފައިދާނަގައިގެންނެވެ.

މި ގްރޫޕްގައި ދެން އޮތީ ފެން ކްލަބާއި އާރްޑީސީ އެވެ. އާރްޑީސީ އަކީ މި ފަަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކުރި އެއް ޓީމެވެ.

މުބާރާތުގައި މިރޭ ފިރިހެން ދެ ވަނަ މެޗުގައި ކުޅުނީ ކްލަބް އިމިގްރޭޝަން އާއި ދިރާގެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދިރާގުން ފޮނުވާލި ގިނަ ހަމަލާތަކެއް އިމިގްރޭޝަންގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. ދިރާގުގެ އިބްރާހިމް އަތީގް (އިއްބެ) ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑި އަށް އަމާޒުވެފަ އެވެ. އިމިގްރޭޝަނުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ދިރާގުގެ ކީޕަރު މުހައްމަދު އައިމަން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ އިމިގްރޭޝަންގެ ޓޮޕްލަކް އެވެ.

ޗެމްޕިއަން އެމްޕީއެލް އާއި ސިފައިންގެ ކްލަބަށް ވަރުގަދަ ފެށުމެއް

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، "ވިމެންސް ފުޓްސަލް ފިއެސްޓާ" ގައި މި ފަހަރު ބައިވެރިވެފައިވަނީ އަށް ޓީމެވެ. މިރޭ އަންހެން ޑިވިޝަނުގައި އެންމެ ފުރަތަމަ ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ފެނަކަ އެވެ. މި މެޗު 5-0 އިން ކާމިޔާބުކުރީ އެމްޕީއެލް އިންނެވެ.

އެމްޕީއެލްގެ ގޯލުތައް ޖެހީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަދީނާ ފަޒިލޯވާ އާއި ގައުމީ ވޮލީ ޓީމުގެ ޖޫޒާން ޒަރީރް އަދި އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ފާތިމަތު ޝާލިއާ އެވެ. މީގެ ތެރެއިން ޖޫޒާން އާއި މަދީނާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މަދީނާ އެވެ.

ފެނަކަ ކުޅުންތެރިއަކު ކައިރިން އެމްޕީއެލްގެ ޝާލިއާ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަންހެން ޑިވިޝަނުގައި މިރޭ ކުޅުނު އަނެއް މެޗުގައި ސިފައިންގެ ކްލަބް ވަނީ 3-1 އިން ޕޮލިސް ބަލިކޮށްފަ އެވެ. ސިފައިންގެ ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ ފޯވާޑް ސަބީނާ ކަތުންނެވެ. އަނެއް ގޯލު ޖެހީ މަރިޔަމް ހައިފާ އެވެ. ޕޮލިހުގެ ހަމައެކަނި ގޯލު ޖެހީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރު އެވެ.

ގަވާއިދުން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް ކަޕް މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ނުބޭއްވުނެވެ. މި އަހަރު ވެސް މުބާރާތް ބާއްވަން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުގައި ނުބޭއްވި ޖެހުނީ ފަސް ކުރާށެވެ. މިރޭ މުބާރާތް ރަސްމީކޮށް ފެށުމުގެ ކުރިން ކްލަބް މޯލްޑިވްސް އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ބީއެމްއެލް އާއި އެމްޕީއެލް އަށް ހަނދާނީ ބެޖް ހަވާލުކޮށްފަ އެވެ.

މުބާރާތުގައި މާދަމާރޭ ކުޅޭނީ ފިރިހެން ޑިވިޝަނުގެ ހަތަރު މެޗެވެ. އެއީ އެމްޕީއެލް އާއި ސިފައިން ބައްދަލުކުރާ މެޗާއި ފެނަކަ އާއި ރާއްޖެ އޮންލައިން ކުޅޭ މެޗާއި މީޑިއާނެޓާއި އެމްއޭސީއެލް ބައްދަލުކުރާ މެޗުގެ އިތުރުން އެމްއެމްއޭ އާއި މޯލްޑިވްގޭސް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox