ރާއްޖެ ބަލިކުރެވުނީ ރޭވި ގޮތަށް ކުޅުނީމަ: ބަންގްލަދޭޝް ކޯޗު ލެމޯސް

ރާއްޖެ ބަލިކުރެވުނީ ރޭވި ގޮތަށް ކުޅުނީމަ: ބަންގްލަދޭޝް ކޯޗު ލެމޯސް

ސްރީ ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި އިއްޔެ ހަވީރު ރާއްޖެ 2-1 އިން ބަލިކޮށް، ބަންގްލަދޭޝް އިން 18 އަހަރަށް ފަހު ރާއްޖޭގެ މައްޗަށް މޮޅެއް ހޯދީ ކުރިން ރޭވި ގޮތަށް ކުޅެގެން ކަމަށް ބަންގްލަދޭޝްގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް ބުނެފި އެވެ.

އިއްޔެގެ މެޗާ ހަމައަށް ބަންގްލަދޭޝް އިން އެންމެ ފަހުން ރާއްޖެ ބަލިކުރީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ފަހުން ތަފާތު ހަތަރު ކޯޗުންނާ އެކު ބަންގްލަދޭޝް ސީނިއާ ފުޓްބޯޅަ ޓީމު ވަނީ ރާއްޖެ އަތުން ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

އަށާރަ އަހަރުގެ ދިގު އިންތިޒާރަށް ނިމުން ގެނެސް ބަންގްލަދޭޝަށް ރާއްޖޭގެ މައްޗަށް މޮޅެއް ހޯދުނީ މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ބަންގްލަދޭޝާ ހަވާލުވި ކޯޗު ލެމޯސްގެ އިރުޝާދުގެ ދަށުންނެވެ.

އިއްޔެގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ލެމޯސް ބުނީ މި ލެވަލްގެ ފުޓްބޯޅައިގައި ޓެކްޓިކަލީ އާއި މެންޓަލީ ވެސް ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ. ބަންގްލަދޭޝް އިން ކުރީ އެ މަސައްކަތް ކަމަށާއި ޓީމުގައި ހުރި މައްސަލަތަކުގެ ވާހަކަ ނުދައްކައި، ދިމާވާ ކަންކަމަށް ހައްލު ހޯދައި މެޗުތަކަށް ރަނގަޅަށް ތައްޔާރުވީ ކަމަށް ލެމޯސް ބުންޏެވެ.

ލެމޯސް ވަނީ ރާއްޖެ އަތުން މޮޅުވާން ޓީމު ރޭވި ގޮތް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފަ އެވެ.

"އަހަރެން ބޭނުންވީ ރާއްޖޭގެ އަށް ނަމްބަރު މިޑްފީލްޑަރު (އައިސަމް) ގޭމުން ބޭރުކޮށްލަން. އެއީ އެ މީހުން އެ ކުޅެން އުޅޭ ފުޓްބޯޅަ އަށް ބަލާއިރު، އޭނަ (އައިސަމް އަކީ) އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން ބެހެއްޓީ މުޅި މެޗުގައި އައިސަމް ކައިރީގައި އަހަރެމެންގެ އެއް ކުުޅުންތެރިއަކު. އެ ހިސާބުން ރާއްޖޭގެ ޕްލޭމޭކަރު ހުއްޓުވުނީ،" ލެމޯސް ބުންޏެވެ.

"ދެން އަހަރެމެން ބެލީ އަހަރެމެންގެ ފަހަތުން ޖާގަ ނުދީ ރާއްޖޭން ފަޅި އަށް ކުޅެން ފުރުސަތު ދޭން. ފަޔަށް ކުޅުމުގެ ބަދަލުގައި ރާއްޖެ ލައްވައި ދިގު ބޯޅަތަކެއް ޖަހަން. ފަޔަށް ނުކުޅޭ ގޮތް ހަދައިފިއްޔާ ރާއްޖޭގެ ފޯވާޑަކަށް ހުރި އަލީ އަޝްފާގަށް ކުޅެވޭނީ މަދު ބޯޅައެއް. އަހަރެމެން އޭނަ ވެސް ރަނގަޅަށް ބެލިން. ދެން ރާއްޖޭގެ ފުލްބެކުން ކުރިއަރާ ވަގުތު ހުސްވާ ޖާގަ އަށް ކައުންޓަ އެޓޭކްކުރަން ޓާގެޓްކުރީ. އެއީ ރާއްޖޭގެ ގޭމްގައި ފުލްބެކުން ނާރައި ބޭނުންވާ ގޮތަށް އެޓޭކެއް ނުކުރެވޭނެ،"

ލެމޯސް ބުނީ ރަނގަޅު ރޭވުންތަކަކާ އެކު 18 އަހަރަށް ފަހު ވިޔަސް ރާއްޖެ ބަލިކުރެވުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުގައި ސީޝެލްސްއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ލެމޯސް ވަނީ އެ ޓީމަށް މުހިއްމު މެސެޖެއް ދީފަ އެވެ.

"މި ކަހަލަ މުބާރާތަކީ ޗެސް ކުޅުން ކަހަލަ ކަމެެކޭ އަހަރެން ބުނީ. ކޮންމެ މެޗެއް ފަހަރަކު ނަގައިގެން ވިސްނަންވީ. މިއީ (ރާއްޖެ ބަލިކުރެވުމަކީ) އަހަރެމެންނަށް ގިރާކުރެވުނު ވަރަށް މުހިއްމު ފިޔަވަޅެއް،" ލެމޯސް ބުންޏެެވެ.

އިއްޔެގެ މެޗުގައި ބަންގްލަދޭޝް އިން ލީޑުނެގީ 12 ވަނަ މިނިޓްގައި ކެޕްޓަން ޖަމާލް ބުޔާން ޖެހި ގޯލުންނެވެ. ރާއްޖޭން އެއްވަރުކުރީ މެޗުގެ 33 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ޖެހި ގޯލުންނެވެ. ބަންގްލަދޭޝް މޮޅުވި ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މިއީ ރާއްޖޭގެ ގޯލުގައި ހުރި ޒުވާން ކީޕަރު އަލީ ނާޖިހު (ނާޖީ) ކުުރި ފައުލަކުން ދިން ޕެނަލްޓީން ބަންގްލަދޭޝް ޑިފެންޑަރު ޓޯޕޫ ބަރްމަން ޖެހި ގޯލެކެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފް ނިމުމުން ބަންގްލަދޭޝް ޓީމު ގާތުގައި ލެމޯސް ބުނީ ޗެމްޕިއަނުންނަށް ވާން ބޭނުންނަމަ ރާއްޖޭން އެ ޖެހި ކަހަލަ ގޯލެއް ވަންނަން ދެން ދީގެން ނުވާނެ ކަމަށެވެ.

"ޗެމްޕިއަނުންނަކަށް ނުވެވޭނެ އެ ކަހަަލަ ގޯލު ޖަހަން ފުރުސަތު ދީގެނެއް. އަހަރެން ވަރަށް ގަޔާވި ރާއްޖޭން ޖެހި ގޯލަށް. އެއީ އަހަރެމެން ހެދީ އެންމެ ގޯހެއް. އޭގެ އަގު ދައްކަން ޖެހިއްޖެ. އެއީ ޕްރޮފެޝަނަލް ހައި ޕާފޯމަންސް ފުޓްބޯޅައިގައި ވާން ޖެހޭނެ ގޮތަކީ،" ލެމޯސް ބުންޏެވެ.

ކުރިން ޑާކާ އަބަހާނީ ގޮވައިގެން އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅުނު ލެމޯސް ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭއިރު މާ ގިނައިން ބޯޅައެއް ނުގެންގުޅެވޭނެކަން މެޗަށް ނުކުތްއިރު ވެސް ބަންގްލަދޭޝް އިން ނިންމި ކަމަށެވެ.

"އަހަރެމެން ކުޅުންތެރިން ގާތުގައި ބުނިން ހާސްވެގެން ތެޅިފޮޅިނުގަންނާށޭ. ރާއްޖެއާ ދެކޮޅަށް ކުޅޭއިރު ލިބޭނީ ދޭއް ނޫނީ ތިން ފުރުސަތު ގޯލެއް ޖަހަން. އޭގެއިން ބޭނުން ހިފަން ޖެހޭނެ. އެކަން މި ކުރީ،" ލެމޯސް ބުންޏެވެ.

މުބާރާތުގައި ރޭ ސީޝެލްސް އިން 1-0 އިން ލަންކާ ބަލިކުރިއިރު، އެ މެޗަށް ފަހު މުބާރާތުގެ ފަހު މެޗުތަކަށްދާއިރު ހުރިހާ ޓީމަކަށް ވެސް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އެބައޮތެވެ.

ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި އެރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ.

ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox