Advertisement

ނުފޫޒު، ބިރު އަދި ތަރައްގީ ނުލިބޭނެކަމުގެ އިންޒާރާއެކު ސަރުކާރަށް ބޮޑު މެޖޯރިޓީއެއް

21 އޭޕްރީލް 2024 - 21:51 6

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ނުފޫޒު، ބިރު އަދި ތަރައްގީ ނުލިބޭނެކަމުގެ އިންޒާރާއެކު ސަރުކާރަށް ބޮޑު މެޖޯރިޓީއެއް

21 އޭޕްރީލް 2024 - 21:51 6

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޖެނުއަރީ 30، ގައި އިއުލާނު ކުރި ފަހުން ދިވެހިރާއްޖޭގައި މި އޮތީ އާދައިގެ މާހައުލެއް ނޫނެވެ.

ވެރިކަން ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުލާން މަޖުބޫރު ކުރުވުމަށް އެ ޕާޓީގެ ޕޯޑިއަމެއްގައި ވަނީ ގޮވާލައިފަ އެވެ. އިންތިހާބުތައް ކައިރިވަމުން އައި ވަރަކަށް ސަރުކާރުގެ ކުންފުނިތަކުން ދޭ ވަޒީފާތައް އިންތިހާއަށް އިތުރު ކުރި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް އެމަނިކުފާނު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގައުމަށް ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ، މަޖިލީހުގައި ވެސް ސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި އެވެ.

އެ ހުރިހާ ކަމަކާއެކު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން މި ވަނީ ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. މިވަގުތު ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ސުޕަ މެޖޯރިޓީ ލިބެނީ ޕީއެންސީއަށެވެ.

ވަޒީފާގެ ބިރާއި ނުފޫޒު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ވަނީ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފަ އެވެ. އިންތިހާބާ ދިމާކޮށް، މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނާއި ސްޓެލްކޯގެ 60 އަށްވުރެ ގިނަ މުވައްޒަފުންނާއި ފެނަކައިގެ 100 އާ ގާތް ކުރާ އަދަދެއްގެ މުވައްޒަފުންނަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ.

އޭގެ އިތުރުން ކުންފުނިތަކުން ވަނީ ގިނަ ވަޒީފާތަކެއް އަލަށް އުފައްދައިފަ އެވެ. އޭގެ ތެރޭގައި އާރްޑީސީ ފާހަގަކޮށްލެވެ އެވެ. އަދި ބައެއް މިނިސްޓްރީތަކުން ވަނީ ސިޔާސީ މަގާމުތައް ވެސް އިތުރުކޮށްފަ އެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން، އިދިކޮޅުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ފެލިވަރު މުވައްޒަފުންނަށް ބިރު ދެއްކުމަށް ވެސް ޕީއެންސީގެ މެންބަރަކު ގޮވާލި އެވެ.

"އަޅުގަނޑުމެންނާ ގުޅިވަޑައިނުގެންފިކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަޖެހޭ އަޅަން އެނގޭތޯ. މިކަން ކޮށްގެން ނޫނިއްޔާ މި ކާމިޔާބު ކުރުމަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ،" ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދެއްކި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ބުންޏެވެ.

ވަޒީފާގެ ބިރު ދެއްކުމުގެ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

"އެކި ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާކަމާއި ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުންފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މައުލޫމާތު ލިބޭ،" އެޗްއާރްސީއެމްއިން އޭޕްރީލް 14، ގައި ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރައީސްގެ ދަތުރުތަކާއި ޕްރޮޖެކްޓުތައް އިއުލާނު ކުރުން

އެޗްއާރްސީއެމް އިން ނެރުނު ރައްޔިތުންގެ މަޖިލީހުގެ ޕްރީ އިލެކްޝަންސް ރިޕޯޓުގައި ބުނެފައިވާ ގޮތުން އިންތިހާބު އިއުލާނު ކުރި ފަހުން ރައީސް މުއިއްޒު 100 އަށް ވުރެ ގިނަ ރަށްރަށަށް ވަޑައިގަތެވެ. އެ ދަތުރުގައި އެމަނިކުފާނު ވަނީ ޕްރޮޖެކްޓުތައް އިއުލާނު ކުރުމާއި އިފުތިތާހު ކުރުން ފަދަ ކަންކަން ކުރައްވައިފަ އެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާ ބައްދަލު ކުރެއްވުން މުހިންމު ނަމަވެސް އެ ދަތުރުތަކުގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުމުގެ ފުރުސަތު ފަހިވެފައި އޮތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު [ޖެނުއަރީ 30] ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވޭ. ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ ކުރުން މުހިންމު ކަމަކަށްވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ސޮއި ކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ނިމިފައި ހުރި ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ އޭގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވަން ފުރުސަތު އޮތް ކަމެއް،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އިންތިހާބު ކައިރިވަމުންދިޔަ ވަރަކަށް ސަރުކާރުން ވަނީ ޕްރޮޖެކްޓުތައް އިއުލާނު ކުރަމުން ގޮސްފަ އެވެ. އެގޮތުން ހޮސްޕިޓަލްތައް ބިނާ ކުރުމާއި އެއާޕޯޓުތަކުގެ މަޝްރޫއުތަކާއި އެހެނިގެން ގިނަ ޕްރޮޖެކްޓުތައް ހިމެނެ އެވެ.

އެގޮތުން އިންތިހާބު ބޯމަތިވެފައި އޮއްވައި އެމްޓީސީސީއާ އެކަނި ވެސް 13 އަށް ވުރެ ގިނަ ބޮޑެތި ޕްރޮޖެކްޓު ހަވާލު ކުރި އެވެ. އެގޮތުން ށ. ކޮމަންޑޫ، ތ. ގުރައިދޫ، ތ. ވިލުފުށި، ހއ. ދިއްދޫ، ށ. މިލަންދޫ އަދި ށ. ބިލެތްފަހި އެއާޕޯޓު ތަރައްގީކުރުމާއި މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމާއި ކ. ގިރާވަރުފަޅާއި ގުޅީފަޅުގެ ބިން ހިއްކުމާއި ތ. ކިނބިދޫ ބިން ހިއްކުމާއި ހއ. ހޯރަފުށީ މަގު ހެދުމާއި ނ. މަނަދޫގައި މ. މުލި އަދި ރ. އަލިފުށީގައި ހޮސްޕިޓަލް ތަރައްގީ ކުރުން ހިމެނެ އެވެ.

"ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކުރެވޭ،" އިންތިހާބާ ގުޅިގެން މަދަނީ ޖަމިއްޔާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތަކާއި މަޖިލީހުގެ މެޖޯރިޓީ ގުޅުވުން

ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ވަކި މެންބަރަކު މަޖިލީހަށް ހޮވައިގެން ކަމަށް ބުނެ ކެމްޕެއިން ކޮށްފައިވާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"އެގޮތުން ވަކި ދާއިރާތަކުގެ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވަކި މެންބަރެއް އިންތިހާބު ކުރަންޖެހޭ ކަމަށާއި ސީދާ ވަކިވަކި އާބާދީތަކަށް ތަރައްގީ ގެނައުމަށްޓަކައި ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިން ސްޕީޗްތަކުންނެވެ. އެމަނިކުފާނު ދެއްކެވި ގިނަ ވާހަކަތަކުގައި، ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ މަޖިލީހުން މެޖޯރިޓީ ލިބުމުން ވަނީ ގުޅުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނު ތެރޭގައި ރައީސް ކުރެއްވި ދަތުރުތަކުގައި ވިދާޅުވަމުން ގެންދެވީ ތަރައްގީ އާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

އެގޮތުން، ބ. ކެންދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އެދިވަޑައިގަތީ "ރައްޔިތުންނަށްޓަކައި" ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެ މެންބަރުން ހޮވައިދިނުމަށެވެ.

"އިރާދަކުރެއްވިއްޔާ ކުންފުނިތައް ހަރުދަނާކޮށް، މިނިސްޓްރީތަކުގެ ހިންގުން ވަރުގަދަކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި އެންމެ ގާތުން މަސައްކަތްކުރާ ކައުންސިލްތައް ވަރުގަދަކޮށްދީ، ޑަބްލިޔޫޑީސީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ގާނޫނަށް ގެންނަންޖެހޭ އިސްލާހު، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް އެއްބާރުލުންދޭ މެންބަރުންތަކެއް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް ހޮވައިދީގެން، އަޅުގަނޑުމެންނަށް ކަންކަން ކުރެވޭކަހަލަ މަޖިލީހެއް އަތުވެއްޖެނަމަ، ޑަބްލިޔޫޑީސީ އަށް ބޭނުންވާ ހުރިހާ ބާރުވެރިކަމެއް ވެސް ދީގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދާނީ،" މާޗް 4، ގައި ރައީސް ވިދާޅުވި އެވެ.

ކެމްޕެއިން ތެރޭގައި ދ. މީދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަން "ފުރިހަމަ ގޮތުގައި" ދެވޭނީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ކަމަށެވެ.

"... އެހެންވީމާ، އެކަން ކުރެވޭނީ ވެސް މަޖިލިސް އިންތިހާބުގައި، ރައްޔިތުން ރަނގަޅު ވިސްނުމަކުން ކަންކަން ކުރައްވައިފިއްޔާ. މަޖިލީހަށް ވަރަށް ގިނަ ބިލުތައް ހުށަހެޅިގެން މިދަނީ. ގެދޮރުވެރިކަން ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ވެސް ގާތްގަނޑަކަށް ހައެއްކަ ބިލު އަޅުގަނޑުމެން އެބަ ހުށަހަޅަން. މިހާރު ވެސް ބައެއް ބިލުތައް ހުށަހެޅިފައި ވާނެ. އެކަންކަން ވެސް ކުރެވޭނީ، އަޅުގަނޑުމެންގެ ވިސްނުމުގައި މަސައްކަތް ކޮށްދޭނެ، ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ރައްޔިތުން ހޮއްވަވައި ދެއްވައިފިއްޔާ،" މާޗް 5، ގައި ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން ލ. މާވަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވާ އެއްބާރުލުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުލިބިއްޖެ ނަމަ ރައްޔިތުން ތިބެންޖެހޭނީ "މަގުމަތިވެފައި" ކަމަށެވެ.

"އެހެންވީމާ، ބާރަށް ކުރިއަށް ގެންދެވޭނެ ހުރިހާ މަގެއް ފަހިކޮށްދެއްވަންވީ. އެއީ، އެންމެ ބޮޑު ކަމަކަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބެން ބޭނުންވަނީ. މިދިޔަ ހަތަރު މަހަކު ނުލިބޭ އެއްބާރުލުމެއް. އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް އޮތް ތަނުގައި އެއްބާރުލުން ލިބޭނެ ގޮތް ރައްޔިތުން ހައްދަވައި ދެއްވާނެ ކަމަށް. ކޮންމެގޮތެއްވިޔަސް އެއީ، ހަގީގަތް. ރާއްޖޭގެ ގާނޫނުއަސާސީ ހަދާފައި އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުން ނުކޮށްދީފިއްޔާ ރައްޔިތުން ތިބެންޖެހޭނީ، ސަރުކާރުން ކިތަންމެ ކަމެއް ކުރަން ބޭނުންވިޔަސް، މަގުމަތިވެފައި، މަޑުޖެހިފައި،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ސަރުކާރު ބޭނުންވި މެޖޯރިޓީ މި އޮތީ ލިބިފަ އެވެ. ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން، ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭނެ އެވެ.

ނަމަވެސް އެ މެޖޯރިޓީ މި ލިބުނީ ޑިމޮކްރަސީއާ ދުރު ވާހަކަތަކަކަށްފަހެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގިނަ ގޮނޑިތައް މި ލިބުނީ ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއާ ގުޅުވައި ޕްރޮމޯޝަން ދިނުމުގެ ގިނަ ހާދިސާތަކަށްފަހެވެ.

ސަރުކާރުން ރައްޔިތުންނަށް ދިނީ ދެ ގޮތެކެވެ. އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުދިނުމާއެކު ރައްޔިތުން މަގުމަތިވުމެވެ. އަނެއް ގޮތަކީ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންނަށް ދިނުމާއެކު ތަރައްގީ ވެސް ހޯދުމެވެ. ރައްޔިތުން ވޯޓުދިނީ ތަރައްގީއަށެވެ.