ގައުމީ ޓީމަށް އަރަން ދާދު ބޭނުމީ ރަނގަޅަށް ކުޅެފައި

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދާދު ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދާދު ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާނަމަ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ މާޒިޔާގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އެވެ. އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި ގައުމީ ޓީމަށް 12 ގޯލު ޖަހައިދީފަ އެވެ.

ގައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު 30 އިން އަންނަ މަހުގެ 15 އަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށެވެ.

އެ މެޗުތަކަށް ނެގި ޕްރިލިމިނަރީ 33 ކުޅުންތެރިންގެ ސްކޮޑުގައި ދާދުގެ ނަމެއް ނެތެވެ. "އަދަދު" އަށް އެނގިފައިވާގޮތުގައި އެންމެ ފުރަތަމަ ދާދުގެ ނަން ލިސްޓުގައި އޮތް ނަމަވެސް ދާދު އަމިއްލަ އަށް ބޭނުންވެގެން އެދުނީ މި ފަހަރު ޓީމުން ވަކިވާށެވެ.

އުމުރުން 25 އަހަރުގެ ދާދު ގައުމީ ޓީމާ މި ވަގުތު ނުގުޅެން ނިންމި ސަަބަބު "އަދަދު" އަށް ވަނީ ހިއްސާކޮށްފަ އެވެ. ދާދު ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުންވަނީ ކްލަބްގައި ވެސް ރަނގަޅަށް ކުޅެފައި ކަމަށެވެ.

"އަސްލު ކްލަބްގައި (ރަނގަޅަށް) ނުކުޅެފައި ދިޔައީމަ ފާޑުކިޔުންތައް އާދޭ. (އެގޮތަށް ބަލާއިރު) ދާދު އަށް ވުރެ ޗާންސް (ފުރުސަތު) ހައްގު ކުޅުންތެރިން އެބަތި ތިބި. އެ ކުދިންނަށް ފުރުސަތު ދޭން ޖެހޭ ހަގީގަތުގައި. އެއީ މި ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ،" ދާދު ބުންޏެވެ.

މާޒިޔާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ދާދު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަަބަބުން ދާދު އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. ކޮވިޑާ ހެދި މިދިޔަ ސީޒަން އަވަހަށް ނިންމާލުމުން ދާދު އަށް އެނބުރި އައިސް ކުޅެލަން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނެވެ.

އަލުން އަށް ވަރަކަށް މަސް ފަހުން މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށިއިރު، މި ފަހަރު މާޒިޔާ އަށް ފުރަތަމަ ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މިހާރު އެ ޓީމުގައި ހުރި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގައި ވެސް ދާދު އަށް ބޮޑަށް ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ސީޒަންގެ މިހާތަނަށް ލީގުގައި 11 މެޗުގައި ދާދު ކުޅުނުއިރު، ގިނައިން ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް އެއް ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުގަ އެވެ.

ދާދުއާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވިޑަކޮވިޗް ބުނީ ޓީމުގެ ފުރަތަމަ އެގާރަ އަށް އަރަން ދާދު ވެސް މަސައްކަތްކުރާ ކަމަށާއި އޭނާ އަކީ ފަސޭހަކަމާ އެކު މަސައްކަތް ކޮށްގެން ޓީމަށް އެރޭނެ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

މިއީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ކުޅެން ފެށި ފަހުން ދާދު ގައުމީ ޓީމު ސްކޮޑުން ބާކީވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޕީޓަ ސެގާޓް، 2018 ވަނަ އަހަރުގެ މާޗް މަހު އެންމެ ފުރަތަމަ ޓިމު ގޮވައިގެން ސިންގަޕޫރާ ދެކޮޅަށް ނުކުތް މެޗުގެ ސްކޮޑަށް ދާދު ނުނަގަ އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން މާލޭގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ސްކޮޑުގައި ދާދުގެ ނަން ހިމެނި އެވެ. ދާދު ވަނީ ބޫޓާން އަތުން 7-0 އިން ރާއްޖެ މޮޅުވި މެޗުގައި ހަަތަރު ގޯލު ޖަހައިފަ އެވެ.

ދ. ރިނބުދު އަށް އުފަން ދާދު ވަނީ ގައުމީ ޓީމާ އެކު ފުރަތަމަ ފެނިލުމުގައި ވެސް ވިދާލައިފަ އެވެ. އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ސުޒުކީ ކަޕުގައި ބަންގްލަދޭޝް ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ދާދު ޖެހި މޮޅު ގޯލުން އޭނާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އަދި ފަހުން ގައުމީ ޓީމުގެ އެއް މެޗެއްގައި ހަތަރު ގޯލު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައި ދާދު ހިމެނުނެވެ. އޭގެ ފަހުން ވެސް ގައުމީ ޓީމަށް މުހިއްމު ގޯލު ޖަހައިދީފައިވެ އެވެ. އެ ގޮތުން 2019 ވަނަ އަހަރު މާލޭގައި ފިިލިޕީންސް ކޮޅަށް ޖެހި މޮޅު ގޯލު ހިމެނެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ދާދު (ވ) އާއި ދަގަނޑޭ: މިއީ ގައުމީ ޓީމަށް އެއް މެޗެއްގައި ހަތަރު ގޯލު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން.-- ފޮޓޯ: އިބްރާުހިމް ފާއިދު/ އެފްއޭއެމް

ޓީސީން 2015 ވަނަ އަހަރު ވިދާލި ދާދު އެ ކްލަބްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. މާޒިޔާއާ އެކު އޭނާ ވަނީ މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ ލީގުގެ އެއް ވަނައިގައި ވެސް އޮތީ މާޒިޔާ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ސްކޮޑުގައި އަމިއްލަ ނިންމުމާ އެކު ދާދު ނުހިމެނޭނެ އެވެ. ދެން އޭނާ އަލުން ގައުމީ ޓީމާ އެކު ނުކުތުމުގެ ފުރުސަތު އޮތީ މި އަހަރު ބާއްވާ ސާފް ސުޒުކީ ކަޕުގަ އެވެ. ދާދު އަކީ 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑެވެ. ފައިނަލް މެޗުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ދާދު އެވެ.

އަނިޔާގެ ސަބަބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް ދާދު އެނބުރި އައީ ވަރުގަދަ ކޮށެވެ. އަދި ގައުމީ ޓީމުން ފުރުސަތު ނުލިބި ދިޔަ ހަމައެކަނި ފަހަރަށް ފަހު ވެސް މީގެ ކުރިން ދާދު ވަނީ އެނބުރި އައިސް ތަފާތު ދައްކައިފަ އެވެ. އޭނާ ހުރީ ރަނގަޅަށް ކުޅެގެން ކުރިއަށް ދިއުމުގެ ބޮޑު އަޒުމެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox