Advertisement

ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސްގެ ޖީބުގައި ޗައިނާ ފައިސާ

18 އޭޕްރީލް 2024 - 07:33 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސްގެ ޖީބުގައި ޗައިނާ ފައިސާ

18 އޭޕްރީލް 2024 - 07:33 2

ނިމިދިޔަ ރިޔާސީ އިންތިހާބުގައި، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިއްކެވީ ގައުމިއްޔަތެވެ. ވިކުނީ ވެސް ގައުމިއްޔަތެވެ. ނުވިކި، އަގެއް ހުރި އެއްޗަކަށް ނުވީ އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވި "އިންޑިއާ ފަސްޓް" ޕޮލިސީ އެވެ.

އިންޑިއާއާއެކު ރާއްޖެއިން ބޭއްވި ގާތް ގުޅުން ވޯޓު ފޮއްޓާ ހަމައިން ރައްޔިތުން ބަލައެއް ނުގަތެވެ. ވޯޓު ދިން މީހުން ބޭނުންވީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސް ކުރައްވާނެ ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭ ވެރިއެކެވެ. އެ ވެރިއަކީ ރައްޔިތުންނަށް އެއިރު އެއްބަސްވެވުނު ގޮތުގައި ރައީސް މުއިއްޒެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ރައީސް މުއިއްޒު ތުހުމަތު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ވަނީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިފައި ކަމަށެވެ. ރައީސް ގަބޫލު ކުރައްވަނީ އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގައި ވެސް ހިމާޔަތް ކުރަނީ އެހެން ގައުމެއްގެ މަސްލަހަތު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ އެހެން ގައުމެއްގެ އަޅުންތަކެއް ކަމަށެވެ.

"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް، ބޭނުން ގޮތަކަށް ވޯޓު ދިނުމުގަ ތަބާވާ އަޅުންތަކެއްގެ ގޮތުގަ ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގަ އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށް ވާނެ،" ފެބްރުއަރީ 18، ގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް މާ ގިނަ ދުވަސްތަކެއްނުވެ، ބޭރު ގައުމެއްގެ ފައިސާ މި ފެނުނީ އެމަނިކުފާނުގެ ޖީބުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ލީކުކޮށްލި ދައުލަތުގެ ޑޮކިއުމެންޓުތަކަކުން އެނގޭ ގޮތުގައި ރައީސްގެ އެކައުންޓަށް އެކި ފަރާތްތަކުން ފޮނުވި 19 މިލިއަން ރުފިޔާގެ މައްސަލައެއް ފުލުހުން އަދި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން ވަނީ ތަހުގީގުކޮށްފަ އެވެ.

އެ ޓްރާންސެކްޝަންތަކުގެ ތެރޭގައި ޗައިނާ ތިން ކުންފުންޏަކުން ވަދެފައިވާ 94،848 ޑޮލަރާއި 120،000ރ. އާއެކު ޖުމްލަ ޖަމާވި 1.4 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. ދައުލަތުން ބުނެފައި ވަނީ އެ ހުރިހާ ޓްރާންސެކްޝަންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ޓްރާންސެކްޝަންތަކެއް ކަމަށެވެ. އެ ފައިސާގެ އަސްލާއި ފައިސާ ރައީސް މުއިއްޒުގެ އެކައުންޓަށް ފޮނުވަންޖެހުނު ސަބަބު އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.

ޗައިނާ ކުންފުނިން ދިން ފައިސާގެ ހަގީގަތް ހޯދަން ދައުލަތުން ބޭނުންވޭ

ރައީސް ޑރ. މުއިއްޒުގެ މައްސަލަތަކެއް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި ފުލުހުންގެ ކްރިމިނަލް އިންޓެލިޖެންސް ޑިޕާޓްމަންޓުން ތަހުގީގު ކުރަން ފެށީ 2018 އަދި 2019 ވަނަ އަހަރެވެ.

ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގެވިއިރު ރައީސް ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ. އޭގެ އިތުރުން އާމްދަނީ ލިބޭނެ އެއްވެސް ވިޔަފާރިއެއް ކުރައްވާ ކަމަށް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާވެފައިވާ ޖުމްލަ 19 މިލިއަން ރުފިޔާގެ މައްސަލަތަކެއް ދައުލަތުން ބެލިއިރު އޭގެ ތެރެއިން 1.5 މިލިއަން ރުފިޔާއަކީ ޗައިނާގެ ތިން ކުންފުންޏަކުން ޖަމާވެފައި އޮތް ފައިސާ އެވެ. އެއީ ހުނާން ނަންބަރު 6 އިންޖިނިއަރިން އާއި ހުނާން ރުއިން ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ވިން ރަން ހޮންކޮންގް އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑެވެ.

ހުނާން ނަންބަރު 6 އިންޖިނިއަރިން

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ތަހުގީގުން އެނގުނު ގޮތުގައި މި ކުންފުނިން ޖުމްލަ ހަތަރު ފަހަރެއްގެ މަތިން ރައީސްގެ އެކައުންޓަށް ފައިސާ ފޮނުވި އެވެ. އެ ކުންފުނިން ފޮނުވީ 120،000ރ. އާއި 22،500 ޑޮލަރު (346،950ރ.) އެވެ. އެހެންކަމުން އެއީ ޖުމްލަ 466،950ރ. އެވެ.

ހުނާން ނަންބަރު 6 އިންޖިނިއަރިންގެ ފަރާތުން ރައީސް މުއިއްޒަށް ފައިސާ ފޮނުވިއިރު، ސަރުކާރުން އޮތީ ބޮޑެތި، ބިޔަ ޕްރޮޖެކްޓުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެގޮތުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގެ މަސައްކަތް ހިމެނެ އެވެ.

މި ކުންފުނީގެ އެޑްރެހެއް ކަމަށް ޖަހާފައި ވަނީ ހުޅުމާލޭ ރޯ ހައުސް ނަންބަރު އާރް-16/7، އެމްބާ ޓެރަސް، ނަންބަރު 5 ގޯޅި، ހިތިގަސް މަގެވެ.

  • ޖެނުއަރީ 16، 2018: ގައި 120،000ރ. އެ ކުންފުނިން ރައީސްގެ އެކައުންޓަށް ފޮނުވި އެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ ކުލީގެ ގޮތުގަ އެވެ.
  • މާޗް 20، 2018: ގައި 7500 ޑޮލަރު ރައީސްގެ އެކައުންޓަށް ފޮނުވާފައިވެ އެވެ. އެއީ ކޮން ބޭނުމެއްގައި ފޮނުވި ފައިސާއެއްކަން ބަޔާންކޮށްފައެއްނުވެ އެވެ.
  • ޖުލައި 15، 2018: ގައި 7500 ޑޮލަރު ރައީސްގެ އެކައުންޓަށް ފޮނުވާފައިވެ އެވެ. އެއީ ކޮން ބޭނުމެއްގައި ފޮނުވި ފައިސާއެއްކަން ބަޔާންކޮށްފައެއްނުވެ އެވެ.
  • އޮކްޓޯބަރު 1، 2018: ގައި 7500 ޑޮލަރު ރައީސްގެ އެކައުންޓަށް ފޮނުވާފައިވެ އެވެ. އެއީ ކޮން ބޭނުމެއްގައި ފޮނުވި ފައިސާއެއްކަން ބަޔާންކޮށްފައެއްނުވެ އެވެ.

ހުނާން ރުއިން ޓްރޭޑިން ލިމިޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ތަހުގީގުތަކުން ދެއްކީ މި ކުންފުނިން ރައީސް މުއިއްޒުގެ އެކައުންޓަށް ފައިސާ ފޮނުވީ އެއް ފަހަރުމަތިން ކަމަށެވެ. އެއީ 48،000 ޑޮލަރު ނުވަތަ 740،160ރ. އެވެ.

ހުނާން ރުއިން ޓްރޭޑިން ކޮމްޕެނީއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެވެ. ނަމަވެސް އެ ކުންފުނީގެ 65 ހިއްސާ އޮންނަނީ ޗައިނާގެ، ހަމަ އެ ނަމުގައި ހިންގާ ހުނާން ރުއިން ޓްރޭޑިން ލިމިޓެޑް ކޮމްޕެނީގަ އެވެ. އެ ކުންފުނީގެ އަނެއް ހިއްސާދާރަކީ އަހުމަދު އަދީބު ކިޔާ މީހެކެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެއް ނޫނެވެ.

އެ ކުންފުނި ރެޖިސްޓްރީ ކުރިއިރު، ކުންފުނިން ކުރާ މަސައްކަތުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ ދެ ބުރީގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިންސްޓޯލް ކުރުމާއި ޑިޒައިން ކުރުމާއި ތައްޔާރު ކުރުމާއި ސަޕްލައިކޮށްދިނުމެވެ.

އެ ކުންފުނިން ކުރާ މަސައްކަތަކީ އެއީ ކަމަށް ބަޔާންކޮށްފައިވާއިރު، ދެ ބުރީގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިންސްޓޯލް ކުރުމާއި ޑިޒައިން ކުރުމާއި ތައްޔާރު ކުރުމާއި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އޮތީ އިއުލާނުކޮށްފަ އެވެ.

  • މެއި 30، 2018: ގައި މި ކުންފުނިން ރައީސްގެ އެކައުންޓަށް 48،000 ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ ކުލި ފައިސާގެ ނަމުގަ އެވެ.

ވިން ރަން ހޮންކޮންގް އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑް

މި ކުންފުނިން ޖުމްލަ ތިން ފަހަރެއްގެ މަތިން ރައީސް މުއިއްޒުގެ އެކައުންޓަށް ފައިސާ ފޮނުވި އެވެ. މުޅިން ވެސް ފޮނުވީ ޑޮލަރެވެ. އެ ކުންފުނިން 24،348 ޑޮލަރު ފޮނުވި އެވެ. އެއީ 375،446ރ. އެވެ.

ވިން ރަންއަކީ ރާއްޖޭގައި ހިންގި ޕްރޮޖެކްޓުތަކެއްގައި ޝާމިލުވާ ކަމަށް ބެލެވޭ ކުންފުންޏެއް ކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ. ހުނާން ނަންބަރު 6 ކުންފުނިން، ވިން ރަން ކުންފުންޏަށް އައުޓްވާޑް ރެމިޓެންސްގެ ގޮތުގައި ފައިސާ ފޮނުވާފައިވެ އެވެ. އެހެންކަމުން ވިން ރަންއަކީ ހުނާން ނަންބަރު 6 ކުންފުނީގެ އެސޯސިއޭޓް ކުންފުންޏެއް ކަމަށް ބެލެވެ އެވެ.

  • މާޗް 13، 2017: ގައި 7950 ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވެ އެވެ. އެއީ ތިން މަހުގެ ކުލީގެ ފައިސާ ކަމަށް ޖަމާ ކުރިއިރު ވަނީ ބުނެފަ އެވެ. ކުއްޔަށް ނެގި ތަނަކީ "ބްލޮކް 4" ކަމަށް ބުނި ނަމަވެސް އެއީ ކޮން ތަނެއް ކަމެއް ސާފެއް ނުވެ އެވެ.
  • ޖޫން 20، 2017: ގައި 8948 ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ފޮނުވި އެވެ. އެއީ "ބްލޮކް 4" ގެ ޖޫން މަހާއި ޖުލައި މަހާއި އޯގަސްޓު މަހުގެ ކުލި ކަމަށް ފައިސާ ޖަމާކުރިއިރު ބުނެފައިވެ އެވެ.
  • އޮކްޓޯބަރު 11، 2017: ގައި 7450 ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވެ އެވެ. ފައިސަ ޖަމާކުރިއިރު ބުނެފައި ވަނީ އެއީ "ބްލޮކް 4" ގެ ތިން މަހުގެ ކުލީގެ ފައިސާ ކަމަށެވެ.

ފުލުހުންގެ ފަހު ބަސް

އެެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުންގެ ކްރިމިނަލް އިންޓެލިޖެންސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ރައީސް މުއިއްޒަކީ އެއްވެސް ކުންފުންޏެއްގެ ހިއްސާ އޮންނަ ބޭފުޅަކަށްނުވާއިރު އެހާ ގިނަ އަދަދެއްގެ ފައިސާ އެކައުންޓަށް ވަން ގޮތެއް ކަށަވަރު ނުވާ ކަމަށެވެ.

"ޑރ. މުއިއްޒަކީ އެއްވެސް ކުންފުންޏެއްގެ ހިއްސާ އޮންނަ ފަރާތެއް ނޫން. އަދި މިނިސްޓާ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މަގާމުގެ އިތުރުން އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާ ކުރާ ފަރާތެއް ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތެއް ވެސް ނޫން. އެހެންކަމުން މި ފައިސާ ޑރ. މުހައްމަދު މުއިއްޒު ހޯދި ގޮތެއް ކަށަވަރު ކުރެވޭ ގޮތެއް ނުވޭ،" ލީކުވި ޑޮކިއުމެންޓުތަކުގައި ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ފައިސާގެ "އަސްލު" ހޯދުން މުހިންމު ކަމަށެވެ. އަދި ޗައިނާ ކުންފުނިތަކުން ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ "ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް" ފޮނުވާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ދެކެ އެވެ.

ކުލީގެ ފައިސާ ކަމަށް ވިދާޅުވި ނަމަވެސް ހަގީގަތް އެއަށްވުރެ ތައުގީދު

ސޯޝަލް މީޑިއާގައި އެ ޑޮކިއުމެންޓުތައް ލީކުކޮށްލުމުން، ހަމަ އެ ރޭ ރައީސް މުއިއްޒު ވަނީ އެއަށް ރައްދު ދެއްވައިފަ އެވެ. ލީކުވި ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ޑޮކިއުމެންޓުތަކާ ގުޅޭ ގޮތުން ރައީސް އެއްޗެއް ވިދާޅެއްނުވެ އެވެ. ނަމަވެސް ފުލުހުންގެ ޑޮކިއުމެންޓުތަކާ ގުޅޭ ގޮތުން ރައީސް ވާހަކަ ދެއްކެވި އެވެ.

ފުލުހުންގެ ޑޮކިއުމެންޓުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، އެއީ ފުލުހުން ތައްޔާރު ކުރި ސައްހަ ޑޮކިއުމެންޓުތަކެއް ކަމަށް ބެލެވޭ ގޮތަށް ރައީސް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ތުހުމަތު ކުރެއްވީ އެއީ ކުރީގެ ސަރުކާރުގައި ސިޔާސީ ގޮތުން ކޮށްފައިވާ ތަހުގީގެއް ކަމަށެވެ.

"ޑްރާފްޓު ރިޕޯޓެއް، ޕޮލިސް ރިޕޯޓެކޯ، އެއީ ޑްރާފްޓެއް، އޭގަ ނެތް ތައްގަނޑެއްވެސް ތާރީހެއް ވެސް. އެބޭފުޅުން [ފުލުހުން] ބޭނުން ގޮތަކަށް ހަދާލާފަ. އެބޭފުޅުން ހޯދިނަމަ ފެންނާނެ ނޫންތޯ އެމީހުންގެ ވެރިކަން މިދިޔަ ފަސް އަހަރު އޮތީ،" އަންގާރަ ދުވަހު ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ "ބޮލުގައި ކަމެއް އަޅުވަން" ކުރުވާފައި އޮތް ތަހުގީގެއް ކަމަށެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ޕްރޮޖެކްޓުތަކެއް ހަވާލު ކުރި ކުންފުނިތަކަކަށް އަމިއްލަ އެޕާޓްމަންޓު ކުއްޔަށް ދިން ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވި އެވެ. ރައީސްގެ ވާހަކަ ހުރި ގޮތުން އެއީ މައްސަލައެއްކަން އެމަނިކުފާނު ގަބޫލު ނުކުރާ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުގެ ރޯހައުސް ލިބުނު ދުވަހުން ފެށިގެން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ރެންޓާ އެއްޗެހި ހުރި ރިޕޯޓެއް. ބޭރު ބަޔަކަށް ކުއްޔަށް ދީފައި ހުންނާނީ ތިރީގައި ހުރި ދެ އެޕާޓްމަންޓު. އެ ކުލި އޭގައި އެ ހުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު ޕްރޮޖެކްޓެއް އެވޯޑު ކުރެއްވުމަށްފަހު، ޕްރޮޖެކްޓު ލިބޭ ކުންފުންޏަށް އަމިއްލަ އެޕާޓްމަންޓު ކުއްޔަށް ދިނުމަކީ މައްސަލައެއް ކަމަށް ރައީސް ދެކެވަޑައިނުގަތަސް، އެކަމުގައި ކޮރަޕްޝަން އެކުލެވިދާނެ ކަމަށް ދައުލަތުން ދެކެ އެވެ.

"އެހެންކަމުން، މި ފައިސާ ހޯދި ގޮތަކާއި މި ފައިސާގެ އަސްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކެން. ރާއްޖެއިން ބޭރުގެ ދެ ކުންކުންޏަކުން ޑރ. މުހައްމަދު މުއިއްޒުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ޔޫއެސް ޑޮލަރަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށް ބެލެވޭއިރު، މި ފައިސާއަކީ ކޮން ކަމަކާ ގުޅުގެން ޖަމާކޮށްފައިވާ ފައިސާއެއްތޯ ބެލުމަކީ މުހިންމު ކަމެއް،" ލީކުވި ޑޮކިއުމެންޓުތަކުގައި ފުލުހުންގެ ކްރިމިނަލް އިންޓެލިޖެންސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

އިދިކޮޅުން ބުނަނީ ރައީސް ކުށަށް އިއުތިރާފުވެވަޑައިގެންނެވީ ކަމަށް

ފުލުހުންނާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓުތައް ލީކުވުމާއެކު އިދިކޮޅުގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވި އެވެ. ޑޮކިއުމެންޓުތައް ލީކުވި ރޭ އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނީ، އެ ތުހުމަތުތައް ތެދު ނަމަ ރައީސް އަޒުލް ކުރުން ލާޒިމު ކަމަށެވެ.

"މިވަގުތު ރައީސް މުއިއްޒަށް ޝޯޝަލް މީޑިއާގައި ރައްޔިތުން ކުރަމުންދާ ތުހުމަތުތަކަކީ ހަގީގަތެއް ނަމަ، އެއީ ރައީސް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ލާޒިމް ވާނެ ކަމެއް،" އެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ، ރައީސް މުއިއްޒުގެ އެކައުންޓަށް ޗައިނާ ކުންފުނިތަކުން ފައިސާ ޖަމާވެފައި އޮތުމުން އެ ޕާޓީން "ކަންބޮޑުވާ" ކަމަށެވެ.

"މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓަތައް ހިންގި ބޭރުގެ ނުފޫޒުގަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހާއްސަކޮށް މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވިކަމުގެ އާންމުވެފައިވާ ތަފްސީލުތަކަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައީސް ރައްދު ދެއްވި ފަހުން ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޕްރޮޖެކްޓުތައް އެވޯޑް ކުރެއްވުމަށްފަހު، އެވޯޑު ކުރި ކުންފުނިތަކަށް އަމިއްލަ އެޕާޓްމަންޓު ކުއްޔަށް ދެއްވި ކަމަށް ވިދާޅުވުމަކީ، ކުށްވެރިވާ ވާހަކަ އަމިއްލައަށް ދެއްކެވުން ކަމަށެވެ.

"ރައީސް ތިވިދާޅުވަނީ އަމިއްލަފުޅު ލޮޖިކު. އެކަމަކު ގާނޫނުގައި ކަންތައް އޮންނަގޮތް ތަފާތު ނޫންތޯ؟ ތިޔަ ވާހަކަފުޅުތަކުން އަމިއްލަ މަޢްސޫމިއްޔަތު ގާއިމް ނުވޭ. އަދި ސެލްފް އިންކްރިމިނޭޓްވާ އިއުތިރާފުތަކެއް އެބަހުރި. މަގާމުގެ ބޭނުންކުރައްވާ ނަންގަވާ ނާޖާއިޒް ކޮންމެ ފައިދާއަކީ ކޮރަޕްޝަން. އެކަން ކުރައްވާފައިވާ ކަމަށް ޕަބްލިކްގައި މިހާރު ވެސް އެއްބަސް ތިޔަވެވަޑައިގަތީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ ތުހުމަތެއް އަމާޒުވުމުން އެންމެ ރީތި ގޮތަކީ، މިނިވަން ތަހުގީގަކަށް ޖާގަ ދިނުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ރައީސަކަށް ހުންނަވަނިކޮށް ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭހިނދު، އިސްވެ އެކަންތައްތައް ތަހުގީގު ކުރަން އެދިވަޑައިގަތުމާއިއެކު، އެތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވާން ވާނެ،" ޖަމީލު ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ ވިސްނުމާ އެއްބަސްވެ ޑރ. ޖަމީލް ވެސް ވިދާޅުވީ އެ ތުހުމަތުތަކަކީ ރައީސް އަޒުލް ކުރުން ލާޒިމުވާ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

"ރިޔާސީ ނިޒާމުގައި އަޒުލު ކުރާނެ، ބަރުލަމާނީ ނިޒާމުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ، މިހެކިތަކުން ޑރ. މުއިއްޒު އަޒުލު ކުރުން ލާޒިމް،" ޖަމީލު ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި ރައީސް ޝީ އަދި ރާއްޖެ/ޗައިނާގެ ގިރިޓީ ލޯބި

ޗައިނާ އާއި ރައީސް ޑރ. މުއިއްޒުއާ އޮތް ގުޅުން އުފެދުނީ މިއަދު ނުވަތަ އިއްޔެއަކު ނޫނެވެ. އެއީ އެމަނިކުފާނު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު މަޑުމަޑުން އުފެދި ބޮޑުވަމުން އައި ގުޅުމެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވެސް ޗައިނާއާއެކު ގުޅުން ބޭއްވި އެވެ. ހޮންކޮންގުގައި މުޒާހަރާ ކުރާ މީހުން ދަނެގަތުމަށް ޗައިނާއިން މަގުމަތީ ހަރުކުރި ފަދަ ކެމެރާ "ހިލޭ އެހީގެ ދަށުން" މާލޭގައި ހަރު ކުރެއްވި އެވެ.

ޗައިނާގެ މަތީ ފަންތީގެ ޓީމެއް ރާއްޖެ ވަޑައިގެން މޭޔަރު މުއިއްޒުއާ ބައްދަލު ކުރެއްވި އެވެ. މާލެ ސިޓީ އާއި ޗައިނާގެ ތިން ސިޓީއަކާއެކު "ސިސްޓާ-ސިޓީ" ގުޅުން އުފެއްދި އެވެ. ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި މޭޔަރު ތަހުނިޔާ ފޮނުއްވަ އެވެ.

އެ ގުޅުން އިތުރަށް ވަރުގަދަވީ ރައީސް މުއިއްޒު ނޮވެމްބަރު 17، 2023، ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުގައި މިދިޔަ ޖެނުއަރީ މަހު ވަޑައިގަތީ ޗައިނާއަށެވެ. ރައީސްގެ އެ ދަތުރުގައި ރާއްޖެއިން ޗައިނާއާއެކު 20 (ސިއްރު) އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

އެ ދަތުރުގައި "ވަން ޗައިނާ" ޕޮލިސީގައި ރާއްޖެއިން ވަރުގަދައަށް ހިފަހައްޓާނެ ކަމަށް ސަރުކާރުން ވައުދުވި އެވެ. ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބަލައިގަނެ، ޓައިވާނުގެ މިނިވަންކަމަށް އަޅާ ކޮންމެ ފިޔަވަޅަކާ ދެކޮޅު ހެދުމަށް ރާއްޖެއިން އެއްބަސްވި އެވެ.

މުޅި ދުނިޔެއަށް ޗައިނާއިން ބާރުވެރިވުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ތައާރަފު ކުރެއްވި ތިން އިނިޝިއޭޓިވްއަށް އެއްބަސްވެ، އެކަންކަން ތަންފީޒު ކުރުމަށް ރާއްޖެއިން އެއްބަސްވި އެވެ. އެ ދަތުރަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެން އިންޑިއާގެ ސަފީރު މުނޫ މަހާވަރުގެ ހާޒިރުގައި ހުޅުލޭގައި ހުންނަވައި ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ހަނގާ ކުރަމުން އައި ގައުމެއް ކަމަށެވެ.

ޗައިނާ ދަތުރުގެ ނަތީޖާ އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ފެންނަން ފެށި އެވެ. އޭގެ ފަހުން ބައިވަރު ކަންކަމަށް ޗައިނާ އާއި ރާއްޖެއިން އެއްބަސްވި އެވެ. އޭގެ ތެރޭގައި:

  • ތިން ރަށެއްގައި މަސް ފެކްޓަރީ އެޅުން
  • ހަތަރު ހޮސްޕިޓަލް އެޅުން
  • ކައްދޫ އެއާޕޯޓް އަދި ގާދޫގައި މެރިޓައިމް ހަބެއް އެޅުން
  • ދިވެހި ސިފައިންނަށް ޗައިނާ ސަރުކާރުން ލެސް ލީތަލް ވެޕަންސް ދިނުން
  • އިންޑިއާއިން މިލިޓަރީ ބަނދަރެއް އަޅަމުންދާ އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުން
  • ކަނޑުގެ ރިސާޗު ކުރާ ޗައިނާގެ އެންމެ ޒަމާނީ އުޅަނދު ރާއްޖޭގައި ބަނދަރު ކުރުމުގެ ހުއްދަ ދިނުން
  • 1500 ޓަނުގެ ފެން ހަދިޔާ ކުރުން
  • ސިނަމާލެ ބްރިޖު މެއިންޓެނެންސްގެ މަސައްކަތް ހަވާލު ކުރުން
  • ހިޔާ ފްލެޓުގައި ލިފްޓު ހަރުކުރުމުގެ ޕްރޮޖެކްޓު
  • މާލެ، ރަަސްމާލެ، ގުޅީފަޅުގެ މަގުތައް ޗައިނާއިން ހިލޭ ހަދަން އެއްބަސްވުން

ޗައިނާއާއެކު ރައީސް މިހާ ގާތް ގުޅުމެއް މި ބާއްވަވަނީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޗައިނާ ކުންފުނިތަކަކަށް ޕްރޮޖެކްޓުތަކެއް އެވޯޑު ކުރެއްވުމަށްފަހު، އެ ކުންފުނިތާ ޒާތީ ގުޅުމެއް ބޭއްވުމަށްފަހެވެ.

ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު މިހާރު ޗައިނާއާއެކު ބާއްވަމުންދާ ގުޅުމަކީ އެއިރު އުފެދުނު ގުޅުމުގެ ނަތީޖާ ކަމަށް ވެސް ވުން ގާތް ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި ޗައިނާއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކޮށްފައިވާ ގައުމެއް ކަމަށްވާތީ، ޗައިނާއިން ރާއްޖެއާއެކު ބާއްވަަން ބޭނުންވާ ގުޅުމާމެދު ވެސް މީހުން ސުވާލު އުފައްދަ އެވެ.

ޕަޕައު ނިއު ގިނީއަށް ނުފޫޒު ފޯރުވަން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރަށް ޗައިނާއިން ރިޝްވަތު ދޭން އުޅުނު ކަމަށް ޝައްކު ކުރެވެ އެވެ. މައިކްރޮނީޝިއާގެ ލީޑަރަށް ރިޝްވަތު ދޭން އުޅެ، ބިރުދައްކައި ހެދި ކަމަށް ވެސް ޗައިނާއަށް ތުހުމަތު ކުރެވެ އެވެ. ސޮލޮމަން އައިލެންޑްސްގެ ސިޔާސީ ބޭފުޅުންނަށް ޗައިނާއިން ރިޝްވަތު ދޭން އުޅުނު ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ. ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓު ހޯދައިދިނުމަށް، އެފްރިކާގެ ދެ ގައުމެއްގެ ލީޑަރުންނަށް ރިޝްވަތު ދިން މީހަކަށް އެމެރިކާގައި ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ރައީސް މުއިއްޒާއި ޗައިނާ ނުވަތަ ޗައިނާ އާއި ދިވެހިރާއްޖެއާ މިވަގުތު ކިތަންމެ ގުޅުން ރަނގަޅު ނަމަވެސް، ޗައިނާގެ ނިޔަތާމެދު ޝައްކު އުފެދެނީ އެ ގައުމުން އަމަލު ކުރަމުންދާ ގޮތުންނެވެ. ޗައިނާއިން ބޭނުންވަނީ ހަގީގަތުގައި ވެސް ރާއްޖެއަށް އެހީވާންތޯ ނުވަތަ ޗައިނާގެ މަސްލަހަތެއް ހިމާޔަތްކޮށް ގިރިޓީ ލޯތްބެއް އުފައްދަންތޯ ޔަގީންނުވަނީ އެހެންވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ޗައިނާ ކުންފުނިތަކަކުން ލިބިވަޑައިގަތީ ކުލީގެ ފައިސާ ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މިނިސްޓަރުގެ މަގާމު ދައުލަތުން ހަވާލު ކުރީ، ޕްރޮޖެކްޓް އެވޯޑު ކުރާ ފަރާތެއްގެ އަތުން އަމިއްލަ މަންފާ ހޯދާކަށް ނޫނެވެ.

ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓުތަކެއް ހަވާލުވެފައި ނެތް ފަރާތަކަށް ވެސް އެމަނިކުފާނުގެ އެޕާޓްމަންޓު ރައީސް މުއިއްޒަށް ކުއްޔަށް ދެވުނީހެވެ. ޝައްކު އުފެދޭ ފަދަ ގޮތަކަށް، އެތިކަލް މިންގަނޑު އިންތިހާއަށް ދަށް ކުރެއްވުމަށްފަހު އެ މުއާމަލާތް ހިންގަންޖެހޭ ސަބަބެއް ނެތެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވި ފަދައިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓަވަން ޖެހިވަޑައިގަންނަވާނީ މި ގައުމުގެ އެންމެ މަތީ މަސްލަހަތެވެ. ޝައްކު އުފެދޭ ފަދަ ހާލަތެއްގައި ޗައިނާގެ ކުންފުންޏަކުން އެމަނިކުފާނުގެ ޖީބަށް ފައިސާ ވަނުމުން، އިހުލާސްތެރިކަމާއެކު އެ ވާޖިބު އަދާ ކުރެވިދާނެތޯ ރައްޔިތުން ސުވާލު އުފައްދާނެ އެވެ.