Advertisement

ވޯޓަށް ދާއިރު ކޯލިޝަންތައް އޮންނާނީ ކިހިނެއް؟

14 ސެޕްޓެންބަރު 2023 - 12:07 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ވޯޓަށް ދާއިރު ކޯލިޝަންތައް އޮންނާނީ ކިހިނެއް؟

14 ސެޕްޓެންބަރު 2023 - 12:07 2

މިދިޔަ ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި ވޯޓުތައް ބެހުނު ގޮތުން ލީޑަރުންނަށް ސިޔާސީ ގޮތުން ލިބިފައިވާ ބާރު މި ވަނީ އަލުން ކަނޑައެޅިފަ އެވެ.

ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ވޯޓުލާން ނިކުތް އެ އިންތިހާބުގައި, މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ހަ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިއިރު، ވޯޓުލާ ނިމުނު ގޮތަށް އެންމެ ފުރަތަމަ ދެކެވެން ފެށީ ދެ ވަނަ ބުރުގެ ވޯޓަށް ދިޔުމުގެ ކުރިން ކޯލިޝަން ހެދުމުގެ ވާހަކަ އެވެ.

ރައީސް ސޯލިހު މި އިންތިހާބަށް ނުކުމެވަޑައިގަތީ މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް އަދި އަދާލަތު ޕާޓީގެ ކޯލިޝަނާއެކު އެވެ. ޑރ. މުއިއްޒު ނުކުމެވަޑައިގަތީ ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ކޯލިޝަނުންނެވެ.

ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ވޯޓުގެ ގޮތުން ބޮޑު ފަރަގެއް އޮތް ނަމަވެސް ދެ ވަނަ ބުރުގެ ވޯޓު ބެހިގެން ދާނެ ގޮތެއް އަދި ނޭނގެ އެވެ. ނަތީޖާ ބުރަވާނީ ދެން ތިއްބެވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ވޯޓުތައް ބެހޭ ގޮތުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ބާރުތައް ބެހުނު ގޮތާއި ލީޑަރުންގެ ހިޔާލު ހުރި ގޮތް

ޑރ. މުއިއްޒާއި ރައީސް ސޯލިހާ އެންމެ ގާތުން ވާދަ ކުރެއްވި ކެންޑިޑޭޓު ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަތް ޕަސެންޓު ވޯޓެވެ.

މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ސީދާ 15،474 ވޯޓުގެ ތަފާތު އޮތް އިރު އިލްޔާސްއަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ. އެހެންކަމުން ފުރަތަމަ ބުރުގައި އިލްޔާސްއަށް ތާއީދު ކުރި މީހުންގެ ވޯޓު ދެ ވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން ވެސް ބޭނުންވާނެ އެވެ.

ބާކީ ތިއްބެވި ފަސް ކެންޑިޑޭޓުން އެއްކޮށްލައިގެން 17،016 ވޯޓު ހޯއްދެވި އެވެ. އެހެންކަމުން އެއީ ވެސް ކުޑަ އަދަދެއް ނޫނެވެ. އެ ވޯޓުތަކުގެ ތެރެއިން ވެސް ވީހާ ވެސް ގިނަ ވޯޓެއް ހޯއްދެވޭތޯ ޑރ. މުއިއްޒާއި ރައީސް ސޯލިހު ބައްލަވާނެ އެވެ.

  • އުމަރު ނަސީރު - 6343
  • ގާސިމް އިބްރާހިމް - 5460
  • ފާރިސް މައުމޫން - 2979
  • މުހައްމަދު ނާޒިމް - 1907
  • ހަސަން ޒަމީލް - 327

އޭގެ އިތުރުން މިފަހަރު ވޯޓުލާން ނުނިކުމެ ވެސް ވަރަށް ގިނަ މީހުން ތިއްބެވެ. ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން 56،909 މީހުން ފުރަތަމަ ބުރުގައި ވޯޓު ނުލަ އެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 20.5 މީހުން އެ ހައްގު ބޭނުމެއް ނުކުރި އެވެ.

ނަމަވެސް ވޯޓުލާން ނުނިކުމެ ތިބީ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލެވޭނެހާ ބޮޑު އާބާދީއެކެވެ. އެހެންކަމުން ދެ ކެންޑިޑޭޓުންނަށް ވެސް އެންމެ މަސްލަހަތު ބޮޑު ގޮތަކީ، ވީހާ ވެސް ގިނަ ބަޔަކު އަނެއްކާ ވެސް ވޯޓުލާން ނެރުން ކަމަށް ބެލެވެ އެވެ.

ވޯޓުގެ ކާމިޔާބީއާއެކު ހަމަ އެ ރޭ މުއިއްޒު ވިދާޅުވީ ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ލީޑާޝިޕުގައި މަޝްވަރާ ކުރާނެ. އަޅުގަނޑުމެން އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށް،" ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު އެ ރޭ ވިދާޅުވި އެވެ.

ރައީސް ސޯލިހު ނުކުމެވަޑައިގަތީ ކޯލިޝަނަކާއެކު ނަމަވެސް އަދިވެސް އިތުރު ބަޔަކާ ގުޅެންޖެހޭ ކަމަށް ހަމަ އެ ރޭ އެމަނިކުފާނު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކޮންމެ ގޮތެއްވިޔަސް ބަޔަކާއި އެކީގައި ބައިވެރިވާންޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމް ވެސް [އިތުރު ބަޔަކާ ގުޅުމަށް] މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ،" ވެރިކަން ކުރާ ޕާޓީގެ ކެމްޕެއިން އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ބަސް އިއްވި ފަހުން ޖެހިގެން އައި ދުވަހު ދަ ޑިމޮކްރެޓްސްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓުވިޓާގައި ޕޯސްޓެއް ކުރައްވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒަށް އަމާޒުވާ އެންމެ ސީރިއަސް އެއް ތުހުމަތަށް އެޑްރެސް ކުރެއްވި އެވެ.

"ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި،" އާދީއްތަ ދުވަހު ނަޝީދު ވިދާޅުވި އެވެ.

މިވަގުތު ފެންނަން އޮތް މަންޒަރު

އެމްޑީޕީ އަދި ރައީސް ސޯލިހު

އިންތިހާބަށްފަހު ސިޔާސީ ގޮތުން ފުރަތަމަ ފެނުނު އެންމެ ބޮޑު ކަމަކީ ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ ބޭރު ކުރުމުގެ މަސަައްކަތް ފެށުމެވެ.

އެ ނިންމުމަކީ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރުމުގެ ނިޔަތުގައި އެމްޑީޕީން ކުރި ކަމެއް ނަމަވެސް މައްސަލަ ކުރިއަށްދިޔަ ގޮތުން ވެސް ދެ ޕާޓީގެ މެދުގައި އޮތް ރުޅިވެރިކަން ކުޑަނުވާކަން ހާމަވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޖޫން 7، ގައި، ރާއްޖެ އާއި ޗާގޯސްއާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުކުރި ދުވަސްވަރު ނަމަވެސް، އެއިރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ހުންނެވީ ވަކި ސިޔާސީ ގޮތުން ފެކްޝަނެއްގަ އެވެ.

އެ މައްސަލައިގައި ދޫދިނުމަށް އެމްޑީޕީން ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ އެޖެންޑާ ކުރި އެވެ. މަޖިލީހުގައި ޑިމޮކްރެޓްސް އިން ބޭނުންވީ އެމްޑީޕީގެ ބަހަކަށް ނުބަލާ އެ މައްސަލައިގެ ވޯޓަކަށް ގޮސް، ވޯޓަކުން މައްސަލަ ފެއިލްކޮށްލުމަށެވެ.

ނަމަވެސް ގަރާރަށް ހަމަކުރި ސޮއިގެ ތެރެއިން ބޮޑު ބައި ގެންދަން މެމްބަރުންނަށް ފަހުން ވަގުތު ދިނެވެ.

އިންތިހާބަށްފަހު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކާ ވާހަކަ ނުދައްކަން ނިންމާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފައެއް ނެތް، ވަކި ބަޔަކާ ވާހަކަ ދައްކަން ވެސް ނުދައްކަން ވެސް ނިންމާފައެއް ނެތް. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް، ސިޔާސީ ޕާޓީން ސިޔާސީ ޕާޓީތަކާ ސިޔާސީ ކަންކަމުގައި މަޝްވަރާކުރާނެ، ކުރަން ޖެހޭނެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.

އިލްޔާސް އެހެން ވިދާޅުވި ނަމަވެސް ޑިމޮކްރެޓްސްގެ އާންމު މެމްބަރުން އާންމުކުރަމުންދިޔަ ޝުއޫރުތައް އެއާ ވަރަށް ތަފާތެވެ. އެ ޕާޓީގެ ކައުންސިލުން އަންގާރަ ދުވަހު ބައްދަލުވުމަށްފަހު ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދުކުރަން ނުވަތަ ތާއީދުނުކުރަން ނިންމުމުގެ ކުރިން ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ.

އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާއަށްދިޔުމަށް ޑިމޮކްރެޓްސް ނިންމި ނަމަވެސް އެ ޖަލްސާގައި ފާޅުކުރި ޝުއޫރުތަކަށް ބަލާއިރު އެމްޑީޕީއާއެކު އެއްވެސް ސިޔާސީ މަސައްކަތެއް ކުރުން ނާދިރު ކަމަށް ފެނެ އެވެ.

އެމްޑީޕީއާއެކު ވާހަކަ ދައްކަން ފަށާނީ ވެސް ރައީސް ސޯލިހު، ނަޝީދުގެ އަރިހުން މައާފަށް އެދިވަޑައިގަތުމުން ކަމަށް މެމްބަރުން އެ ރޭ ބުންޏެވެ. އޭގެ ސަބަބެއް ކަމަށް ބުނަނީ، ނަޝީދު ޕާޓީން ބޭރުކޮށްލައި އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުމެވެ.

އެކަމަކު، އެ ޕާޓީގެ ތާއީދު ބޭނުންވާ ހައްސާސް ދަނޑިވަޅެއް މެދުވެރިވެފައި އޮތް ނަމަވެސް ޑިމޮކްރެޓްސްގެ ކުރިމަތީގައި "ކުޑަކަކޫ ނުޖަހާނެ" ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ކުޑަކަކޫ ޖަހާނެ އެހެން އެއްވެސް ފަރާތެއް ނެތް. އަޅުގަނޑުމެން މައާފަށް އެދޭނީ ހަގީގަތުގައި ވެސް އަޅުގަނޑުމެން މައާފަށް އެދެން ޖެހިއްޖެ ހާލަތުގައި، [އެއިރުން] ޖެހިލުމެއް ވެސް ނުވާނެ މައާފަށް އެދޭކަށް،" ޑިމޮކްރެޓްސްގެ ކައުންސިލު ބޭއްވި ދުވަހުގެ ރޭ ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގެ މަސައްކަތް މިވަގުތު ފަށަން ވެސް ޑިމޮކްރެޓްސް ބޭނުންވެ އެވެ. އެ ވާހަކަ މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީގެ މެމްބަރުން ވަނީ ދައްކައިފަ އެވެ.

ޑިމޮކްރެޓްސްގެ އިތުރުން އެމްޑީޕީއަށް އޮތް އޮޕްޝަނަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެވެ. ރައީސް ސޯލިހު ބުދަ ދުވަހު ވަނީ ގާސިމް އިބްރާހިމް ދިރިއުޅުއްވާ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ވެސް ގާސިމްގެ ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ގާސިމް ނިންމެވީ ވަކިން ވާދަ ކުރެއްވުމަށެވެ. އުމަރު ނަސީރާއި ޒަމީލްގެ ތާއީދު ހޯދަން އެމްޑީޕީން މަސައްކަތް ކުރާކަން އެނގިފައެއް ނުވެ އެވެ. އެކަމަކު އެމްޑީޕީން ބުދަ ދުވަހު ފާރިސް މައުމޫންގެ ޓީމަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ.

ޕީޕީއެމް އަދި ޑރ. މުއިއްޒު

ދެ ވަނަ ބުރަކަށް ދިޔުމުގެ ކުރިން ޕީޕީއެމް މިހާރު ވެސް ވަނީ ޕާޓީއަކާއެކު ކޯލިޝަން ހަދައިފަ އެވެ. އެއީ އިންތިހާބުގައި ހަތް ވަނައަށް ވަޑައިގެންނެވި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު ނާޒިމެވެ.

ނާޒިމްއާ ގުޅުމަށްފަހު ޕީޕީއެމްގެ ވަފުދެއް ވަނީ ގާސިމް އިބްރާހިމްއާ ވާހަކަ ދެއްކުމަށް ގޮސްފަ އެވެ. އަދި ފާރިސް މައުމޫނާއެކު ވެސް އެ ޕާޓީން ވަނީ މަޝްވަރާ ކުރަން ފަށައިފަ އެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓްސްއާ ދެމެދު މިހާތަނަށް ބައްދަލުވުމެއް ނުބާއްވަ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ބައްދަލުވުން ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. އެ ދެ ޕާޓީއަށް އާދެވޭނީ ކޮންކަހަލަ އެއްބަސްވުމަކަށް ކަން އަދި ނޭނގެ އެވެ.

އެކަމަކު، ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މަޝްވަރާގައި ބަރުލަމާނީއަކަށް ބަދަލުވު ވާހަކަ ދެކެވޭނެ ކަމަށް ބެލެވެ އެވެ. ނިޒާމާ ގުޅޭ ގޮތުން މިހާތަނަށް ޑރ. މުއިއްޒު އެއްޗެއް ވިދާޅުނުވާއިރު އެކަމުގައި އޭނާގެ ހިޔާލު ހުރި ގޮތެއް ވެސް ނޭނގެ އެވެ.

އޭގެ އިތުރުން، މިވަގުތު އެމްޑީޕީ ކޯލިޝަނާއެކު އޮތް އެމްޑީއޭގެ ބައެއް މެމްބަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ބުދަ ދުވަހު ޕީޕީއެމްއިން ބުންޏެވެ. ނަމަވެސް އެ ވާހަކަތަކުގައި އެމްޑީއޭގެ މެމްބަރުން ބައިވެރިވަނީ ޕާޓީގެ ރަސްމީ ހައިސިއްޔަތުން ކަމެއް ނޭނގެ އެވެ.

ދެ ވަނަ ބުރެއްގައި ކޯލިޝަން ނުހަދަން ނިންމާފައި ވަނީ ޒަމީލެވެ. އެހެންކަމުން އޭނާގެ ތާއީދު އެއްވެސް މީހަކަށް ނުލިބޭނެ އެވެ. ދެން ހުންނެވީ އުމަރު ނަސީރެވެ. އެކަށީގެންވާ އަދަދެއްގެ ވޯޓު އުމަރު ނަސީރު މިފަހަރު ހޯދިއިރު އަޑުފެތުރެނީ އޭނާގެ ތާއީދު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށެވެ.

ދެ ވަނަ ބުރަކަށް ނުދާ ކެންޑިޑޭޓުންގެ ތާއީދު ސެޕްޓެމްބަރު 30، ގައި ބާއްވާ އިންތިހާބުގައި ޑރ. މުއިއްޒާއި ރައީސް ސޯލިހު ބޭނުންވާއިރު ވޯޓުލާން ނުނިކުތް މީހުންގެ އާބާދީގެ ތާއީދު ވެސް މުހިންމެވެ. މިވަގުތަށް ފެންނަ ގޮތުން ކާމިޔާބުވާނީ އެ ހުރިހާ އެންމެންގެ ތާއީދު ވެސް އޮންނަ ކެންޑިޑޭޓެވެ.