އީގަލްސް އާއި އަބަހާނީ މެޗު ނޭޕާލުގައި ކުޅެން ނިންމައިފި

ތިމްޕޫ މެޗުގެ ތެެރެއިން އީގަލްސްގެ ހަންނަ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ތިމްޕޫ މެޗުގެ ތެެރެއިން އީގަލްސްގެ ހަންނަ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިން ދެ ވަނަ ބުުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީން ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ނޭޕާލުގައި ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އީގަލްސް އާއި އަބަހާނީގެ މެޗު ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މާދަމާ ކުޅޭ ގޮތަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ލޮކްޑައުންއެއްގައި އޮތުމުން އެ ގައުމުގައި މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އޭއެފްސީ އަށް ޖެހުނީ ބަދަލުތަކެއް ގެންނާށެވެ. ހާލަތަށް ބަލައި އޭއެފްސީން ވަނީ އަބަހާނީ އާއި އީގަލްސް ކުޅޭ މެޗު މި މަހު 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި އެ މެޗު މި މަހު 21 ވަނަ ދުވަހު ކުޅޭނެ ނިއުޓްރަލް ދަނޑެއް ހޯދުމަށް އަބަހާނީ އަށް ފުރުސަތެއް ދިނެވެ. ނިއުޓްރަލް ދަނޑެއް ހޯދަން ދިން މުހުލަތު ވަނީ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފަ އެވެ.

އަބަހާނީން ފުރަތަމަ މަސައްކަތްކުރީ އިންޑިއާގައި މެޗު ކުޅޭށެވެ. އެކަމަކު އެ ގޮތަށް އެކަން ނުވުމުން ފަހުން ހުށަހެޅީ ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ދަސްރަތު ސްޓޭޑިއަމްގައި ކުޅޭށެވެ. އޭއެފްސީން މިއަދު ވަނީ ނޭޕާލުގައި 21 ވަނަ ދުވަހު ކުޅެން ނިންމާފައިވާކަން ލިޔުމުން އީގަލްސް އާއި އަބަހާނީ އަށް އަންގައިފަ އެވެ. މެޗު ކުޅޭނެ ދަނޑެއް އަބަހާނީ އަށް ނުހޯދުނު ނަމަ އެ މެޗު ކުޅެން އޮތީ ރާއްޖޭގަ އެވެ.

Advertisement

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރި ގޮތަށް މާދަމާ އީގަލްސް އާއި އަބަހާނީ އަށް ބަންގްލަދޭޝްގައި ކުޅެވޭނެ މާހައުލެއް އޮތް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފަ އެވެ. އެނގިފައިވާ ގޮތުގައި ފަހުން އެ ގައުމުގެ ހެލްތު މިނިސްޓްރީން މާ ބޮޑު އެއްބާރުލުމެއް ނުދޭތީ މެޗު ބޭއްވޭ ގޮތެއްނުވެގެން ފަހުން އަބަހާނީ އަށް ޖެހުނީ ނިއުޓްރަލް ދަނޑެއް ހޯދާށެވެ. ނޭޕާލުން ވަނީ އަބަހާނީގެ އެދުމާ އެއްގޮތަށް މެޗު ހޯސްޓް ކޮށްދޭން އެއްބަސްވެފަ އެވެ.

ނޭޕާލުގައި މެޗު ކުޅޭގޮތަށް ހަމަޖެހުނު ނަމަވެސް އެނގިފައިވާ ގޮތުގައި އަދިވެސް އަބަހާނީ އަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެއީ ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުން އަދިވެސް މެޗު ކުޅެން ނޭޕާލަށް ޓީމަށް ފުރޭނެ ތާރީހެއް ނޭނގޭތީ އެވެ. އަބަހާނީގެ ޓީމު މެނޭޖަރު ސަތުޔަޖީތު ދާސް ރޫޕޫ ބަންގްލަދޭޝް މީޑިއާ އަށް ބުނީ އެ ކްލަބުން މަސައްކަތްކުރަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ލަސްވެގެން ނޭޕާލަށް ދިއުމަށެވެ.

އަބަހާނީ އަތުން މިހާތަނަށް ރާއްޖޭގެ ކްލަބެއް ބަލިވެފައިނުވެ އެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓާއި މާޒިޔާއާ ދެކޮޅަށް އަބަހާނީ އިން ޖުމްލަ ހަ މެޗެއް ކުޅެފައިވާއިރު، ހަތަރު މެޗުން ވީ ބައްޔެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޯޗުގަލްގެ ކޯޗު މާރިއޯ ލެމޯސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަބަހާނީ ވަނީ މިދިޔަ އަހަރުގެ އޭއެެފްސީ ކަޕްގެ ކޮލިފައިން ދެ މެޗުން ވެސް މާޒިޔާއާ އެއްވަރުކޮށްފަ އެވެ. މާޒިޔާ އިން އަބަހާނީ ކަޓުވާލީ ރަށުންބޭރުގައި ޖެހި ގޯލުންނެވެ. މި ފަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރަން ޓީމަށް ގެނައި ބަދަލުތަކުގެ ތެރެއިން އަބަހާނީން ވަނީ ބްރެޒިލްގެ ފޯވާޑް ފްރާންސިސްކޯ ޓޮރޭޒް ދޫކޮށްލުމަށް ފަހު ކުރިން އެ ޓީމަށް ކުޅުނު ސަންޑޭ ޗިޒޯބާ ގެނެސްފަ އެވެ.

އީގަލްސް އިން ކޮލިފައިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެންނެވެ. އެ ދުވަހު ކުޅުނު ކޮލިފައިންގެ އަނެއް މެޗުން ސްރީލަންކާ ޕޮލިސް އަތުން ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން މޮޅުވެފަ އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އާމީ ކްލަބް މާދަމާ ކުޅޭނީ އިންޑިއާގެ ބެންގަލޫރުއާ އެވެ.

ކޮލިފައިން ދެ ވަނަ ބުރުގެ ދެ މެޗުން މޮޅުވާ ދެ ޓީމެއް ކުޅޭ ޕްލޭއޮފް މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ރާއްޖޭގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 14 އިން 21 ގެ ނިޔަލަށެވެ.

އީގަލްސްގެ އޭއެފްސީ ކަޕް މެޗުތަކުގެ ޝެޑިއުލަށް ބަދަލު އައުމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ވެސް ވަނީ ބަދަލެއް ގެނެސްފަ އެވެ. މީގެ ކުރިން އެފްއޭއެމުން ހަދާފައިވާ ޝެޑިއުލްގައިވާ ގޮތުން އަބަހާނީ މެޗުގެ ކުރިން އީގަލްސް އަށް ލީގުގެ މެޗެއް ނޯންނާނެ އެވެ. އެކަމަކު އީގަލްސް އާއި އަބަހާނީގެ މެޗު 21 އަށް ފަސްވުމުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލީގުގައި އީގަލްސް އިން ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ބައްދަލުކުރާނެ އެވެ. އޭއެފްސީ ކަޕްގެ ޝެޑިއުލް ފުރަތަމަ ލިބުމާ އެކު އީގަލްސް މެޗުތައް ފަސްކުރިއިރު، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު ބާއްވަން ޝެޑިއުލްކުރީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox