11 ފެބުރުވަރީ 2024 - 10:00 3
މުހައްމަދު ނަސީމް
ކުރީގެ ސަރުކާރުން ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކެއް: މީގެ ތެރެއިން 4،000 ފްލެޓް ވަނީ ނިމުމުގެ މަގުމަތީގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
11 ފެބުރުވަރީ 2024 - 10:00 3
"މިފަހަރު ދެން އަހަރެެމެންނަށް ފްލެޓް ލިބެންޏާ ލިބޭނެ. މިހާރު މިދަނީ ރަނގަޅަށް،" ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި ފުރަތަމަ 4،000 ލިބޭ މީހުންގެ ލިސްޓް އިވެލުއޭޓްކުރުމަށް ފަހު ތަފްސީލު ދިން ދުވަހު އަހުމަދު އަލީ 25، ބުންޏެވެ. އޭނާ ބުނި ގޮތުގައި އޮޅުވާލައިގެން ލިސްޓްގެ އެންމެ ކުރިއަށް ޖެހިފައި ތިބި 2،400 މީހުން އުނިކޮށްފިއްޔާ ދެން އެންމެ ކުރިއަށް އަންނަ ބައިގައި އޭނާ ހިމެނޭނެ އެވެ. ފުރަތަމަ 4،000 ގެ ތެރޭގައި އޭނާ ނުހިމެނުނީ އެންމެ މާކުހެއް މަދުވެގެން ކަމަށް ވާތީ އާއި އެ މާކުސް ވެސް އެއީ ލިބެން ޖެހޭ މާކުހެއް ކަމަށް އޭނާ ދެކޭތީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަަވައި ދެއްކެވި ވާހަކަފުޅުތައް އެއީ ތެދެއް ކަމަށް ގަބޫލުކުރި މީހުުން ދެކިގެން ތިބީ އަހުމަދު ވެސް އެ ވިސްނި ގޮތަށެވެ. އެހެނީ ފްލެޓަށް ޝަރުުތުހަމަވާ މީހުންގެ ލިސްޓް އަލުން ބަލުން އެކުލަވައިލާނެ ކަމަކަށް ކެމްޕެއިނުގައި ވެސް އޭގެ ފަހުން ވެސް ރައީސް ވިދާޅެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އޭރުގެ އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ކުރި އެއް ތުހުމަތަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، އެ ސަރުކާރުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯއްޗެއް ވެސް ފްލެޓެއް ވެސް ނުދޭނެ ކަމަށެވެ.
"އެ މީހުންގެ ފްލެޓާއި ގޯތި އަތުލާނެ" ކަމަށް ރައީސް ސޯލިހުގެ އަރިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު އޭރު ވިދާޅުވީ އެ ސަރުކާރުން ދީފައި އޮތް "ގޯއްޗެއް ފްލެޓެއް އަތުނުލައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް މި ވާހަކަތައް ދައްކާއިރު ވެސް ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރޭ. އަޅުގަނޑުމެންނެއް ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް އަދި ލިބެން އޮތް އެއްޗެއް ވިޔަސް އަތެއްނުލާނަން. އެއީ ފްލެޓެއް ކަމުގައި ވިޔަސް، ގޯއްޗެއް ކަމުގައި ވިޔަސް، ވަޒީފާއެއް ކަމުގައި ވިޔަސް، އެހެން މަޝްރޫއެއްް ކަމުގައި ވިޔަސް އަތެއްނުލާނަން،" މާލޭގައި ސެޕްޓެމްބަރު 14، 2023 ގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވި އެވެ.
އެ ޔަގީންކަމާއި އޭރު ދެއްކެވި އެހެނިހެން ގިނަ ވާހަކަފުޅުތައް ގަބޫލުކޮށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކުރި އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގޯތި ލިބޭ މީހުންގެ ލިސްޓަށް އެމަނިކުފާނު އިހުތިރާމް ކުރައްވައިފާނެ ކަމާ މެދު ސުވާލު އުފައްދާ މީހުން އޭގެ ފަހުން ވެސް ތިއްބެވެ.
ރައީސް އޮފީހުގައި ޑިސެމްބަރު 5، 2023 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެ ސުވާލު އަނެއްކާ ވެސް އުފެއްދީ އެހެންވެ އެވެ. އެ ދުވަހު ވެސް މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ ފްލެޓް ލިސްޓްގައި ހެޔޮގޮތުގައި ހިމެނުނު އެއްވެސް މީހަކަށް ފްލެޓް ނުގެއްލޭނެ ކަމަށެވެ. ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށް ވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށް ވެސް ސާފުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެހާ ތަފްސީލުކޮށް ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފާނެ ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.
ގެދޮރުވެރިޔާ ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިން ފެބްރުއަރީ 5، 2024، ގައި ބުންޏެވެ.
އޭސީސީން މި މައްސަލައިގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.
ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކެވެ. އެއީ ޖުމްލަ ފޯމުތަކުގެ 70 ޕަސެންޓެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނެ އެވެ.
އޭސީސީގެ ތަހުގީގަށް ފާހަގަކުރެވުނު މައިގަނޑު ކަންކަން
އޭސީސީގެ ތަހުގީގު ނިންމައި އެ މައުލޫމާތު އާއްމުކުރުމުން ގިނަ ބަޔަކު ހީކުރީ މައްސަލައެއް ނެތް ކަމަށް އެ ކޮމިޝަނަށް ފެނުނު ފޯމްތަކަށް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންވީމާ އެ ފޯމުތައް ލިސްޓްގެ ކުރިއަށް ޖެހޭނެ ކަމަށް ވެސް މީހުން ދުށްޓެވެ. އެހެން ނަމަވެސް ސަރުކާރުން ރޭ ބުނީ ކުރީގެ ސަރުކާރުން ކުރިން ކަނޑައެޅި 4000 ފްލެޓު ލިބޭ މީހުން އަލުން ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށް ސަރުކާރުން ބުނެ އެވެ.
"... ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވިން،" ހައުސިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ވާހަކަ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ވަޒީރުން ފަހުން އެހެން ގޮތަކަށް ތަރުޖަމާ ނުކުރައްވާނެ ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުން ދޭހަވާ އެހެން މާނައެއް ނެތެވެ. އެ ބަޔާނުގައި އެއޮތީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އަލުން ބަލުން އެކުލަވައިލާ ވާހަކަ އެކެވެ.
އެއްވެސް މީހަކަށް ލިބިފައި އޮތް ފްލެޓެއް އަތުނުލައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން އެހެންވީމާ މިވީ "ހޮޅިވާހަކަ" އަކަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment