Advertisement

އެންމެންގެ މުސާރަ ބޮޑުކުރުން، މާލީ ބޮޑު ބުރައަކަށް

6 ފެބުރުވަރީ 2024 - 09:43 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޓީޗަރުންގެ ދުވަސް ފާހަގަކުރުން -- ފޮޓޯ: އަދަދު


އެންމެންގެ މުސާރަ ބޮޑުކުރުން، މާލީ ބޮޑު ބުރައަކަށް

6 ފެބުރުވަރީ 2024 - 09:43 1

މިދިޔަ އަހަރުގެ ޖެނުއަރީ 1، ގައި ސަރުކާރުން ނަގާ ޓެކްސް، ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި އެވެ. ސަރުކާރުން ނިންމީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރާށެވެ.

ޖެނުއަރީ 1، 2023 އިން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ނޮވެމްބަރު 22، 2022 ގަ އެވެ.

އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުން ނަމަ، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުނުކޮށް އިތުރު އެއްވެސް ގޮތެއް ސަރުކާރަށް ހަމަ ނެތީ އެވެ. ދައުލަތުގެ ހަރަދު ލިބޭ އާމްދަނީއަށް ނުކަތަނީ އެވެ.

"މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓުތައް މަތިކުރަމުންދާތީ ބޭރުން ޑެފިސިޓް ފައިނޭންސް ކުރަން އެއްވެސް ފުރުސަތެއް މިހާރު ނެތް. އަޅުގަނޑުމެން އެބަޖެހޭ އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން،" އަމީރު ވިދާޅުވި އެވެ.

ޓެކްސްގެ ރޭޓު އިތުރުކުރި ދަނޑިވަޅަކީ، ދައުލަތުގެ ރިކަރަންޓު ހަރަދުތަކެއް ސަރުކާރުން ބޮޑުކުރި ވެސް ދުވަސްވަރެކެވެ. ފުރަތަމަ ބޮޑު ކުރީ ޓީޗަރުންގެ މުސާރަ އެވެ. ދެން ބޮޑު ކުރީ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ އެވެ. އޭގެ ފަހުން ޔުނިވާސިޓީ ލެކްޗަރާއިންނާއި އެހެނިހެން ސިވިލް ސާވެންޓުންނެވެ. ފުލުހުންނާއި ސިފައިންގެ އިތުރުން ޖުޑިޝަލް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރީންގެ މުސާރަ ވެސް ބޮޑުކޮށްފި އެވެ. އެ މަސައްކަތް ނިމުނީ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑު ކުރަން ކޮމެޓީން ނިންމުމަށްފަހެވެ.

އެއީ ދައުލަތުގެ ހަރަދަށް އިތުރުވި ވަރަށް ބޮޑު ބޮޅެކެވެ. ދައުލަތުގެ ހަރަދު އެތައް ގުނައަކަށް ބޮޑުވީ އެވެ. މިއީ ދައުލަތަށް ތަކާ ވަރުގެ މާލީ ބުރައެއް ހެއްޔެވެ؟ ރާއްޖެއަށް މި ދަނޑިވަޅު މުހިންމު ނިންމުމެއް ހެއްޔެވެ؟

މުސާރަތަކަށް ގެންނަން ނިންމި ބަދަލުތައް

ސިއްހީ ދާއިރާގެ މުވައްޒަފުން

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1، 2023 ގައި ގެނައި ބަދަލާއެކު ސީނިއާ ރެޖިސްޓާޑް ނަރުހުންގެ މުސާރައަށް އިތުރު ގަޑީގެ އެލަވަންސާ ނުލައި 29،271ރ. ލިބޭނެ އެވެ. އަދި ސްޕެޝަލިސްޓް މުސާރައަށް އިތުރުގަޑީގެ އެލަވަންސް ނުލައި 41،976ރ. ލިބޭނެ އެވެ.

ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު މުސާރައަށް 28،727ރ. ލިބެމުން ދިޔަ މެޑިކަލް އޮފިސަރުންނަށް އެލަވަންސް ނުލައި 41،541ރ. ލިބޭނެ އެވެ.

ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރަ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137ރ. ވަނީ ކަނޑައަޅައިފަ އެވެ.

ޕްރިންސިޕަލުން

  • ރޭންކް 1 ގައި ހިމެނެނީ 127 ޕަރިންސިޕަލް: މިހާރު ލިބެނީ 16،797ރ. މި ބަދަލާ އެކު 30،610ރ. އަށް ބަދަލުވެ އެވެ. އެއީ 82 ޕަސެންޓުގެ ކުރިއެރުމެކެވެ.
  • ރޭންކް 2ގައި ހިމެނެނީ 48 ޕްރިންސިޕަލް: މިހާރު ލިބެނީ 20،049ރ. މި ބަދަލާ އެކު 35،452ރ. އަށް ބަދަލުވެ އެވެ. އެއީ 59 ޕަސެންޓުގެ ކުރިއެރުމެކެވެ.
  • ރޭންކަ 3ގައި ހިމެނޭ އެއްވެސް ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޕްރިންސިޕަލުންނަށް 35،452ރ. ލިބޭނެ އެވެ.
  • މީގެ އިތުރުން ސްކޫލުގެ އާބާދީއަށްބަލާ ޕްރިންސިޕަލުންނަށް އިތުރު އެލަވެންސެއް ލިބެ އެވެ. އެއީ 1000ރ އިން ފެށިގެން 5000ރ. އާ ދެމެދުގެ އެލަވެންސެކެވެ.
  • މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޕްރިންސިޕަލުންނަށް 31 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޑެޕިއުޓީ ޕްރިންސިޕަލުން

  • ރޭންކް 1ގައި ހިމެނޭ 5 ޑެޕިއުޓީ ޕަރިންސިޕަލް: މިހާރު ލިބެނީ 13،079ރ. މި ބަދަލާ އެކު 23،240ރ. އަށް ބަދަލުވެ އެވެ. އެއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.
  • ރޭންކް 2ގައި ހިމެނޭ 44 ޑެޕިއުޓީ ޕްރިންސިޕަލް: މިހާރު ލިބެނީ 16،830ރ. މި ބަދަލާ އެކު 26،023ރ. އަށް ބަދަލުވެ އެވެ. އެއީ 54 ޕަސެންޓުގެ ކުރިއެރުމެކެވެ.
  • ރޭންކަ 3ގައި ހިމެނޭ އެއްވެސް ޑެޕިއުޓީ ޕްރިންސިޕަލެއް ނެތް ނަމަވެސް މި ރޭންކްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 28،787ރ. ލިބޭނެ އެވެ.
  • މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ޑެޕިއުޓީ ޕްރިންސިޕަލުންނަށް 4 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޓީޗަރުން

  • ޑިޕްލޮމާ ޓީޗަރަކަށް މިހާރު 10،889ރ. ލިބޭއިރު މި ބަދަލާ އެކު ޑިޕްލޮމާ ޓީޗަރެއްގެ މުސާރަ 13،266ރ. އަށް ބޮޑުވެ އެވެ.
  • ޑިގްރީ ޓީޗަރަކަށް މިހާރު 13،008ރ ލިބޭ އިރު މި ބަދަލާއެކު ޑިގްރީ ޓީޗަރެއްގެ މުސާރަ 19،467ރ.އަށް ބޮޑުވެ އެވެ.
  • މާސްޓާސް ޓީޗަރަކަށް މިހާރު 15،135ރ. ލިބޭ އިތރު މި ބަދަލާއެކު މާސްޓާސް ޓީޗަރެއްގެ މުސާރަ 20،026ރ. އަށް ބޮޑުވެ އެވެ.

ލެކްޗަރާއިން

  • އެސިސްޓެންޓް ޕްރޮފެސާ - 23،500ރ. އިން 39،400ރ. އަށް
  • އެސޯސިއޭޓް ޕްރޮފެސާ - 26،000ރ. އިން 45،000ރ. އަށް
  • ޑީން - 30،000ރ. އިން 38،000ރ. އަށް
  • ރަޖިސްޓްރާ - 23،000ރ. އިން 42،000ރ. އަށް
  • ޑެޕިއުޓީ ވައިސް ޗާންސެލަރު - 39،000ރ. އިން 48،000ރ. އަށް
  • ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ - 14،000ރ. އިން 26،000ރ. އަށް
  • ވޮކޭޝަނަލް ލެކްޗަރާ - 17،000ރ. އިން 29،000ރ. އަށް
  • ވޮކޭޝަނަލް ސީނިއާ ލެކްޗަރާ - 17،000ރ. އިން 34،000ރ. އަށް

މަޖިލިސް މެމްބަރުން

ޑިސެމްބަރު 20، 2023ގައި ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

އެ ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 100،000ރ. ޖެހެ އެވެ.

މަޖިލިސް މެމްބަރެއްގެ މިހާރު މެމްބަރުންގެ މުސާރަ އަކީ 62،500ރ. އެވެ. ކޮމިޓީ އެލަވަންސާ އެކު ޖުމްލަ 82،500ރ އެވެ. މި މުސާރައާ ދޭތެރޭ އާންމުން ކުރިން ވެސް ހިތްހަމަނުޖެހެ އެވެ. ނަމަވެސް އެ އިސްލާހު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ކައުންސިލް މެމްބަރުން

ކައުންސިލު މެންބަރުންގެ މުސާރަ އާއި އެލަވަންސަަށް 33 ޕަސެންޓުގެ ކުރިއެރުމެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދޭން ލާމަރުކަޒީ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ރަށު ކައުންސިލްތަކުގެ މުސާރައަށް ބަދަލުގެންނަން ލާމަރުކަޒީ ކޮމެޓީން ހުށަހެޅި ގޮތް:

  • ކައުންސިލް ރައީސް: އަސާސީ މުސާރައިގެ ގޮތުގައި 15400ރ. ލިވިން އެލަވަންސްގެ ގޮތުގައި 4600ރ. ފޯނު އެލަވަންސްގެ ގޮތުގައި 500ރ. އެޓެންޑެންސް ދުވާލަކަށް 225ރ. ގެ މަގުން މަހަކު 4500ރ. އެވެ. އެއީ އެކު ޖުމުލަ 25،000ރ. އެވެ.
  • ނައިބު ރައީސް: އަސާސީ މުސާރައިގެ ގޮތުގައި 11600ރ. ލިވިން އެލަވަންސަށް 3400ރ. ފޯނު އެލަވަންސް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 20،000ރ. އެވެ.
  • ކައުންސިލް މެންބަރުން: އަސާސީ މުސާރައިގެ ގޮތުގައި 10،600ރ. ލިވިން އެލަވަންސަށް 2400ރ. ފޯނު އެލަވަންސަށް 500ރ. އެޓެންޑެންސް އެލަވަންސަށް 4500ރ. އެވެ. އެއީ އެކު ޖުމުލަ 18،000ރ.

ރައީސް އަދި ވަޒީރުން

މީގެ ކުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ.

މާލިއްޔަތު ކޮމިޓީން ޑިސެމްބަރު 19، 2023ގައި ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ރ. އަށް ބޮޑުކޮށް ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 66،000ރ. އިން 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ފުލުހުންނާއި ސިފައިން

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިއަހަރަށް ލަފާކޮށް ސޯލިހު ސަރުކާރުގައި ފޮނުވި ބަޖެޓުގައި މުސާރަ ބޮޑުކުރަން ވެސް އޮތީ ހިމަނައިފަ އެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން ރައީސް މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެ ވަނަ އަހަރު 25 ޕަސެންޓު، އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަ ބޮޑުކުރާ ގޮތަށެވެ.

ދަރަނި ބޮޑު، ހަރަދު ކުޑަކުރަން ޖެހޭ

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 115.9 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 124 ބިލިއަން ރުފިޔާ އެވެ.

ވޯލްޑް ބޭނުންކުން 2022 ގައި ނެރެފައިވާ "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު: ރިސްޓޯރިން ފިސްކަލް ހެލްތް" ރިޕޯޓުގައި ވެސް ވަނީ ރާއްޖޭގެ ހަރަދު ކުޑަކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖުމުލަ ހަރަދުގެ ތިންބައިކުޅަ އެއްބައި ހަރަދު ވަނީ ދައުލަތުގެ މުއައްޒަފުންގެ މުސާރައަށެވެ. އެއީ ގާތްގަނޑަކަށް ޖީޑީޕީގެ 11 އިންސައްތަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ދޭންޖެހޭ މުސާރަތަކަށެވެ. އެއީ ދައުލަތުން މުސާރައަށް ކުރާ ހޭދައިގެ ޖުމުލަ 25 ޕަސެންޓެވެ. ހެލްތް މިނިސްޓްރީ އަދި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މުއައްޒަފުންގެ މުސާރައަށް 20 ޕަސެންޓު އަދި ފުލުހުންގެ މުސާރައަށް އަށް ޕަސެންޓު ހަރަދުވާ ކަމަށް ވޯލްޑް ބޭނުންކުން ބުނެ އެވެ.

ސަރުކާރުން މުސާރަތަކަށް ގެންނަން ނިންމާފައިވާ އަދި ގެނެސްފައިވާ ބަދަލުތަކާއެކު އެ އަދަދުތައް އިތުރަށް މަތިވެގެން ދާނެ އެވެ. އެގޮތުން ރާއްޖޭގައި ހުރި ވަސީލަތްތައް ކޮންމެހެން ބޭނުންޖެހިފައިވާ ދާއިރާތަކާއި މަޝްރޫއުތަކަށް ހޭދަކޮށް، ހަރަދު ކުޑަކުރުމަށް ވޯލްޑް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަގުތައް އުފުލުމާއި ހަރަދު ބޮޑު ދިރިއުޅުން

ކްރެޑިޓް ސުއިސްގެ ގްލޯބަލް ވެލްތް ޑޭޓާ ބުކް 2022 އިން ދައްކާ ގޮތުން 2021 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އަމިއްލަ ފަރުދުންގެ ދަރަނި އުޅެނީ މީހަކަށް އެވްރެޖްކޮށް 27,000ރ. ގަ އެވެ. އަދި ދަރަނި ނަގައިގެން އާންމު ދިރިއުޅުން ހަމަޖައްސަން ޖެހެނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ.

އެއީ މިހާރު ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން، ހަރަދު ދެކޮޅު ޖެއްސުމުގެ ގޮތުންނާއި އާމްދަނީ އާއި ނުބައްދަލު ލައިފްސްޓައިލްއެއް ހިޔާރުކޮށްފައިވުމުގެ ސަބަބުންނެވެ. މި ދެ ސަބަބުގެ ތެރެއިން ފަހު ސަބަބު ގިނަ މީހުން ހިޔާރުކޮށްފައިވާ ނަމަ، ޕަބްލިކް ސެކްޓަރުގެ މުސާރައަށް އަންނަ ބަދަލަކުން ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑް މަތިވެ، އިންފްލޭޝަން މައްޗަށް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

އިގުތިސާދީ މާހިރު އަދި ލިޔުންތެރިޔާ އަބްދުﷲ ޝަހީދު މި ނޫހަށް ލިޔުއްވާފައިވާ "މުސާރަ ބޮޑުކުރުމުން އިންފްލޭޝަން މަތިވެދާނެތަ؟" ރިޕޯޓުގައި ވެސް ވަނީ މި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޝަހީދު ވަނީ ޑިމާންޑް މެދުވެރިކޮށް، ތަކެތީގެ އަގުތައް މައްޗަށް އުފުލުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާކަމެއް ކަމަށާއި މުސާރަތައް ބޮޑުވުމުން، އެ އިތުރުވާ މުސާރައިން ތަކެއްޗާއި ހިދުމަތަށް ކުރާ ޑިމާންޑަށް އަންނަ އިތުރުވުން ޔަގީންކުރެވޭނީ އާންމު ފަރުދުންގެ ދަރަންޏާއި ހޭދަކުރުމުގެ ވައްޓަފާޅިއަށް ނަޒަރު ހިންގައިގެންކަން ފާހަގަކޮށްފަ އެވެ.

"ޑިމާންޑް މެކޭނިޒަމްގެ ތެރެއިން ވޭޖް އިންފްލޭޝަނެއް ރާއްޖޭގައި އުފެދުމުގެ ފުރުސަތު އެބަ އޮތް. މިއީ ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި މިކަން ވާ ގޮތެއް ނޫން. ސަބަބަކީ އެ ގައުމުތަކުގެ ޕަބްލިކް ސެކްޓަރު ކުޑަ. އެކަމަކު ރާއްޖޭގައި ޕަބްލިކް ސެކްޓަރު އިންތިހާއަށް ބޮޑު،" ޝަހީދު ވިދާޅުވި އެވެ.

މުސާރަ ބޮޑުކުރުމާއި ތަކެތީގެ އަގާ ސީދާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިސްޓުން ބުނެ އެވެ. އެހެންވިޔަސް މުސާރަ ބޮޑުވުމުން، ތަކެތި ގަންނަން އޮންނަ ޑިމާންޑު ބޮޑުވެ އެވެ. އޭގެ ސަބަބުން ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އޮވެ އެވެ. އަދި ޓެކްސްއަކީ ވެސް ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު އޮންނަ ކަމެކެވެ.

ބޮޑުކުރި މުސާރައިގެ ހަރަދުތައް ފޫބައްދަން ސަރުކާރުން ކުރި އެއް ކަމަކީ ޓެކްސް ބޮޑު ކުރުން ކަން އެބަ ފެނެ އެވެ.

އިގުތިސޯދީ އިލްމުގައި ބުނާ ގޮތުން ދިރިއުޅުމުގެ ފެންވަރު ވަޒަން ކުރުމުގައި އާމްދަނީއެކޭ އެއް ހަމައަކުން ހަރަދުބަރަދުގެ މިންގަނޑު ބަލަން ޖެހެ އެވެ. ބޮޑުކުރި މުސާރައަށް ވުރެ ބޮޑަށް ތަކެތީގެ އަގު އުފުލޭ ނަމަ، ދިރިއުޅުމުގެ ފެންވަރު އަދި މަތި ނުވެ އެވެ. ޓެކްސް އާއި ތަކެތީގެ އަގު އުފުލުމުން، ފަހަރުގައި މުސާރަ ބޮޑުކުރި ނަމަވެސް، އޭގެ ސީދާ ފައިދާގެ އިހުސާސް ނުކުރުމަކީ ގާތް ކަމެކެވެ.

  1. ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މިދިޔަ ޑިސެމްބަރުގެ ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި އެ މަހުގެ ތެރޭގައި އަގުތައް 0.39 ޕަސެންޓު އުފުލުނެވެ.
  2. އަހަރުން އަހަރަށް ހިސާބުކުރާއިރު، އެއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް، އިންފްލޭޝަން ހުރީ 2.02 ޕަސެންޓުގަ އެވެ.
  3. ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އިންފްލޭޝަން މި އަހަރު ހުންނާނީ އެއް ޕަސެންޓުގަ އެވެ. އަދި މި އަހަރަކީ 2013 ގެ ފަހުން ތަކެތީގެ އަގުތައް އެންމެ މަތިވާނެ އަހަރުކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި މުސާރަތައް ބޮޑުކުރުމަކީ ރާއްޖޭގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެގެންދާނެ ސަބަބެކެވެ. އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް އިތުރުވެ، ދަރަނި އިތުރުވެ ރާއްޖެ އިގުތިސާދީ އަނދަވަޅަކާ ދިމާލަށް މިސްރާބު ޖެހުން ގާތެވެ. އެހެންކަމުން، މުސާރަ ބޮޑު ކުރުމުގައި ވިސްނުންތެރި، އިގްތިސާދަށް ބުރަ ނެގޭނެ ގޮތަކަށް އެކަން ކުރުން މުހިންމެވެ.