Advertisement

އަދުލުވެރި ވެރިކަމެއް ކުރުން: މިއީ ފަސޭހަ ފަސް އަހަރެއް ނޫން!

21 ނޮވެންބަރު 2023 - 04:51 0

މުހައްމަދު އުޝާމް

މ

ރައީސް ޑރ. މުއިއްޒު: ރައްޔިތުން ތިބީ މިދިޔަ 10 އަހަރުގެ ވެރިކަންތަކާމެދު މާޔޫސްވެފައި -- ފޮޓޯ: ރައީސް އޮފީސް


އަދުލުވެރި ވެރިކަމެއް ކުރުން: މިއީ ފަސޭހަ ފަސް އަހަރެއް ނޫން!

21 ނޮވެންބަރު 2023 - 04:51 0

Advertisement

"ހަމައެކަނި ޖުޑިޝިއަރީއެއް ނޫން، ސަރުކާރުން ވެސް އަދުލުވެރިކަން ގެންގުޅެން ޖެހޭ، ސަރުކާރުގެ ހުރިހާ ކަމެއްގައި ވެސް އެ އަދުލުވެރިކަން އެބަ ޖެހޭ ގެންނަން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވެސް އެ އަދުލުވެރިކަން ގެންނަން އެބަ ޖެހޭ، އަޅުގަނޑުމެން ގެންނަ ސަރުކާރެއް ވާނީ، އިރާދަކުރެއްވިއްޔާ، އަދުލުވެރިކަން އޭގެ ފުރިހަމަ މާނައިގައި ގާއިމުކޮށްދޭ ސަރުކާރަކަށް."

އެއީ މީގެ ތިން މަހެއްހާ ދުވަސް ކުރިން، އާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން ދެއްކެވި ފުރަތަމަ ވާހަކަ އެވެ. އެ ވާހަކައަށް ފަހު ދެން އެމަނިކުފާނު ދެއްވި ކޮންމެ ތަގުރީރެއްގައި ވެސް އެންމެ މައިގަނޑު އެއް ލަފުޒަކީ އެއީ އެވެ. އަދުލުވެރިކަމެވެ. އަނިޔާވެރި ނުވުމެވެ. ބަދަލު ހިފުމެއް ނޯންނާނެ ކަމެވެ. ހިދުމަތްތައް ވެސް އަދުލުވެރިކަމުގެ ތަރަހައިގައި ފޯރުކޮށްދޭނެ ކަމެކެވެ.

Advertisement

ކެމްޕެއިންގެ ސްޓްރެޓެޖީ އެ މޭރުމަށް ބައްޓަން ކުރައްވަން ޖެހިވަޑައިގަތީ، ގިނަ ސަބަބުތަކަކާ ހެދި އެވެ. އޭރު މުއިއްޒުގެ ވާދަވެރިން އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރަމުން ދިޔަ ވާހަކައަކީ އެއީ އެވެ. މުއިއްޒު ވެސް ވަޒީރަކަށް ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ތަޖުރިބާއިންނެވެ. އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމާއި، ޔާމީނާ ދެކޮޅު ވުމުން ކުރިމަތިވި ތުރާތަކެވެ. އަދި ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކެވެ.

އޭގެ ރައްދުގައި "މަޑުމައިތިރިކަމާއެކު" މުއިއްޒު ކުރައްވަމުން ގެންދެވި ކެމްޕެއިނުގައި ދައްކަވާ ވާހަކައަކަށް އޮތީ އަބަދުހެން ދައްކަވަމުން ގެންދެވި "އަދުލުވެރި" ވެރިކަމުގެ ވާހަކަ އެވެ. ނަމަވެސް ހުއްޓުމެއް ނެތި، ޔާމީނުގެ ވެރިކަމުގެ ވާހަކަތައް ދެކެވެމުން ދިޔަ އެވެ. ފުރަތަމަ ބުރުން މުއިއްޒަށް ލިބުނު ކާމިޔާބީއަށްފަހު ދެވަނަ ބުރުގައި އެ ވާހަކަތަކުގެ އަޑު މާ ގަދަވި އެވެ.

އެންމެ ފަހުން މުއިއްޒު ނުކުމެވަޑައިގެން ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ "އަޅުގަނޑު" ކަން ފާހަގަ ކުރެއްވި އެވެ. އޭރު ދެވަނަ ބުރަށް ވޯޓު ދޭން އޮތީ ދުވަސްކޮޅަކަށް ވެފަ އެވެ.

"އަޅުގަނޑު މި އުޅެނީ ވެރިކަމަށް ކުރިމަތިލައިގެން. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ކަން ކުރާނެ ގޮތް. އަޅުގަނޑުގެ ވެރިކަމެއްގަ އަނިޔާވެރިކަމެއް ނޯންނާނެ. ބަދަލު ހިފުމެއް ނޯންނާނެ، އަނިޔާވެރިކަމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން އަދި ފުރުސަތު ވެސް ދޭނެ ކަމެއް ނޫން. ސަރުކާރެއް ގައުމެއް ހިންގަން އަންނަ މީހެއްގެ ކިބައިން ފެނިގެން ވާނެ ކަމެއް ވެސް ނޫން."

ކޮންމެ ވެރިކަމެއްގައި ވެސް ގިނަ ރައްޔިތުން އެންމެ މާޔޫސްވާ އެއް ކަމަކީ ހިދުމަތާއި ތަރައްގީގެ ދުވެލިން ނަތީޖާ ނުލިބުމުގެ އިހުސާސް ކުރެވުމުގެ އިތުރަށް އަދުލުވެރި ހަމަތަކުން ދައުލަތް ހިނގާ ކަމުގެ އިހުސާސް ވެސް ނުލިބުމެވެ. ކޮންމެ ވެރިޔަކު ވެސް، އަދުލުވެރިވުމުގެ ވައުދު ހުށަހަޅަން ޖެހެނީ ކަމެއް ވެގެނެވެ. މުއިއްޒުގެ ކެމްޕެއިނުގެ ފަހު ބަހަކީ ވެސް އެއީ އެވެ. "އަދުލުވެރި" ސަރުކާރެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވުމެވެ.

"ދިވެހި ރައްޔިތުން އަޅުގަނޑާ މި ޒިންމާ ހަވާލުކުރައްވައިފިއްޔާ ގާއިމު ކުރާނީ މި ގައުމުން އަނިޔާވެެރިކަން ތާއަބަދަށް ނިމުމަކަށް ގެންނަ ސަރުކާރެއް. އިންސާފުވެރިކަން އެއީ ދައްކާލާ ވާހަކައަށް ވުރެ ބޮޑަށް ދައުލަތް ހިންގުމުގެ ތެރެއިން އިހުސާސްވާ ހަގީގަތަކަށް ހަދައިދޭނަން. ކަންކަން ކުރަނީ އަދުލުވެރިކަމުން ކަމަށް ދަންނަވަން ކެރޭ ސަރުކާރަކަށް ހަދައިދޭނަން."

ރައްޔިތުންގެ މެދުގައި އޮތް މާޔޫސްކަމަކީ ހަގީގަތެކެވެ. ދައުލަތުގެ ދުވެލި ވަރަށް މަޑެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒެއް ނުވެ އެވެ. ގާނޫނީ އޮނިގަނޑުތައް މަދުވެ، މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. ޖުޑިޝަރީގެ ފެންވަރެއް ނެތެވެ. ދައުލަތުގެ މުއައްސަސާތައް ވެސް ހިނގަމުންދިޔައީ މަޑުގިނީގަ އެވެ. އިންސާފާއި އަދުލަކީ މިހާރު ގަބޫލުކުރަން ވެސް ދަތި ވާހަކައެކެވެ.

ރިޔާސީ އިންތިހާބަށް ފަހު އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައިގެން މުއިއްޒު ދެން "އަދުލުވެރިކަމުގެ" ވާހަކައިގެ ތެރޭގައި ހިމަނަން ޖެހުނީ ސަރުކާރުތައް ހިނގާފައިވާ ގޮތާ މެދު ރައްޔިތުންގެ މާޔޫސްކަން އޮތް ކަމުގެ ވާހަކަ އެވެ.

"މި ފަހަކަށް އައިސް، މި ފެންނަމުން ދިޔައީ، މާޔޫސްކަން އިތުރުވަމުންދާ ކަން، ރައްޔިތުންގެ ކިބައިން، އުންމީދެއް ނެތޭ، އަޅުގަނޑުމެން ކެމްޕެއިނުގެ ތެރެއިން، ގޭގެއަށް ދިޔައިމަ، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުން އެބަ ބުނޭ، މާ ބޮޑު ކުރިއެރުމެއް ނާދެ ނޫންހޭ، އަބަދުވެސް ވާ ގޮތޭ ވާނީ، ބަދަލުތަކެއް އަންނާނެއޭ އަޅުގަނޑުމެން ބުންޏަސް ކިހިނެއްހޭ ގަބޫލުކުރާނީ."

ވެރިކަމާ ހަވާލުވުމަށް ފަހު ވެސް މުއިއްޒު ތަކުރާރު ކުރެއްވީ އެ ލަފުޒެވެ. ވެރިކަމަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތާއި ތަރައްގީގައި ވެސް އަދުލުވެރިވުމެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް، ކޮންމެ ރައްޔިތަކަށް އެ ތަރައްގީ ފޯރުކޮށްދިނުމެވެ. ކޮރަޕްޝަނަށް "ހަރު އަޑުން" ނޫނެކޭ ވިދާޅުވާނެ ކަމާއި، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުން "މި ހިނދުން މި ހިނދަށް" ނިމުނީ ކަމަށެވެ.

"އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގައެއް ނުދޭނަން، އޭގެ މާނައަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުން ފަދަ ކުށްތައް ކުރާ ފަރާތްތަކާއި މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން، އެއާ ހިލާފަށް މީގެ މާނަ އަކީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން، އެކަން މި ނިންމީ."

މުއިއްޒަށް މިކަންކަން އަނިޔާވެރިއެއް ނޫން؟

ރައީސް ޔާމީން ވެރިކަން ކުރެއްވީ އަނިޔާވެރިކަމެއްނެތި، ގާނޫނާ އެއްގޮތަށްކަމަށް ބޭފުޅަކު ވިދާޅުވާނަމަ ރައީސް ޔާމީންގެ ދެއްކެވި މިސާލުން އެ ބޭފުޅަކު ކުރައްވާނޭ ވެރިކަން ތަސައްވުރު ކުރެވެ އެވެ. އެއީ ރައީސް ޔާމީން ކުރެއްވިފަދަ ވެރިކަމަކަށް މެނުވީ ނުވާނެ އެވެ.

މުއިއްޒަށް މިކަންކަން އަނިޔާވެރިއެއް ނޫން؟

ރައީސް ޔާމީން ވެރިކަން ކުރެއްވީ އަނިޔާވެރިކަމެއްނެތި، ގާނޫނާ އެއްގޮތަށްކަމަށް ބޭފުޅަކު ވިދާޅުވާނަމަ ރައީސް ޔާމީންގެ ދެއްކެވި މިސާލުން އެ ބޭފުޅަކު ކުރައްވާނޭ ވެރިކަން ތަސައްވުރު ކުރެވެ އެވެ. އެއީ ރައީސް ޔާމީން ކުރެއްވިފަދަ ވެރިކަމަކަށް މެނުވީ ނުވާނެ އެވެ.

އަދުލުވެރި ވެރިކަމެއް ކުރުމަކީ ކޮބާ؟

މިއީ ވަރަށް ދިގު ވާހަކައެކެވެ. ފުޅާ މައުލޫއެކެވެ. އަދުލުވެރި ވެރިކަމަކީ، ގާނޫނު އަސާސީގެ ހަމަ އާއި ގާނޫނުތަކުގެ ރޫހާ އެއް ގޮތަށް، ގާނޫނީ ވެރިކަމެއް ކުރުމެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކުރުމެވެ. އެކަމަކު މިދިޔަ ދިހަ އަހަރުގެ ތަޖުރިބާއަކީ އެއީއެއް ނޫނެވެ.

ޔާމީނުގެ ވެރިކަމުގައި ވެސް އެމަނިކުފާނާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބާރުގައި ތިއްބެވި ބައެއް ބޭފުޅުން ބޮޑެތި ހިޔާނާތްތައް ގެންދެވީ ހިންގަވަމުންނެވެ. އެއިން ބައެއް ބޭފުޅުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތަކެއް ވެސް އެޅެން ފެށުނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަކަށް ފަހު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ މަންޒަރު ފެނުނެވެ. އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ޕާޓީ ބައިވެރިވާ އިއްތިހާދުގެ ތެރެއިން އިސް ބޭފުޅަކު މައްޗަށް ތުހުމަތެއް އަމާޒުވެ އެ ކަމަށް ދައުވާ ކުރި ނަމަވެސް އެއިިން ކޮންމެ ދައުވާއެއް އަނބުރާ ގެނެސްފައިވެ އެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތުކޮށް ދައުވާކުރި ޖިންސީ ގޯނާގެ މައްސަލައިގަ އެވެ. މެމްބަރު އަލީ ރިޒާއަށް ދައުވާކުރި ހިއުމަން ޓްރެފިކިންގެ ދައުވާގެ މައްސަލައިގަ އެވެ. މެމްބަރު އަހުމަދު އީސައަށް ކުރި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކުރި ރިޝްވަތުގެ މައްސަލައަކީ ވެސް މީގެ މިސާލުތަކެކެވެ.

ގާނޫނު އަސާސީގެ 20 ވަނަ މާއްދާ – ހަމަހަމަކަން


ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާ އެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ.

ސިޔާސީ ދާއިރާގެ ކަންކަން ދިރާސާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އަދުލުވެރި ވެރިކަމެއް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ ހަމަތަކުން ނުލިބޭ އަދުލުވެރި ފަރުވާތައް ދިނުމެވެ.

"ގާނޫނު އަސާސީއާއި ގާނޫނުތަކުން ވެސް ކަވަރު ނުކުރެވި ހުރި ހައްގުތަކާއި ހިދުމަތްތަކާއި ތަރައްގީ، މިިއިން ކޮންމެ ކަމެއް ވެސް، ހަމަހަމަކަމާއި އިންސާފުން ފޯރުކޮށްދިނުން، އަދުލުވެރިކޮށް ގެނެސްދިނުން،" އަލީ ހުސައިން ވިދާޅުވި އެވެ.

ސިޔާސީ މީހުންގެ "ކުށްތައް" އުފެދި، ހިލިގެން ގޮސް، ހުލިވާ ގޮތް!

އާންމު ބީދައިން ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ލަސްކަމުގައި އެ މައްސަލަ "ތާށިވެ" އެވެ. އެހެންވިޔަކަސް ދެން މައްސަލަ އަވަސްވުމާއި، ލަސްވެ ދިޔުމާއި، ސާބިތުވުމާއި، ނުވުމާއި، މައްސަލަ ކުރިއަށް ހިނގަހިނގައި އޮއްވާ އަނބުރާ ގެނައުމުގައި ބުރަވަނީ ސިޔާސީ މަސްރަހަށެވެ.

ސިޔާސީ މީހުންގެ "ކުށްތައް" އުފެދި، ހިލިގެން ގޮސް، ހުލިވާ ގޮތް!

އާންމު ބީދައިން ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ލަސްކަމުގައި އެ މައްސަލަ "ތާށިވެ" އެވެ. އެހެންވިޔަކަސް ދެން މައްސަލަ އަވަސްވުމާއި، ލަސްވެ ދިޔުމާއި، ސާބިތުވުމާއި، ނުވުމާއި، މައްސަލަ ކުރިއަށް ހިނގަހިނގައި އޮއްވާ އަނބުރާ ގެނައުމުގައި ބުރަވަނީ ސިޔާސީ މަސްރަހަށެވެ.

އެކި ފިއްތުންތަކާއެކު، ފަސޭހައެއް ނުވާނެ

ކެމްޕެއިނުގައި ސާފުކޮށް ވިދާޅުވި ނަމަވެސް އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ވޭތުވެދިޔަ ދައުރުތަކުގައި ހާސިލުވި ކަމެއް ވެސް ނޫނެވެ. އޭގެ ފަހަތުގައި އޮތް އެއް ސަބަބަކީ ސިޔާސީ މަސައްކަތުގެ ސަގާފަތް ބައްޓަން ވެފައިވާ ގޮތެވެ.

އެމްއާރުއެމް ހަރަކާތުގެ ލީޑަރު އަހުމަދު ފާރިސް މައުމޫން ސިފަކުރައްވާ ގޮތުގައި ރާއްޖޭގައި ހިނގަނީ "ޓްރައިބަލް ޕޮލިޓިކްސް" އެވެ. މިހާރު އޮންނަ ކަމަކީ މައި ދެ ސިޔާސީ ޕާޓީން ކުރެ ޕާޓީއެއް ބާރުތަކަށް އައުމަށް ކުރެވޭ މަސައްކަތެއް ކުރުމެވެ. ބާރުތައް ލިބުމާއެކު ދެން ހިނގަނީ، އެ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށް ފައިދާތަކެއް ހޯދުމުގެ މަސައްކަތެވެ.

"އެހާ މަތީ ލެވެލްއެއްގައި މި ވިސްނުން ހުންނާތީ، އާންމު ރައްޔިތުންނަކަށް އެ ނޫން ގޮތަކަށް މި ކަން އޮވެދާނެ ކަމަކަށް ވެސް ނުބެލެވޭ، ރަށްރަށުގަ ހުންނަ ވަޒީފާތައް ވެސް އެހެން، ޕާޓީއަކަށް ތާއީދުކޮށްގެން ލިބޭ އެއްޗެއް ގޮތަށް ރައްޔިތުންނަށް ފެންނަނީ، ޕާޓީއެއް ވެރިކަމަކަށް އަންނަނީ ހަމައެކަނި އެ ޕާޓީއަށް ތާއީދު ކުރާ ބަޔަކުގެ މަސްލަހަތުގައި ވެރިކަން ކުރާކަށް ނޫން،" ފާރިސް ވިދާޅުވެފައިވެ އެވެ.

ކުށަށް މާފު ދިނުމުގެ ދެލިގަނޑުން ރަސްކަންކުރާ މުތުލަގު ބާރު

ރިޔާސީ އިންތިހާބުން ސޯލިހު ނާކާމިޔާބުވެފައިވަނިކޮށް، މި ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މޭސްތިރިން މިނިވަންވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ "މުތުލަގު" ބާރުގެ ދަށުން އަދަބަށް ލުއި ދެއްވުމުންނެވެ. އާންމު ފިކުރެއްގައި ތިބި އެތައް ހާސް އާންމުން މާޔޫސްކޮށްލައިފަ އެވެ

ކުށަށް މާފު ދިނުމުގެ ދެލިގަނޑުން ރަސްކަންކުރާ މުތުލަގު ބާރު

ރިޔާސީ އިންތިހާބުން ސޯލިހު ނާކާމިޔާބުވެފައިވަނިކޮށް، މި ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މޭސްތިރިން މިނިވަންވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ "މުތުލަގު" ބާރުގެ ދަށުން އަދަބަށް ލުއި ދެއްވުމުންނެވެ. އާންމު ފިކުރެއްގައި ތިބި އެތައް ހާސް އާންމުން މާޔޫސްކޮށްލައިފަ އެވެ

ރައީސުލްޖުމްހޫރިއްޔާގެ "ނިޔަތް" ސާފުވިޔަސް އަދި ނުވިޔަސް ވަށައިގެން ތިބޭ އެތައް ބަޔަކު ނަހަމަ މަންފާތަކެއް ބޭނުން ވާތީ ވެސް އަދުލުވެރި ވެރިކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަލީ ހުސައިން ވެސް ފާހަގަ ކުރައްވަނީ އެ ކަމެވެ.

"އެންމެ އަސާސީ ހިދުމަތްތައް ވެސް ހޯދަން މި ޖެހެނީ މި ސިޔާސީ ވާދައިގެ ތެރެއިން، އެހެންވެގެން ރައްޔިތުން ވެސް މި ޖެހެނީ އެ ކަމަށް ޓަކައި ކޮމްޕްރައިޒް ވާން، ދިރިއުޅޭ ރަށުގައި ނޫނީ ނިސްބަތްވާ ރަށުގައި ވަކި ކަންކަން ހަމަޖައްސަން، މަޖިލިސް މެންބަރަށް ވެސް އަންނަނީ އެ ޕްރެޝަރު، ދެން އޭގެ ބޭނުން ނަހަމަ ގޮތުގައި ބައެއް މެންބަރުންނާއި ވަޒީރު ވެސް ހިފަނީ،" އަލީ ވިދާޅުވި އެވެ.

ނަމަވެސް އާ ސަރުކާރަކާ އެކު، ކަންކަން އިސްލާހު ވުމުގެ އުންމީދު އަބަދުވެސް އާވެ އެވެ. ކުރީ ދައުރުތަކުގެ ތަޖުރިބާއަށް ފަހު އުންމީދު ކުޑަ ނަމަވެސް، އިންތިޒާރުގައި މި ތިބީ ބަދަލުވުމުގެ އުންމީދުގަ އެވެ. އާ ރައީސް ޑރ. މުއިއްޒުގެ ވެރިކަން ހިނގާނެ ގޮތް ވެސް ބަލަމާ ހިނގާށެވެ. ގައިމު ވެސް ފަސޭހައެއް ނުވާނެ އެވެ. ކުރިއަށް އޮތީ "ފަސޭހަ" ފަސް އަހަރެއް ނޫނެވެ.