30 ޖަނަވަރީ 2024 - 11:01 3
ހަސަން މުހައްމަދު
30 ޖަނަވަރީ 2024 - 11:01 3
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ތިން ވަޒީރަކަށް ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މި ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުން އެ ނިންމުމާ ހިސާބަށް އައީ ދެ ދުވަސް މަތިން ހިންގި ސިޔާސީ ބޮޑު ކަންތައްގަނޑަކަށްފަހުގަ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނެތް ކަމަށެވެ.
އެކަމަކު، ވަޒީރުންގެ މަޖިލީހުން ހުސްވި ގޮނޑިތަކަށް ސަރުކާރުން މި ވަނީ ރުހުން ނުލިބުނު މެންބަރުން އަނެއްކާ ވެސް އައްޔަންކޮށްފަ އެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ރުހުން ނެތް ކަމަށް ފާސް ކުރި ވަޒީރުން އަނެއްކާ ވެސް ހަމަ ކުރިން ހުރި މަގާމުތަކަށް އައްޔަން ކުރެވިދާނެތޯ އެވެ؟ އައްޔަން ކުރެވޭ ނަމަ، އެއީ ސިޔާސީ ގޮތުން ކުރިއަށްދިޔުން އެންމެ ރަނގަޅު ގޮތްތޯ އެވެ؟
ވަޒީރުންނަށް ރުހުން ދިނުމުގެ ކޮންސެޕްޓު ފެހި ގާނޫނު އަސާސީއާއެކު ރާއްޖެއަށް ތައާރަފުވީ 2008 ގަ އެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ވަނީ އެ ނިޒާމު އޮތް ގޮތް އިތުރަށް އޮޅުންފިލުވައިދީފަ އެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށް" ކަމަށެވެ.
އެއާ ޖެހިގެން އޮންނަ 129 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާންވާނެ" ކަމަށެވެ.
ގާނޫނުއަސާސީގެ ދެން އޮތް މާއްދާގައި ބުނަނީ "ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެ" ކަމަށެވެ.
އެހެންކަމުން، ގާނޫނު އަސާސީގައި ލިޔެފައިވާ އިބާރާތްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރާ ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތް ބަޔަކަށް ވާންޖެހެ އެވެ.
ވަޒީރުން އައްޔަން ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ރައުޔެއް ކަނޑައަޅަންޖެހުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރި ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމުން މަގާމުގައި ނުތިބެވޭނެ ކަމަށް ކަނޑައެޅުމަށް އަލީ ވަހީދު މައްސަލައެއް ހުށަހެޅުމުންނެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މުހިންމު ހަތް ނުކުތާއެއް ފާހަގަ ކުރި އެވެ.
އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކޯޓުން ކަނޑައެޅީ ވަޒީރަކަށް ރުހުން ނެތް ކަމަށް މަޖިލީހުން ނިންމުމުން އޭނާއަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފިން،" ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
ނަމަވެސް އެންމެ މަތީ ކޯޓުން ކަނޑައެޅީ، ރުހުން ނުލިބޭ ވަޒީރުންނަށް ކެބިނެޓުގެ މަގާމު ގެއްލުނު ނަމަވެސް މަގާމުގައި "މުވައްޒަފެއްގެ" ގޮތުގައި ހުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެގޮތަށް ކަނޑައެޅީ، "ކޯޓަށް ގާނޫނީ ގޮތުން ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ވިސްނުމަށްފަހު" ގާނޫނީ ހުސްކަމަކަށް ދައުލަތް އަޔަނުދީ، އާންމުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް މެދުކެނޑުނަ ނުދިނުމަށް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އެ މާއްދާގައި ބުނާ ރުހުނު ނުލިބުނުކަމުގައި ވިޔަސް އަދުލް އިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނީ ގޮތުން ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ މައްޗަށް ބަލައި ވިސްނުމަށްފަހު، ދިވެހި ދައުލަތް ގާނޫނީ ހުސްކަމަކަށް އަޔަނުދީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އާންމުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެއްވެސް މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން ކަށަވަރު ކުރުމަށްޓަކައި ރުހުން ނުލިބޭ ވަޒީރުން އެ މަގާމުން ވަކިވަންދެން ނުވަތަ ވަކި ކުރެވެންދެން ޑޮކްޓަރީން އޮފް ނެސެސިޓީގެ ދަށުން ޑިފެކްޓޯ މުވައްޒަފުންގެ ގޮތުގައި އެ މަގާމުގައި ތިބެވުނުކަމުގައި ވިޔަސް ....،" އެ ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމުން ކޮށައިދިނީ، ރުހުން ނެތް ނަމަވެސް ވަޒީރަކަށް މަގާމުގައި ހުރެވޭނެ މަގެކެވެ. ކޯޓުން ކަނޑައެޅީ ވަޒީރެއްގެ ހައިސިއްޔަތު ގެއްލުނު ނަމަވެސް ވަޒީރެއްގެ މަސްއޫލިއްޔަތާއި މަގާމުގެ ވާޖިބުތައް މުވައްޒަފެއްގެ ގޮތުން، ރުހުން ނުލިބުނު ވަޒީރަށް އަދާ ކުރެވޭނެ ކަމަށެވެ.
އެންމެ ވަރުގަދަ ރިޔާސީ ނިޒާމެއް ހިނގަނީ އެމެރިކާގައި ކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އެ ގައުމުގައި ވެސް އޮންނަނީ ކެބިނެޓަށް އައްޔަން ކުރާ މީހުންނަށް ސެނެޓުން ރުހުން ދޭންޖެހޭ ގޮތަށެވެ.
އެކަމަކު އެމެރިކާގައި އޮންނަ އުސޫލުން، ރުހުން ދިނުމުގެ ކުރިން މަގާމަށް ކުރަންޖެހެނީ ނޮމިނޭޓެވެ. އެގޮތަށް ނޮމިނޭޓު ކުރިކަމުގައި ވިޔަސް ވަޒީރެއްގެ ފުރިހަމަ މަސްއޫލިއްޔަތު އެމީހަކަށް އަދައެއް ނުކުރެ އެވެ. ނަމަވެސް އިދާރާތައް ހިންގުމަށް ވަގުތީ ގޮތުން މީހުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބިދެ އެވެ. އެހެންކަމުން ސަރުކާރުން ނުހުއްޓި ދެމި އޮވެ އެވެ.
މުޅި އެމެރިކާގެ ތާރީހުގައި ވެސް، ކެބިނެޓަށް ނޮމިނޭޓު ކުރި މީހަކަށް ސެނެޓުން ރުހުން ނުދިނީ އެންމެ ނުވަ ފަހަރެވެ. އެންމެ ފަހުން ރުހުން ނުލިބުނީ 1989 ވަނަ އަހަރު ސެކްރެޓަރީ އޮފް ޑިފެންސަށް ޖޯޖް ބުޝް ނޮމިނޭޓު ކުރި ޖޯން ޓަވާސްއަށެވެ. އޭނާއަށް ރުހުން ނުލިބުމުން ބުޝް އޭނާ ފަހުން އައްޔަން ކުރީ ސެނެޓުގެ ރުހުން ދޭންނުޖެހޭ މަގާމަކަށެވެ.
ވަޒީރަކަށް ނޮމިނޭޓު ކުރާ މީހަކަށް ރުހުން ނުލިބުން އެމެރިކާގައި މަދުވާ އެއް ސަބަބަކީ އެ ގައުމުގައި ސިޔާސީން ދައްކާ ރީތި މިސާލެވެ. ވަޒީރަކަށް ރުހުން ދެނީ ވަރަށް ބޮޑަށް ސެނެޓުގައި އެކަމަށް ބަހުސް ކުރުމަށްފަހެވެ. އެހެންކަމުން، ރުހުން ދިނުމުގެ މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން އެމީހެއްގެ މައްސަލައެއް އުޅޭ ނަމަ އެކަމެއް ފެންމަތިވެ އެވެ. އެފަދަ މައްސަލައެއް ފެންމަތިވުމުން ގިނަ ފަހަރު އެމީހެއްގެ ނޮމިނޭޝަން އަނބުރާ ގެންދެ އެވެ.
ގާނޫނުއަސާސީގައި ބުނާ ރުހުން ނުލިބުނު ވަޒީރުން އަނެއްކާ ވެސް މަގާމަށް އައްޔަނު ކުރުމާއެކު އެކަމަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވާން ފެށި އެވެ. އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދެވެ.
"މިހާރު އޮތީ ޗަރުކޭހުގެ ރާއްޖެ. މި ރާއްޖޭގައި ގާނޫނުއަސާސީގެ ވާހަކަ ދައްކާ މީހާ ވާނީ މޮޔަ މީހަކަށް. އަމުދުން ގާނޫނުއަސާސީ ނަގަހައްޓަން އައްޔަން ކުރެވޭ ފަރާތް މި ދާ ރާއްޖެއަށް ދިޔައީމަ ދެން އެންމެ ރަނގަޅުވާނީ މިތާ އޮތީ ކަނޑުގެ ގާނޫނުކަމާއި އެމީހަކާ އެމީހެއްކަން ދަނެގެން ތިބުން،" ވަޒީރުން އަލުން އައްޔަން ކުރި ހަބަރުގެ ފޮޓޯއަކާއެކު ދިޔާނާ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ލިޔުއްވި އެވެ.
"މިއީ ބާރުތައް ވަކި ކުރުމުގެ މަފްހޫމާއި ރައްޔިތުންގ މަޖިލީހުގެ ބާރު ވެރިކަން ހިންގާ ފަރާތުން ކުޑައިމީސް ކުރުން. [އަލުން އައްޔަނު ކުރި ވަޒީރުންގެ ތެރޭގައި] ބަންޑާރަ ނައިބު ހިމެނުމަކީ އަދި ވަކިން ބޮޑު މައްސަލައެއް. މި ވަޒީރުން އެބޭފުޅުންގެ އޮފީހަށް މިއަދު ވަދެވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި،" އިދިކޮޅު ޕީއެންއެފް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައިވެ އެވެ.
ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން ގޮވާލީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް އިހުރިތާމުކޮށް އެ ނިންމުން ގަބޫލުކޮށް ކުރިއަށްދިޔުމަށެވެ.
"18 މީހުންނަށް ރުހޭ. އެންމެ ތިން މީހުންނަށް ނުރުހެނީ. ސަރުކާރުން ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ނިންމުމަށް އިހްތިރާމްކޮށް ކުރިޔަށް ދިޔުމަކީ އެންމެ ރަނގަޅުގޮތް ކަމުގަ ދެކެން،" ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން އަމްރު ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަމަށް ގާނޫނުއަސާސީގައި އިންތިހާއަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ. ރުހުން ނުލިބޭ ވަޒީރަކަށް ކެބިނެޓުގައި ދެމިނުހުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ކަނޑައަޅައިފަ އެވެ.
އެހެންކަމުން ރައްޔިތުން ތަމްސީލު ކުރާ ގެއިން ރުހުން ނުލިބުނު ވަޒީރަކު އަނެއްކާ ވެސް އެ މަގާމަށް އައްޔަން ކުރުމުން އޭގެ ނަތީޖާއަކީ ކޮބައިތޯ އެވެ؟ ވަޒީރުންނަށް މަޖިލީހުން ރުހުން ދޭންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާއަށް އެއިރުން ވަނީ ކިހިނެއްތޯ އެވެ؟ އަލުން އެ މެންބަރުން އައްޔަން ކުރުމުން އެ ދައްކުވައިދެނީ ޑިމޮކްރަސީގެ ރީތި މިސާލެއްތޯ އެވެ؟
ރުހުން ނުލިބޭ ވަޒީރުން ހަމަ އަނެއްކާ ވެސް ކެބިނެޓަށް އައްޔަން ކުރުމަކީީ ސަރުކާރުން ގެންގުޅޭ އުސޫލު ނަމަ، އެކަން ވާނީ ވަށައިޖެހި ނުނިމޭ ބުރަކަށެވެ. އެއިރުން އެކަކު ކިތަންމެ ފަހަރަކަށް ވެސް ކެބިނެޓަށް އައްޔަން ކުރެވިދާނެ އެވެ. އަދި އެމީހަކަށް ކިތަންމެ ގިނަ ފަހަރަށް ރުހުން ނުދިނުމަށް ވެސް މަޖިލީހުން ފާސް ކުރެވިދާނެ އެވެ.
Comment