Advertisement

ޖޭޕީގެ ޕްރައިމަރީ: ޑިމޮކްރަސީގެ ސިފަ ގެއްލެމުންދާ އެތެރޭގެ އިންތިހާބުތަކަށް އާ ބޮޅެއް

23 މާރިޗު 2023 - 07:27 0

އަހުމަދު އާއިދު

އ

ޖޭޕީގެ ލީޑަރު ގާސިމް: އެ ޕާޓީގެ ރިޔާސީ ޕްރިމަރީގައި އާންމު މެމްބަރުންނަކަށް ވޯޓެއް ނުލެވޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޖޭޕީގެ ޕްރައިމަރީ: ޑިމޮކްރަސީގެ ސިފަ ގެއްލެމުންދާ އެތެރޭގެ އިންތިހާބުތަކަށް އާ ބޮޅެއް

23 މާރިޗު 2023 - 07:27 0

Advertisement

ސެޕްޓެމްބަރު 9, ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ފައްކާވަމުންދާއިރު، އެކި ޕާޓީތަކުން އެކި ސިފަ ސިފައިގަ އެ އިންތިހާބަށް ދަނީ ތައްޔާރުވަމުންނެވެ. މިފަހަރުގެ ރިޔާސީ ރޭހުގައި ސިޔާސީ ގިނަ ލޯތައް ހުއްޓުނީ މި ސަރުކާރުގެ ކޯލިޝަނުގައި މިހާރު އޮތް ޖުމްހުރީ ޕާޓީ (ޖޭޕީ) އަށެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި ވާދަވެރި ރިޔާސީ ތިން އިންތިހާބު ވެސް ކާމިޔާބުކުރި ކޯލިޝަނުގައި އޮތް ޖޭޕީއިން މި މަހުގެ ތެރޭގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފަ އެވެ. ވެރިކަންކުރާ މައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަނަކަށް އެދުނު ސިޓީއަށް ރަސްމީކޮށް ޖަވާބެއް ނާރުވާ ޖޭޕީއިން ވަނީ ވަކިވެ ގަތުމަށް ދަތުރުފަށާފަ އެވެ.

Advertisement

އެއާއެކު ގިނަ ބަޔަކު ނިންމައިގެން ތިބީ ޖޭޕީގެ ރިޔާސީ ޓިކެޓު، 2008 އަދި 2013 ގައިވެސް ދިން ބީދައިން، އެ ޕާޓީގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް 'އަރުވާނެ' ކަމަށެވެ. ނަމަވެސް މި މަހުގެ 15، ގައި އެ ޕާޓީއިން ވަނީ ރިޔާސީ ޕްރައިމަރީއެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ. ކުރިމަތިލާންވެސް ހުޅުވާލާފަ އެވެ.

ޕްރައިމަރީގެ ތަފުސީލު ދެއްވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އެދުވަހު "އަދަދު" އަށް ވިދާޅުވީ، ކުރިން ލީޑަރަށް ޓިކެޓު އަރުވާ ނުކުތާ އެ ޕާޓީގެ ހިންގާ ގަވާއިދުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި، މިހާރު އޮތް ގޮތުން ނަމަ ޓިކެޓު ލިބޭނީ ޕްރައިމަރީ ކާމިޔާބުކުރައްވާ ފަރާތަކަށް ކަމުގައި ވިދާޅުވި އެވެ.

ޖޭޕީގެ މި ނިންމުމުގައި ޑިމޮކްރަސީގެ ކުލަ ޖެހިފައި އޮތްވާ، ދެން އާރިފު ވިދާޅުވީ އެ ޕްރައިމަރީ ކުރިއަށް ދާނީ ކައުންސިލްގެ މެދުގައި ކަމަށެވެ. ކައުންސިލުގައި ހިމެނެނީ 200 އަށްވުރެ މަދު މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގެ ދަފުތަރުގައި މިވަގުތު 22،607 މެންބަރުން އެބަތިއްބެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީ ވެސް މިވީ ޑިމޮކްރަސީގެ ސިފަ ގެއްލެމުންދާ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް އިތުރުވާ ބޮޅަކަށް ހެއްޔެވެ؟

ނަމަވެސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި އޮތް ގޮތް ޖޭޕީގެ ލީޑަޝިޕުން ވަނީ ދިފާއުކޮށްފަ އެވެ. އެގޮތުން އާރިފު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ތިބެނީ 87 މެންބަރުން ކަމަށާއި އެ ފަދައިން ގާނޫނު ހެދޭ ނަމަ އެ ޕާޓީގެ ޓިކެޓާމެދު އެ ޕާޓީގެ ކައުންސިލުން ގޮތް ނިންމުމަކީ މައްސަލައެއް ނޫނެވެ.

"މި ރާއްޖޭގެ ހުރިހާ އެންމެން އުޅެން ގާނޫނު ހަދަނީ އެންމެ 87 މީހުން ތިބޭ ތާކުން،" އެ ދާއިރާއެއްގެ ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ މެމްބަރުންނާ ބެހޭ ގޮތުން އާރިފް ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުތައް ޑިމޮކްރަސީއާ ދުރުވެ ހަމަނުޖެހުމުގެ ތެރެއަށް

ޖޭޕީގެ މި ނިންމުމަކީ މި ފަހުގެ ތާރީހެެއްގައި ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީއެއްގެ އުސޫލުގައި ޑިމޮކްރަސީގެ ކުލަ ފަނޑުވި ފުރަތަމަ ފަހަރެއް ނޫނެވެ. އިދިކޮޅު ކޯލިޝަނުގެ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 'އަރުވަން' ނިންމީ ޕްރައިމަރީއެއް ނުބާއްވާ އެބޭފުޅުންގެ ސެނެޓުގެ ނިންމުމަކުންނެވެ.

ތަކުރާރުވަމުންދާ މި މައްސަލަތާކާ ގުޅިގެން މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ރައްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަހްމަދު މުހައްމަދު (ފޯމީ) ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް އެއްވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތައް ދަނީ ރަނގަޅަށް ނޫން ކަމަށާއި ކޮންމެސް ސިފައެއްގައި އެ އިންތިހާބުތަކަށް ނުފޫޒުފޯރުވެމުންދާ ކަމަށެވެ.

"އެމްޑީޕީއިން ވެސް ބުނަނީ އެތެރޭގެ އިންތިހާބުތައް ރަނގަޅޭ، އެކަމަކު އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވެސް ރައީސް ނަޝީދުގެ ފަޅިން ދިޔައީ ވަކިކުރި 39،000 މީހުންގެ މައްސަލަ ޖައްސަމުން، އެކަން ހައްލުނުކުރަންޏާ ނުވާނެ ދެއްތޯ ފުރިހަމަ އިންތިހާބަކަށް،" ފޯމީ ވިދާޅުވި އެވެ.

އޭގެ ކުރިއަށް ޖެހިލާ ނަމަ 2018 ވެސް އެމްޑީޕީއިން ޕްރައިމަރީއެއް ނުބާއްވާ ރައީސް ސޯލިހަށް ކޮންގްރެސްގެ ގަރާރަކުން ޓިކެޓު ދޭން ނިންމި ނިންމުން ވެސް ފޯމީ ފާހަގަކަކުރެއްވި އެވެ.

"ދެން ބަލައިލަންވީ ޕާޓީތަކުގެ އެތެރޭގަ ކިހާވަރަކަށްތޯ ޑިމޮކްރަސީ އޮންނަނީ، އެހެން ބަލާއިރު އެބަހުރި ވަރަށް ބޮޑެތި މައްސަލަތަކެއް، އެގޮތުން ވަކި ބަޔަކަށް ކަންކަން ނިންމުން، އަދި ޕާޓީގެ މެންބަރުން ކެންޑިޑޭޓު ހޮވިޔަސް ކޯލިޝަން ހެދުމުގައި އާންމު މެންބަރުންނަށް ބަހެއް ނުބުނެވުން،" ޕާޓީގެ ތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ތިލަކޮށް ފޯމީ ވިދާޅުވި އެވެ.

ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ޖެހެމުންދާ މައްސަލަތާ ގުޅުވާ ވާހަކަދައްކަވަމުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފޮރިން މިނިސްޓަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، އެތެރޭގެ އިންތިހާބުތަކުން ހޮވޭ ކެންޑިޑޭޓުންނަކީ ރައްޔިތުން ތަމްސީލުކުރަން ހޮވާ ބައެއްކަމުން އެފަދަ އިންތިހާބުތަކުގައި ޖެހޭ މައްސަލަތަކާއި އިންތިހާބުތައް އޮޅުވާލާ ކަމަށް ކުރެވޭ ތުހުމަތުތައް ދައުލަތުގެ އިދާރާތަކުން ބަލަންޖެހޭނެ ކަމަށެެވެ. ސަބަބަކީ އެއީ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމުގައި ވާތީ ކަމަށްވެސް ޝަހީދު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަންދޫބުން ހޮވަން އުޅޭއިރުގައި އެކަމަށް އޮންނަ ހަރުފަތްތަކަކީވެސް ރާއްޖޭގައި އޮންނަ ދިމަކްރާތީ އުސޫލުތަކާ އެއްގޮތަށް އޮތުމަށް ޝަރުތުކުރެވިދާނެ، އޭގެ މާނައަކީ އެތެރޭގެ އިންތިހާބުތައްވެސް ހިނގާދިޔައީ ރަނގަޅަށްތޯ ބެލޭނެ ގޮތްތަކެއް އޮންނަންވާނޭ،" ޝަހީދު ވިދާޅުވި އެވެ.

ޖޭޕީގެ ނިންމުމާމެދު ޝަހީދު ވިދާޅުވީ ހުރިހާ މެންބަރުން ވޯޓުނުލާ އިންތިހާބުކުރެވޭ މޮޑެލްތަކެއްވެސް އޮންނަ ކަމަށާއި ނަމަވެސް އެފަދަ މޮޑެލްއަކަށް އަމަލުކުރަންވާނީ ޕާޓީގެ ހުރިހާ މެންބަރުންގެ ބަސް ހޯދުމަށްފަހު ކަމަށެވެ.

ދައުލަތުގެ ފައިސާއިން ހިންގާ ޕާޓީތައް ހިންގުމާމެދު ބަސް ބުނެވެންޖެހޭ

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަން ހިންގުމާމެދު ގޮތް ނިންމުމުގެ ބާރު އޮންނަންވާނީ އެ ޕާޓީއަކަށެވެ. ނަމަވެސް، އެ ނިންމޭ ގޮތްތަކަކީ، ޑިމޮކްރަސީގެ ސިފަ ނުގެއްލި، އާންމު މެންބަރުންގެ މަސްލަހަތަށް ފުށޫނާރާ ގޮތްތަކަށް ނުވަތަ އުސޫލުތަކަކަށް ހެދުމަށް މިހާރަށްވުރެ ފުރިހަމަ ހައްލެއް ހޯދަން ޖެހިފައިވާކަމީ ގިނަބަޔަކު އެއްބަސްވާ ހަގީގަތެކެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ އަމިއްލަވަންތަ ޖަމިއްޔާތަކެއް ކަމުން އެތެރޭގެ ކަންކަން ނިންމުމުގެ ބޮޑު ބާރެއް އެ ފަރާތްތަކަށް ލިބިގެންވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ވަރަށް ހާއްސަ ވައްތަރެއްގެ ސިޔާސީ ޖަމިއްޔާއެއްކަން ފާހަގަކުރައްވާ ޝަހީދު ވިދާޅުވީ އެ ޕާޓީތަކުގެ މަގުސަދަކީ މުޅި ރައްޔިތުންގެ ފަރާތުން ގައުމަށް ކަންކަން ކޮށްދިނުން ކަމަށެވެ.

"އެހެންވީމާ [ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާމެދު] ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ނުވަތަ އިލެކްޝަންސް ކޮމިޝަނުން ހެދޭ ގަވާއިދަކުން ކޮންމެސް ކަހަލަ އިންތަކެއް ކަނޑައެޅިދާނެ، އެކަމަކު ބަހުސް ކުރެވިގެން އެ އިންތައް ކަނޑައެޅެން ޖެހޭނީ،" ޝަހީދު ވިދާޅުވި އެވެ.

އެފަދަ ގަވާއިދެއް ނުވަތަ ގާނޫނެއް އެކުލަވާލުމުގައި ސިޔާސީ ޕާޓީތަކުން ބައިވެރިވެގެން މަޝްވަރާކުރުން މުހިންމުކަން ވެސް ޝަހީދު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ސިޔާސީ ޕާޓީތައް މި ހިންގަނީ ގިނަ ގައުމުތަކާ ހިލާފަށް ރައްޔިތުންގެ ފައިސާއިން، ދައުލަތުން ފައިސާ ނަގައިގެން، އެހެން ކަމުން ދައުލަތުގެ މުއައްސަސާތަކަށް، ރައްޔިތުންގެ މަޖިލީހަށް، އިންތިހާބީ ކޮމިޝަނަށް [ޕާޓީތައް ހިންގާ ގޮތާމެދު] ގޮތްކިޔުމުގެ އިތުރު ފުރުސަތު އޮންނަންވާނެ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމުގެ އުސޫލު، ހަމައެކަނި ޕާޓީއަށް ނުވަތަ ރައްޔިތުން މަޖިލީހަށް ފެންނަ ގޮތަށް ބޭއްވުމަށްވުރެ، މިހާރު މި ފެންނަ މައްސަލަތަކަށް ހައްލު ގެނެވޭނީ އެންމެން އެކުވެ ހެދާ ގަވާއިދެއް ނުވަތަ ގާނޫނެއްގެ ދަށުން ކަމަށެވެ.

ގާނޫނީ އިސްލާހަކާއި ތިން ވަނަ ފަރާތެއްގެ ބައިވެރިވުން

އެތެރޭގެ އިންތިހާބުތައް ބޮއްސުންލައިގެން ގޮސްފައިވާއިރު، ހައްލެއްގެ ގޮތުގައި މި ރިޕޯޓަށް މައުލޫމާތު ދެއްވި ތަޖުރިބާކާރުން ބުނި އެއް ކަމަކީ ދައުލަތުގެ އިދާރާތަކުން ޕާޓީތައް ހިންގުމާމެދު ބަސް ބުނެވޭ މިންވަރު އިތުރު ކުރުމެވެ.

ރާއްޖޭގައި އިންތިހާބުތައް ބާއްވާ، ސިޔާސީ ޕާޓީތައް މޮނީޓާކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިހާރު ޕާޓީތައް މިއޮތް ހާލަތުން އަރައިގަތުމަށް އީސީއިން ތިން ވަނަ ފަރާތެއްގެ ގޮތުން އެ އިންތިހާބުތައް ވެސް އިންތިޒާމުކުރުމަކީ މަދުން ނަމަވެސް އިވެމުންދާ ހިޔާލެކެވެ.

މިކަމާމެދު ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޕާޓީތަކަކީ މުސްތަގިއްލު ބޮޑީތަކެއް ކަމަށާއި އެ ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތައް އިންތިޒާމުކުރުމާމެދު މިހާތަނަށް އީސީއިން އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ. މައިގަނޑު ސަބަބަކީ އީސީއިން އެކަން ކުރާނަމަ ދައުލަތުން ހިނގާ ހަރަދު އިތުރުވެގެންދާނެތީ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

އޭގެ އިތުރުން، އީސީއަށް މިފަދަ ހާލަތްތަކުގައި ޕާޓީތަކަށް ދެވޭނެ އެހީއަކީ ފަންނީ އެހީ ކަމަށާއި މިހާރުވެސް ޕާޓީތަކުން އެދިއްޖެ ހާލަތެއްގައި އެފަދަ އެހީ ފޯރުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

މި މައްސަލަތައް ހައްލުކުރުމާމެދު އަމިއްލަ ރައުޔެއް ދެއްވަމުން ހަބީބު ވިދާޅުވީ، މިކަންކަން ހައްލުކުރުމަށް ސިޔާސީ ޕާޓީތައް ބާއްވާނެ ހަމަތަކާ އުސޫލުތައް ކަނޑައަޅާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ކުރެވިދާނެ ކަމަށެވެ.

އީސީއިން އެތެރޭގެ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ ނެގުމަކީ ނުކުރެވޭނެ ކަމެއް ނޫން ނަމަވެސް، ހަބީބު ދެންނެވިހެން އެކަމަށް ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ބަޖެޓުކަން ޑރ. ޝަހީދުވެސް ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، މަޝްވަރާތަކެއް ކުރެވިގެން، ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ ތެރެއިން ބައެއް ކޮމިޝަނަށް ދީގެން އެކަން ކުރެވިދާނެ، އެއީ އެހާ ގޯސް ހިޔާލެއް ނޫން އެއީ، ނަމަވެސް އެއަށްވުރެ ޕާޓީތަކުންވެސް އެބަޖެހޭ އަމިއްލަ ފައިމައްޗަށް ތެދުވެ މިކަންކަން ކުރަން ދަސްކުރަން،" ޝަހީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަކީ މީހެއްގެ އަމިއްލަ ކުންފުންޏެއް ނޫނެވެ. އެ ޕާޓީގެ އާންމު މެމްބަރުންނަކީ އެ ކުންފުނީގެ ކަސްޓަމަރުންނެއް ނޫނެވެ. ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީގެ މުހިންމު ގުނަވަނެކެވެ. އެ ޕާޓީތައް ހިންގަންޖެހޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު، ވަކި މީހެއްގެ މުދާގަނޑަކަށް ނުވާނެ ފަދައަކުންނެވެ. އެހެން ނޫން ނަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތެއް ހިންގުމުގެ ބޭނުމެއް ނެތެވެ.