Advertisement

މިއަހަރު 2.3 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލު ކުރެވިދާނެތަ؟

12 ފެބުރުވަރީ 2024 - 09:55 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ތުލުސްދޫގެ މަގެއްގެ މަތީގައި ޓޫރިސްޓުންތަކެއް: މިދިޔަ އަހަރު ރާއްޖެ އައީ 1.8 މިލިއަން ޓޫރިސްޓުން -- އަދަދު ފޮޓޯ


މިއަހަރު 2.3 މިލިއަން ޓޫރިސްޓުންގެ އަމާޒު ހާސިލު ކުރެވިދާނެތަ؟

12 ފެބުރުވަރީ 2024 - 09:55 0

ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ، ކޮވިޑް-19ގެ ވަޅުގަނޑުން ކުރު މުއްދަތެއްގެ ތެރޭގައި އަރައިގަތް ގައުމެކެވެ. ޓޫރިޒަމް ވިޔަފާރިތަކާއި, އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރުން ކުރި ބުރަ މަސައްކަތުން، މިދިޔަ އަހަރު ނިމުނުއިރު، ކުރީގެ ހާލަތަށް ރާއްޖޭގެ ޓޫރިޒަމް ވަނީ ރުޖޫއުވެފަ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައެޅި އަމާޒަކީ އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ. އެ އަދަދު ހަމަ ކުރުމަށް، މިދިޔަ އަހަރު އައި، 1.87 މިނިއަނަށް ވުރެ އިތުރަށް ބޭނުންވަނީ 121،463 ޓޫރިސްޓުންނެވެ. ރާއްޖެއިން ޓޫރިޒަމްގައި އަހަރުން އަހަރަށް ހޯދާ ކުރި އެރުމަށް ބަލާއިރު، ޓޫރިސްޓުންގެ އަދަދު ހަ ޕަސެންޓް އިތުރުކުރުމަކީ ފަސޭހަ ކަމެކެވެ.

މީގެ 52 އަހަރު ކުރިން، ރާއްޖޭގެ ޓޫރިޒަމް ފެށުނު 1972 ވަނަ އަހަރު ރާއްޖެ އައީ ހާހެއްހާ ޓޫރިސްޓުންނެވެ. އަހަރަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު، 1985 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލައްކަ އަކަށް އެރުމަށް 13 އަހަރު ހޭދަވި އެވެ. އެ އަހަރު 114،554 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ފެށުނީއްސުރެ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔައީ ޔޫރަޕުންނެވެ. ޔޫރަޕުގެ ޓޫރިސްޓުންގެ 78 ޕަސެންޓް ހިއްސާ އާއެކު، ރާއްޖެއަށް އެންމެ ފުރަތަމަ ބައިލައްކަ ޓޫރިސްޓުން އައި 2003 ވަނަ އަހަރެވެ. ޓޫރިޒަމް ފެށިތާ 31 އަހަރު ފަހުން، އެ އަހަރު 563،593 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

އަހަރު ތެރޭގައި އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އެރުމުގެ ރިކޯޑު ހަމަކުރެވުނީ، ޓޫރިޒަމް ފެށުނުތާ 41 އަހަރު ފަހުން، 2013 ވަނަ އަހަރު އެވެ. އެ އަަހަރު 1.1 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ހަމަކުރުމެވެ. އެ ލަނޑުދަނޑި ހާސިލުވާނީ އިތުރު ހަތަރު ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން މި އަހަރު ގެނެވިގެންނެވެ. މިދިޔަ މަހު ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގަ ހިމެނޭ އިންޑިއާ އާއި ޗައިނާ މާކެޓު ހުރި ވަރުގަ ހިފެހެއްޓިއްޖެ ނަމަ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

"ޗައިނާ އަދި އިންޑިއަން މާކެޓު އެހުރިވަރުގަ ހިފެހެއްޓިއްޖެ ކަމަށްވާ ނަމަ އަޅުގަނޑަށް ފެނޭ ގާތްގަނޑަކަށް ޓޫރިސްޓު އެރައިވަލް 2024 ގައި ނިންމާލެވިދާނެ ކަމަށް 2.3 މިލިއަންގައި،" ޖެނުއަރީ 30 ވަނަ ދުވަހު ފައިސަލް ވިދާޅުވި އެވެ.

މިދިޔަ މަސް ނިމުނުއިރު، ރާއްޖޭގެ ޓޫރިޒަމްގައި ޗައިނާގެ ހިއްސާ އަކީ 10.3 ޕަސެންޓެވެ. އިންޑިއާގެ ހިއްސާ އަކީ 7.8 ޕަސެންޓެވެ. އަދި ރަޝިޔާގެ ހިއްސާ އަކީ 10.5 ޕަސެންޓެވެ. ޓޫރިސްޓުން އިތުރުވަމުން އައިވަރު ހުރީ 11.5 ޕަސެންޓުގަ އެވެ. މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާ އާއި އިންޑިއާ އިން ވެސް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، ޗައިނާ އިން ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮވިޑް-19 ގެ ކުރިން ކުރިމަތިވި 2004 ގެ ސުނާމީގެ ކާރިސާ އިން ވެސް، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އަރައިގަނެވުނެވެ. ސުނާމީގެ ފަހުން، ކޮވިޑް-19 ކުރިން ރާއްޖޭގެ ޓޫރިޒަމް ދަށަށް ޖެހިލައިފައިވަނީ އެންމެ އަހަރެކެވެ. ހަތަރު ޕަސެންޓުގެ ދަށްވުމެއް 2009 ވަނަ އަހަރު ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން އައި 10 އަހަރު އެވަރެޖްކޮށް 8.9 ޕަސެންޓުގަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވެ އެވެ.

މިދިޔަ ވިއްސަކަށް އަހަރު، އަހަރުން އަހަރަށް ޓޫރިސްޓުންގެ އަދަދު އިތުރުވި މިންވަރަށް ބަލާއިރު، އާންމު ހާލަތުގައި، އަހަރަކު 10 ޕަސެންޓަށްވުރެ އިތުރުވެފައި ވަނީ މަދު އަހަރު ތަކެއްގަ އެވެ. ކޮވިޑަށް ފަހު، ޖެހިގެން އައި 2021 ވަނަ އަހަރު ޓޫރިސްޓުންގެ އަދަދު 56 އަދަދު އިތުރުވި އިރު، 2022 ވަނަ އަހަރު އިތުރުވީ 21 ޕަސެންޓެވެ، އަދަދި މިދިޔަ އަހަރު 10.82 ޕަސެންޓެވެ.

މިދިޔަ ފަސް އަހަރު ޗައިނާ އާއި އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު


ކޮވިޑްގެ ހާލަތުން އަރައިގަތުމަށް، އެންމެ ބޮޑު ހިއްސާއެއްވީ އިންޑިއާގެ ޓޫރިސްޓުންނެވެ. ކޮވިޑް ކުރިމަތިވީ އިންޑިއާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަނިކޮށެވެ. ކޮވިޑަށްފަހު، ޗައިނާ އިން ރާއްޖެ ޓޫރިސްޓުން އައުން ހުއްޓިފައި އޮތް ވަގުތު، 2021 ވަނަ އަހަރު، 291،787 ޓޫރިސްޓުން އިންޑިއާ އިން ރާއްޖެ އައިސްފަވެ އެވެ. ނަމަވެސް ފާއިތުވެދިޔަ ދެ އަހަރު ވެސް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ޗައިނާއިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ 2014 ވަނަ އަހަރެވެ. އެ އަހަރު އައި 363،626 ޓޫރިސްޓުންނާއެކު، އެ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ 30 ޕަސެންޓް ޗައިނާ ހިއްސާ ކުރި އެވެ. އެއީ އަހަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން އެއް ގައުމަކުން ޓޫރިސްޓުން އައިވަރެވެ. އެއަށްފަހު ޗައިނާ ޓޫރިސްޓުންގެ އަދަދު ވަނީ އަހަރުން އަހަރަށް ދަށަށް ގޮސްފަ އެވެ.

ރަޝިޔާގެ ޓޫރިސްޓުންގެ އަދަށް ބަލާއިރު، މިދިޔަ ދެ އަހަރު ވެސް އެ އަގުމުން އައި ޓޫރިސްޓްގެ އަދަދު، 2021 ވަނަ އަހަރު އައި 222،422 އަދަށްވުރެ މަދެވެ. ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ހިއްސާ އެއް ކުރަނީ ޔޫރަޕެވެ. އެ ސަރަހައްދުން މިދިޔަ އަހަރު 56 ޕަސެންޓް ހިއްސާ ކޮށްފައިވައިރު، ޓޫރިސްޓުން އިތުރުވެފައިވަނީ އެންމެ ތިން ޕަސެންޓެވެ.

މިދިޔަ އަހަރު އިންޑިއާ އިން 209،198 ޓޫރިސްޓުން އައިސްފައިވާއިރު، ޗައިނާ އިން އައިސްފައިވަނީ 187،118 ޓޫރިސްޓުނެވެ. މިނިސްޓަރު ވިދާޅުވި، ފަދައިން މިހާރު ހުރި ވަރުގައި އެ ދެ މާކެޓް ހިފެހެއްޓިއްޖެ ނަމަ، އެއްގޮތަކުން ބަލާއިރު މި އަހަރު ތެރޭގައި ޗައިނާގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ، އިންޑިއާ ޓޫރިސްޓުންގެ އަދަދު ދަށް ދާނެ އެވެ.

މި އަހަރު ފެށިގެން އައިއިރު ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ، ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް އިންޑިއާގެ ނުޒޫފު ގަދަ ފަރާތްތަކުން ފެށި އެވެ. އެ ދަނޑިވަޅާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް ޗައިނާ ހެދުމަށެވެ.

އިންޑިޔާ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން މިހާރު އޮތްވަރާއި، އަދި މިދިޔަ ދެ އަހަރު ވެސް އެގައުމުން އައި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާއިރު، ބޮޑަށް ލަފާކުރެވެނީ އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރު މަދުވާނެ ކަމަށެވެ. ތަފާސް ހިސާބާއި ޓްރެންޑަށް ބަލާއިރު، އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 15 ވަރަކަށް ފަސެންޓް ދަށްވުމަކީ ގާތް ކަމެކެވެ. އެހެން ކަމުން މި އަހަރު އިންޑިއާ އިން ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ 180،000 ޓޫރިސްޓުންނެވެ.

ރާއްޖެ އާއި ޗައިނާއިން ވަނީ އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް އިތުރުކުރެވިއްޖެނަމަ، ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ ހިއްސާ އަށް ބަލާއިރު މަދުވެގެން 280،000 ޓޫރިސްޓުން ޗައިނާ އިން މި އަހަރު ރާއްޖެ އަންނާނެ އެވެ.

އާންމު ހާލަތުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރާވަރާއި ތަފާސް ހިސާބަށް ބުރަވާނަ މި އަހަރު ޓޫރިސްޓުގެ އަދަދު އެންމެ މަތިވެގެން ވެސް އިތުރުވާނެ ކަމަށް ބެލެވެނީ 10-11 ޕަސެންޓެވެ. އެއީ 2.1 މިލިއަން ޓޫރިސްޓުންނެވެ.

މިދިޔަ 20 އަަހަރު ދުވަހުގެ ތެރޭގައި، ދަށްވުމަކާއި ނުގުޅި އަހަރުން އަހަރަށް ޓޫރިސްޓުން އެންމެ ބޮޑަށް އިތުރުވެފައިވަނީ އަހަރަކު 14 ޕަސެންޓެވެ. އެ ނިސްބަތުން ބަލާނަމަ ރާއްޖެ އަށް މި އަހަރު އަންނާނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ 18 ޕަސެންޓް އިތުރުވެ، 2.3 އަށް އެރުމަކީ ވަރަށް ނާދިރު ކަމެކެވެ. އާންމު ހާލަތެއްގައި އެއް އަހަރު ތެރޭގައި އިތުރު ހަތަރު ލައްކަ ޓޫރިސްޓުން މީގެ ކުރިން އައިސްފައެއްނުވެ އެވެ.