Advertisement

މިނީ ބަހުގެ ހިދުމަތް؛ އާންމު ދަތުރުފަތުރު ކުރުމުގެ އާ ސަފްހާއެއް

5 ސެޕްޓެންބަރު 2022 - 03:23 2

ސާއިފް ޝިޔާދު

ސ

މާލޭގެ މަގުތަކުގައި ދުއްވަން ހަމަޖެހިފައިވާ 30 މީހުންގެ ޖާގައިގެ މިނީ ބަހެއް. ޖުމުލަ ތިން ރޫޓަކުން 42 ތަނަކަށް ބަސް ހުއްޓާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިނީ ބަހުގެ ހިދުމަތް؛ އާންމު ދަތުރުފަތުރު ކުރުމުގެ އާ ސަފްހާއެއް

5 ސެޕްޓެންބަރު 2022 - 03:23 2

Advertisement

އާންމު ދަތުރުފަތުރަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އަސާސީ ހިދުމަތެކެވެ. ގިނަ ސަރުކާރުތަކުން ސަބްސިޑައިޒް ކޮށްގެން ދެމުންދާ ހިދުމަތެކެވެ. ބިމުގެ ގޮތުން ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކުގައި ވެސް ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ގޮތަށް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް އެ ހިދުމަތް ފޯރުކޮށްދިނުމަކީ ޓެސްޓުކޮށްފައިވާ ކާމިޔާބު މޮޑެލެކެވެ.

ރާއްޖެއާ ގާތްގަނޑަކަށް އެއްވަރެއްގެ އާބާދީއެއް އޮންނަ ލަގްޒަމްބާގުގައި 2020 ގައި ދުވާލެއްގެ މައްޗަށް 31،000 މީހުން ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރި އެވެ. އޭގެ އަހަރެއް ފަހުން އެ އަދަދު ހުރީ 42،000 ގަ އެވެ. އެ ގައުމުގައި 2017 ގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ވަޒީފާއަށް ދާ ކޮންމެ 10 މީހެއްގެ ތެރެއިން ހަ މީހުން ބޭނުންކުރަނީ އަމިއްލަ އުޅަނދެވެ. މި އަދަދު ތިނަކަށް ތިރިކުރަން އަމާޒުކޮށް އެ ގައުމުން އަންނަނީ ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ޕަބްލިކް ޓްރާންސްޕޯޓު ތަރައްގީ ކުރަމުންނެވެ.

Advertisement

ގްރޭޓާ މާލެ އޭރިއާގައި ޕަބްލިކް ޓްރާންސްޕޯޓު ނެޓްވޯކެއް ނެތުމަކީ ޒަމާނުއްސުރެއް ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ޓްރެފިކްގެ މައްސަލަ ބޮއްސުންލާފައިވާ މާލޭގެ މަގުތަކަށް މިނީބަސް ނެރުމަކީ ހައްލަކަށް ވުރެ ބޮޑަށް ތުރާލަކަށް ވާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

މާލޭގައި ބޭނުންކުރާ ބަހެއްގެ އިންޓީރިއާ. ޖުމުލަ 30 މީހުން މި ބަހުގައި ދަތުރުކުރެވޭނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ މީހަކީ އަމިއްލަ އުޅަނދެއް ހުންނާނެ މީހަކަށް ނުވާނެ ކަމެވެ. ނުވަތަ، ތަނަކަށް ދާން ބޭނުންވުމުން 25ރ. ދީފައި ކޮންމެ ފަހަރަކު ޓެކްސީއަކަށް އަރާނެ މާލީ ގާބިލުކަމެއް އެންމެންގެ ކިބައިގައި ނުހުންނާނެ އެވެ. އަދި، މާލޭގެ މަގުތަކުގެ ހާލަތަށް ބަލައި ޓްރެފިކުގައި 10 ނުވަތަ 15 މިނެޓު މަޑުކުރަން ބޭނުމެއް ނުވާނެ އެވެ. ޕާކު ކުރުމަށް ޖާގަ ނެތުމުގެ މައްސަލަ އިންތިހާއަށް އޮތްއިރު ޖޫރިމަނާގެ ގޮތުގައި ހާހުން ލާރި ދައްކަން ބޭނުމެއް ނުވާނެ އެވެ.

އޭގެ ބަދަލުގައި، އިތުބާރު ހިފޭ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް އޮތުމަކީ މި ދެންނެވި މައްސަލަތަކަށް ހައްލެއް ގެނުވާނެ ކަމެކެވެ. މިއީ މާލޭގައި އަލަށް ފަށާ ކަމެއް ނޫނެވެ. މީގެކުރިން ވެސް ބަހުގެ ހިދުމަތް މާލޭގައި ދިނެވެ. ނަމަވެސް، މާ ގިނަ ދުވަހަކު އެއް ފެންވަރެއްގައި އެ ހިދުމަތް ނުދެވި ފަހުން ޖެހުނީ ހުއްޓާލާށެވެ.

ރާއްޖޭ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) އިން އުތުރުގެ ތިން އަތޮޅު ގުޅާލުމުގެ ނަފާ މިހާރު ވެސް ފެންނަމުންދާއިރު މިއަދު ފަތިހު 05:45 ގައި ފެށި މިނީބަހުގެ ހިދުމަތާ އެކު މާލެއަށް ވެސް ހެޔޮ ބަދަލުތަކެ އަންނާނެ އެވެ.

މި ހިދުމަތް ފެށުމަށް ގެނައި 41 ބަހުގެ ތެރެއިން މާލޭގައި 18 ބަހެއް ދުއްވާނެ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް އެރޭނެ ގޮތަށް ހުންނަ ބަހެވެ. މިފަދަ ބަހުގައި 20 މީހުންގެ ޖާގައިގެ އިތުރުން ކޮޅަށް ތިބެ 10 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި، ވީލްޗެއާ އެކްސެސް ނެތް ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީގެ ބަސް ޑްރައިވަރަކު ބަސް ދުއްވަނީ. ކޮންމެ ދުވަހަކު ވެސް ބްރީފިން ދީ ރައްޔިތުންނަށް ހެޔޮ ހިދުމަތެއް ދޭން ޓްރެއިނިން ވަނީ ދީފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވީހާވެސް ގިނަ މީހުން ހިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ފުރަތަމަ ދެ ހަފްތާ ހިލޭ ބަސް ދުއްވާލަން ދެވޭނެ އެވެ. މިއީ އަޖުމަ ބަލައިލަން ޖެހޭ ހިދުމަތެކެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއެކު ތޮއްޖެހިފައި މިވާ މާލޭގެ މަގުމައްޗަށް ބަހުގައި ބުރެ އަޅާލަން ދިޔުމުގެ ފުރުސަތު "އަދަދު" ގެ ނޫސްވެރިންނަށް ލިބުނެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ގަޑީގައި ގޮސް އަރާލެވުނީ ޖާގަ ތަނަވަސް، އޭސީ ކޮށްފައިވާ އެންމެ ޒަމާނީ ބަހަކަށެވެ. އެމްޓީސީސީގެ މުޅި ޓްރާންސްޕޯޓު ނެޓްވޯކަކީ ވެސް ކޭޝްލެސް ނެޓްވޯކެއް ކަމުން ބަހުގެ ހިދުމަތަށް ވެސް ފައިސާ ދައްކަން ވަރަށް ފަސޭހަ އެވެ. ބަހަށް އަރާއިރު އިންނަ ޕީއޯއެސް މެޝިނުން ފައިސާ ދައްކާލެވޭނެ އެވެ. ނުވަތަ ކޮންމެ ތާކު ހުރެގެން ވެސް އާރުޓީއެލްގެ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނުން ޓިކެޓު ގަނެވޭނެ އެވެ.

ރައްޔިތުންގެ ޒިންމާ ވެސް ބޮޑު ހިދުމަތެއް

"ޕަބްލިކްގެ އެހީތެރިކަން ނުލިބި މިކަހަލަ ޕަބްލިކް ހިދުމަތެއް ކާމިޔާބުކޮށް ނުހިންގޭނެ."

މިއީ މި ހިދުމަތާ ގުޅޭގޮތުން އާޒިމް އެންމެ ފުރަތަމަ ވެސް ވިދާޅުވި ވާހަކަ އެވެ. ސަބަބުތައް ބައިވަރެވެ. އަހަރެން ބަހުގައި ހަމަޖެހިލައިގެން އިނދެ އާޒިމްއާ ސުވާލުކުރަމުން ދިޔައިރު ބަސް ދަތުރުކުރަމުންދިޔައީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށެވެ. އެއީ އޮފީސްތަކުގެ ލަންޗު ބްރޭކަށްވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގެ މަގުތަކަށް ނުކުމެ އުޅުނެވެ.

މުދާ ލޯޑުކުރަން ޕިކަޕެއް މަޑުކޮށްގެން އޮތުމުން ބަސް ވެސް ޖެހުނީ ކުރިއަށް ނުދެވި އެތަނުގައި އޮންނާށެވެ. ޕޭވްމަންޓާއި ބަހާ ދެމެދު ހުރީ ކިރިޔަކިރިޔާ ސައިކަލަކަށް ދެމިލެވޭނެ ވަރެވެ. މި ހުންނަ ބޮޑެތި ސައިކަލުތަކަށް އެ ޖާގައަކުން ނުދެވޭނެ އެވެ. އިރުކޮޅަކުން ކުރިއަށް ދެވެން ފެށިއިރު އެއްކަލަ ހަނި ޖާގައިގެ ދޭތެރެއިން ފަހަރަކު ސައިކަލެއް ދެމިގެންދަނީ އެވެ. ބަހަށް އެއްވެސް އިސްކަމެއް ނުދީ ފަހަރަކު ސައިކަލެއް އެ ޖާގައިން ދެމިގެންދަނީ އެވެ.

"އަދަދު" ނޫހަށް އާޒިމް އިންޓަވިއު ދެއްވަނީ. ރައްޔިތުންގެ ޒިންމާ މި ހިދުމަތް ކާމިޔާބުކުރުމަށް ބޮޑު ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


"އަޅުގަނޑުމެން އެންމެން ވެސް ބަހަށް އިސްކަން ދީގެން ދަތުރުކުރުމަކީ އެންމެނަށް ވެސް މަގުމަތި އަރާމުވެ ހިތްފަސޭހަވާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ޓްރަޔަލް ދަތުރުތަކުގައި ވެސް ބަހަށް ޖާގަ ނުދީ ބައެއް މީހުން ދަތުރުކުރާކަން ފާހަގަވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. މި ހިދުމަތް ބޭނުންވާ ރައްޔިތުން ގިނަވުމުން އެއްބާރުލުން ލިބޭ މިންވަރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕަބްލިކް ޓްރާންސްޕޯޓެއް ކާމިޔާބުވުމަށް އެންމެ މުހިންމު އެއް ކަމަކީ ގަޑިތަކަށް ތަންތަނަށް ގެންދިޔުމާއި ގަޑިތަކަށް ބަސް އެ ސްޓޭޝަނަކަށް އައުން. އެކަން ކުރަން ފަސޭހަވާނީ ހަމަ ގައިމު ވެސް ދެން ދަތުރުކުރާ އެންމެން ވެސް ބަސް ބޭނުންކުރަން ފަށައި އަދި ބޭނުންނުކުރާ މީހުން ވެސް ބަހަށް އިސްކަން ދީގެން،" ވަގުތު އޮއްވައި ބަސް ސްޓޮޕްތަކަށް ދިޔުމަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި ކާމިޔާބުކަމާއެކު ހިންގާ އާންމު ދަތުރުފަތުރުގެ ނެޓްވޯކުތަކުގެ ސިއްރަކީ ގަޑިއަށް ކަމޭހިތާ ރައްޔިތުންނެވެ. ރާއްޖޭގެ އާދަތައް އޮންނަ ގޮތުން ތަނަކަށް ދާން ޓެކްސީއެއް ނުވަތަ ސައިކަލެއް ވެސް ހޯދަނީ ފަހު ވަގުތެވެ.

ބަހުގެ ހިދުމަތާ އެކު ތިމާގެ އަމިއްލަ އާދަތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ހެނދުނު ހަތެއް ޖަހާއިރު ސްކޫލަށް ދަރިއަކު ގެންގޮސްދޭންޖެހޭ ނަމަ ވަގުތު އޮއްވައި ބަސް ސްޓޮޕަށް ދާން ވާނެ އެވެ. އެއީ، މި ހިދުމަތަކީ އެތައް ބައެއްގެ މަސްލަހަތު ހިމެނޭ ހިދުމަތަކަށް ވާތީ އެވެ.

މާލޭގައި 18 ބަހެއް ޖުމުލަ 42 ތަނަކަށް ދަތުރުކުރާނެ. ކޮންމެ 10 މިނެޓަކުން ބަސް ދަތުރު އޮންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


"ހުރިހާ ބޭފުޅުން ވެސް ކުރިއާލައި ނިކުމެ ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރާ ނަމަ އެ ބޭފުޅަކު ބޭނުންވާ ތަނަށް ގަޑިއަށް ދެވެނޭ،" ރައްޔިތުންގެ ޒިންމާ ވެސް މިކަމުގައި އޮތްކަން ހާމަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

ބޮއްސުންލާފައިވާ ޓްރެފިކަށް ކުޑަ ހައްލެއް

މާލެ ސިޓީގެ މަގުތަކުގެ 50 ޕަސެންޓަށްވުރެ ބޮޑު ޖާގައެއް ނަގަނީ ވެހިކަލްތަކުންނެވެ. ޓްރާންސްޕޯޓު މިނިސްޓްރީން 2019 ގައި ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 68،000 ސައިކަލާއި 3،000 އަށްވުރެ ގިނަ ކާރު މާލޭގައި ވަނީ ރެޖިސްޓްރީކޮށްފަ އެވެ.

މި އުޅަނދުތަކުގެ ދެ ބައިކުޅަ އެއްބައި މާލޭގެ މަގުތަކަށް އެއްފަހަރާ ނުކުމެއްޖެ ނަމަވެސް މި ކުޑަކުޑަ ދެ ސްކޮޔާ ކިލޯމީޓަރުގެ ސިޓީ ހުއްޓުމަކަށް އަންނާނެ އެވެ. ތޮއްޖެހިފައިވާ މަގުތަކަށް ލުޔެއް ލިބިގެންދާނެ އެއްގޮތަކީ އިތުބާރު ހިފޭ އާންމު ދަތުރުފަތުރުގެ ނިޒާމެކެވެ.

ކާރެއްގައި އުފުލޭނީ އެއްފަހަރާ ހަތަރު މީހުންނެވެ. އޭގެ ބަދަލުގައި ބަސް ދަތުރެއްގައި 32 މީހުން ނުވަތަ މީގެ އަށް ގުނަ މީހުން އުފުލޭނެ އެވެ. މާނައަކީ ބަހުގެ ހިދުމަތް ބޭނުންކުރާ ނަމަ އެ އަށް ކާރު އެއްފަހަރާ މަގުމަތީގައި ދުއްވަން ނުޖެހޭނެ ކަމެވެ.

ރައްޔިތުންގެ އިތުބާރު ބަހުގެ ހިދުމަތަށް ލިބުން ވެގެންދާނީ ނިސްބަތުން ކާރު ދަތުރުތައް މަދުވެ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދު މަދުވާނެ ކަމަކަށެވެ. އެ އިތުބާރު ހޯދޭނެ ކަމުގެ ޔަގީންކަން އާޒިމް އާއި ޓީމަށް އެބައޮތެވެ.

"ބަހެއްގައި އެބަ ދަތުރުކުރޭ 20، 25 މީހުން. އެ މީހުން ޓެކްސީގައި، ނޫނީ އަމިއްލަ ކާރުގައި ނޫނީ ސައިކަލުގައި ދަންޏާ ވަރަށް ބައިވަރު ކާރާ ސައިކަލު މަގުމަތީގައި އުޅޭނެ. ބަހުގެ ހިދުމަތް ފެށުމުން ސައިކަލުގައި އުޅޭ މީހުން ބަހަށް ބަދަލުވުމުން މަގުމަތީގައި އުޅޭ ސައިކަލުތައް ވެސް މަދުވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ބޮޑުތަކުރުފާނު މަގު ނަސަންދުރާ ކައިރިން ބަސް ދުއްވަމުން ދިޔައިރު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ބޯކިބާ

over 2 years ago

މިހާރު ތިކަން ކުރުމުގެ މުއާލާތް ކެޑިއްޖެ.. ދެން ތިކަން ވާނީ ވޭނަކަށް. މިހާރު މާލެ ތޮއްޖެހި ނިމިއްޖެ.

ފިޔާޒޔ

over 2 years ago

ބޮޑު ނުހުރުއްޕާނެއް މިއަކާ ހުރެ