30 އޮގަސްޓު 2022 - 03:56 21
ނާޒިމް ހަސަން
އާރްޓީއެލް ފެރީގައި ކުރި ދަތުރެއްގެ ތެރޭން --
30 އޮގަސްޓު 2022 - 03:56 21
މިއީ މިދިޔަ ޖޫންޖުލައިގައި އައި ބޮޑު ބަންދުގެ ތަޖުރިބާ އެވެ;
ވަޒީފާ އަދާ ކުރާ ރަށަށް ދެވޭނެ ގޮތެއް ނުވެގެން އުޅުނު އިންޑިއާ ރައްޔިތަކާ ތޮއްޖެހިފައި އޮތް ވެލާނާ އެއާޕޯޓުގައި ދިމާވި އެވެ. ހއ. ދިއްދޫ ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ އެ މީހާ ކުރަމުން ދިޔަ ފިކުރަކީ ހަނިމާދޫ އެއާޕޯޓަށް ގޮސް ދިއްދޫއަށް ދެވޭނެ ގޮތެއް ހޯދުމެވެ.
ލޯންޗެއް ހިފާނެ ގޮތަކާއި އެކަމަށް ދާނެ ހަރަދާމެދު އޭނާ ހުރީ ނުތަނަވަސްވެފަ އެވެ. އެކަމަކު, އޭނާއަށް ނޭނގި އޮތީ އަހަރީ ޗުއްޓީއަށް ދިއްދޫއިން އިންޑިއާއަށް ގޮސް ހޭދަކުރި މުއްދަތުގެ ތެރޭގައި ބޮޑުތިލަދުންމަތި (ހއ އަދި ހދ)ގެ ދަތުރުފަތުރަށް އައިސްފައި އޮތް އިންގިލާބީ ބޮޑު ބަދަލެވެ; އާރްޓީއެލް ފެރީ އެވެ.
އަހަރެންގެ ފޯނު ނަގައި އާރްޓީއެލް ފެރީގެ އެޕް ހުޅުވާލައި އެމީހާއަށް އެ އެޕްލިކޭޝަން ތައާރަފްކޮށްދިނީމެވެ. އުފަލުން ހުރެ އޭނާ ފޯނަށް އެ އެޕް އަޅައި, ހަނިމާދޫއިން ދިއްދޫ ދެވޭނެ ރޫޓެއް ހޯދައި އެ ފެރީން ޓިކެޓް ނަގައި, ހިތްހަމަޖެހިލި އެވެ. ހާހުން ހަރަދުވާން އޮތް ދަތުރު 100 ވަރަކަށް ރުފިޔާއަށް ފަރުޖެހުމުން އޭނާ ހުރީ މާބޮޑު އުފާވެރިކަމެއްގަ އެވެ.
އޭނާއާއެކު އެއް ފްލައިޓެއްގައި އަހަރެން ވެސް ހަނިމާދޫއަށް ދިޔައީ ޗުއްޓީ ކުޅުދުއްފުށީ ސިޓީގައި ހޭދަކުރުމަށެވެ. ހަނިމާދޫ އެއާޕޯޓުން ކުޅުދުއްފުއްޓަށް ލޯންޗުގައި ކޮންމެ އަހަރަކު ވެސް ތިން ހަތަރު ދަތުރު އާންމު ގޮތެއްގައި ކުރަން ޖެހެ އެވެ. ލޯންޗެއް އަމިއްލައަށް ކުއްޔަށް ހިފާ ނަމަ, އެއީ ދަތުރަކަށް 1,500 ރުފިޔާ އެވެ. އެހެން ބަޔަކު ހިފާފައި އޮތް ލޯންޗަކުން ޖާގައެއް ލިބިއްޖެނަމަ, އެއީ 300 ރުފިޔާ އެވެ.
އެކަމަކު, މި އަހަރުގެ ޗުއްޓީއަށް ހަނިމާދޫއިން ރަށަށް އަހަރެން ދިޔައީ 70 ރުފިޔާއަށެވެ. ކުރިއާލައި އާރްޓީއެލް އެޕުން ބުކްކުރި ޓިކެޓްގައި މި ރޫޓްގެ ޓިކެޓެއް 70 ރުފިޔާއަށް ލިބެ އެވެ. އާއިލާ ކައިރިއަށް ރަށަށް ދާން އަހަރެން ހޭދަކުރަމުން އައި 1,500 ރުފިޔާ, 70 ރުފިޔާއަށް ކުޑަވީ އެވެ.
މިއީ އާރްޓީއެލްއިން ގެނައި ބަދަލުގެ އަދި ކުޑަ މިންވަރެކެވެ. އަދި އޮތީ އެވެ;
އާރްޓީއެލް ފެރީއެއް
ތަނެއް އިންގިލާބުވެ, ތަރައްގީވެ ދިޔުމަށް ދަތުރުފަތުރަކީ އެންމެ މުހިންމު އަސާސީ ހިދުމަތްކަން ސާބިތުކޮށް ދެނީ އާރްޓީއެލް ފެރީގެ ހިދުމަތާއެކު މި ދެ އަތޮޅަށް އަންނަމުންދާ މުހިންމު ބަދަލުތަކާ އެކު އެވެ. އެކަން އަހަރެން ތަޖުރިބާ ކުރީމެވެ;
ކުޅުދުއްފުށިން ހއ. ވަށަފަރަށް ޗުއްޓީ ދަތުރަކަށް ނޫނީ އުތީމު ގަނޑުވަރަށް ޒިޔާރަތްކޮށްލުމަކީ މިހާރު ފަސޭހަ ކަމެކެވެ. މުޅި އާއިލާ ގޮވައިގެން އެ ރޫޓް ފެރީގެ ޓިކެޓް ކުރިއާލައި ނަގާލަނީ ޖީބަށް ވެސް މާބޮޑަށް ލުއިކޮށެވެ. ހިތްގައިމު ގޮނޑުދޮށްތައް އޮތް ކިތަންމެ ރަށެއް މި ދެ އަތޮޅުގައި އޮތަސް, ދަތުރުކުރުމުގެ ހޭދަ އާއި ތަކުލީފާއެކު އެއީ މާ ޝައުގުވެރިކަމެއް ނޫނެވެ. އެކަމަކު, މިހާރު އެކަން ބަދަލުވެ އަތޮޅުގެ ތެރޭ ދަތުރުތައް ގިނަވެއްޖެ އެވެ. ރައްޔިތުން ރަށު ބަންދުގައި ތިބުން މަދުވެއްޖެ އެވެ.
އަހަރެން ވެސް މި ޗުއްޓީގައި އާއިލާއާއެކު, ހަނިމާދޫއަށް ދަތުރު ދިޔައީ އާރްޓީއެލް ފެރީގަ އެވެ. ކުޅުދުއްފުށީގައި ހަދާފައިވާ ސަރަހައްދީ, އާރްޓީއެލް ފެރީ ޓާމިނަލަށް ވަދެވުނު ހިސާބުން ފެށިގެން ދަތުރު ނިމުމާ ހަމައަށް ވެސް އިންތިޒާމްތައް އޮޮތީ ތަރުތީބުކޮށްފަ އެވެ. ޓާމިނަލުން, އެމްޓީސީސީގެ މުވައްޒަފުން ލަގެޖުތަކާ ހަވާލުވެ މަންޒިލަށް ދެވެންދެން އޭގެ ޒިންމާ ނަގަ އެވެ. ކޮންމެ ރަށެއްގައި ވެސް އާރްޓީއެލް ފެރީއަށް ހާއްސަ ޓާމިނަލެއް ނޫނީ ހަޓެއް ވަނީ ގާއިމްކޮށްފަ އެވެ.
ސައިޒުން ބޮޑު, އޭސީކޮށްފައިވާ އެ ހިތްފަސޭހަ ފެރީގެ ދަތުރު ފެށި, ނިމިގެން އަންނަނީ ފެރީ ޓާމިނަލްގެ މުވައްޒަފުންގެ އެހީތެރިކަމާއި ލޯންޗުގެ ކައްޕި އަދި ފަޅުވެރިންގެ އެކުވެރިކަމާއެކު އެވެ.
އެ ދަތުރުގައި ހަނިމާދޫއަށް އާދެވުމުން ވެސް މީގެ ކުރިން އެ ރަށުން ނުފެންނަ އިގުތިސޯދީ ހަރަކާތްތައް ފެނުނެވެ. ޓެކްސީތައް އެހާ ބިޒީ އެވެ. ގެސްޓްހައުސްތައް އެހާމެ ފުލް އެވެ. މި ހުރިހާ ކަމެއްގެ ކްރެޑިޓް ވެސް ދަނީ ހަމަ އާރްޓީއެލްއަށެވެ.
"އާރްޓީއެލް ފެރީގެ ފަހު ފެރީ ޝެޑިއުލް އޮންނަ ގޮތުން ހަނިމާދޫއަށް މި އަންނަނީ ހަވީރު, އެހެންވެ އެ ފެރީގަ އެބަ އާދޭ ރޭގަނޑު އަދި ފަތިހު ފްލައިޓްގައި މާލެ ދާ މީހުން, އައިސް މި ތިބެނީ ގެސްޓްހައުސްތައް ހިފައިގެން މި ތަންތަނުގަ, އޭރަށް ވެސް އަމިއްލައަށް ލޯންޗެއް ހިފައިގެން ފްލައިޓް ގަޑިއަށް އައުމަށްވުރެ މާ އަގުހެޔޮ," އެ ދުވަހު, އަހަރެންގެ އާއިލާ މަޑުކުރި ގެސްޓްހައުސްގެ ވެރި, މުފީދު ބުންޏެވެ.
"...ވީކެންޑްގައި ޗުއްޓީއަށް އަންނަ މީހުން ވެސް އިތުރުވެއްޖެ, ވިޔަފާރިއަށް އެނގުން ވެއްޖެ," އޭނާގެ ތަޖުރިބާ މުފީދު ހިއްސާކުރި އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވެސް ފާހަގަކުރެއްވީ އެ އިގުތިސޯދީ އާރޯކަމުގެ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީއާއެކު ހަނިމާދޫގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަންނަނީ ފައިދާވަމުންނެވެ. ދަތުރުގެ އާ ހިދުމަތާއެކު އެ ރަށަށް އަދި ހާއްސަކޮށް މުޅި އަތޮޅަށް އައީ ބޮޑު އިންގިލާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާރްޓީއެލް ފެރީގެ ކައްޕިއެއް އަދި ފަޅުވެރިން
މީގެކުރިން ބޭސްފަރުވާއަށް ހަނިމާދޫއިން ކުޅުދުއްފުއްޓަށް ދާން ޖެހިއްޖެނަމަ, ލޯންޗެއް ހިފައިގެން ބޮޑު އަގުގައި ދެވޭއިރު, މިހާރު ކޮޅަކަށް ހަރަދު ވަނީ 70 ރުފިޔާ އެވެ. ހަމަ އެ ފަސޭހަކަން, އިދާރީ ގޮތުން އެއް އަތޮޅެއްގައި އޮތަސް މާކަނޑެއް ހުރަސްކޮށް އޮންނަ މަކުނުދޫއާ ހަމައަށް ވެސް އޮތީ ފޯރާފަ އެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ދެކޭ ގޮތުގައި އާރްޓީއެލް ފެރީއާއެކު އެ ރަށަށް އައީ ހީނުކުރާހާ ބޮޑު ބަދަލެކެވެ.
"...މިއީ ހަމަ މިކަހަލަ ރަށަކަށް ވަރަށް ބޮޑު ލުޔެއް, ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް, ރައްޔިތުންނަށް ހިތްހަމަޖެހުމެއް," ދަތުރު ކުރުމުގައި އަބަދުވެސް އެތައް ވޭނާއި އުނދަގޫތައް ތަޖުރިބާ ކުރަމުންދާ މަކުނުދޫގެ ކައުންސިލްގެ އައުޒަމް ރައީސް ވިދާޅުވި އެވެ.
މީގެކުރީގެ ހާލަތަށް ބަލާއިރު, މޫސުން ރަނގަޅު ދުވަހެއް ނަމަ, 12 މީހުންގެ ލޯންޗެއް މަކުނުދޫން, އުތުރުގެ މައި ރަށް ކަމުގައިވާ ކުޅުދުއްފުއްޓަށް ދަތުރެއް ކުރަނީ 3,500 ރުފިޔާއަށެވެ. މޫސުން ގޯސް ނަމަ, އެ އަގު 7,000-10,000 ރުފިޔާއަށް ވެސް އަރަ އެވެ. މޫސުން ގޯސްވި ނަމަވެސް, ބޭސްފަރުވާއަށް ކޮންމެހެން ވެސް ދަތުރު ކުރަން ޖެހެ އެވެ. މިހެން ގިނަ ދަތުރު ކުރަން ޖެހިއްޖެ ނަމަ, އާންމު ސިވިލް ސާވިސް ވަޒީފާއެއްގައި އުޅޭ މުވައްޒަފެއްގެ މުސާރަ އެކީހެން މިކަމަށް ހޭދަވެ އެވެ.
"އާންމުކޮށް ސިއްހީ ފަރުވާއަށް އެއް މަހެއް ތެރޭ ގިނަ ދަތުރު ކުރަން ޖެހިއްޖެނަމަ, ގިނަ މީހުން ހަމަ ކްރެޑިޓަށް ދަތުރު ކުރަން ޖެހެނީ, އެހެން ނޫނީ ތިން ގަޑިއިރުގެ ލަކުޑި ފެރީއަށް އަރަން ޖެހެނީ, އޭގެން ފައިސާ ކުޑަވިޔަސް ވަގުތު ވަރަށް ބޮޑަށް ގެއްލިގެންދަނީ," ކުރީގެ ހާލަތު އައުޒަމް ސިފަކޮށްދެއްވި އެވެ.
އެކަމަކު, މިއަދުގެ މަންޒަރަކީ މަކުނުދޫއިން ކުޅުދުއްފުއްޓަށް އެންމެ 100 ރުފިޔާއަށް, މާބޮޑު ތަކުލީފެއް ނެތި އަވަސްކަމާއެކު ދަތުރު ކުރެވުމެވެ. ފެރީގެ ޑިޒައިންނާއި ސައިޒްގެ ސަބަބުން, ކަނޑު ގަދަވިޔަސް އެކަމުގެ އިހްސާސް ލޯންޗުގައި ދަތުރު ކުރާ މީހުންނަށް ކުރާ މިންވަރު ކުޑަ އެވެ; ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ދަތުރު ކުރުން ވެސް ފަސޭހަ އެވެ.
އެކަހެރި, އެކަނިވެރިކަމާއެކު އޮތް މަކުނުދޫއަށް އައުޒަމް ފާހަގަ ކުރައްވާ ގޮތުން އާރްޓީއެލް ފެރީއާއެކު އާ ދިރުމެއް ވެސް ލިބިއްޖެ އެވެ.
"މި ރަށަށް އަންނަން ބޭނުންވޭ މީހުން, އެކަމަކު ދަތުރު ކުރުމުގެ ތަކުލީފާ ހެދި އެކަން އޮންނަނީ ނުވެ, މިހާރު މި ހިދުމަތް ފެށި ފަހުން ފާހަގަ ކުރެވޭ ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން, ބޮޑު ޗުއްޓީ ތެރޭ ވަރަށް ގިނައިން މީހުން އައި, މީގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް އެބަ ފައިދާވޭ," އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ވިސްނުމަކުން ރަށް އިތުރަށް ތަރައްގީ ކުރެވިއްޖެނަމަ, ފައިދާ ދެގުނަ ބޮޑުވެގެންދާނެ ކަމުގެ ތަސައްވުރު ވެސް އައުޒަމްގެ އެބަ އޮތެވެ.
އާރްޓީއެލް, ކުޅުދުއްފުށީ ފެރީ ޓާމިނަލްގައި ފެރީތައް މަޑުކޮށްގެން
ހއ. އަދި ހދ. ގައި ބާރްސްޕީޑްގައި އެމްޓީސީސީގެ އާރްޓީއެލް ފެރީ ދުއްވަމުންދާއިރު, ދެ އަތޮޅު ކައުންސިލްގެ ރައީސުން ވެސް ތިއްބެވީ ހިދުމަތާއެކު އަތޮޅަށް އައި ކުރިއެރުމާއި ރައްޔިތުންނަށް ލިބުނު ބޮޑު ލުޔާމެދު ނުހަނު އުފަލުންނެވެ.
"ރައްޔިތުންނަށް ލިބުނު މިއީ ބޮޑު ފަސޭހައެއް, އަރާމު, ސްޕީޑް ބާރު ދަތުރެއް މިއީ, ފެރީ ހިދުމަތުގެ ތަރުތީބު އެހާމެ ރަނގަޅުވެފައި މި ހިދުމަތް ދެނީ ވަރަށް ޒަމާނީ ފެންވަރެއްގައި," ހދ. އަތޮޅު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވި އެވެ. "މިއީ ލިބޭނެ އެންމެ ބޮޑު ލުއިފަސޭހަ,"
އޭނާ ފާހަގަ ކުރައްވާ ގޮތުގައި އަތޮޅުގެ ރަށްތަކުގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ނިސްބަތް, އިންތިހާއަށް އުފުލި އަތޮޅުގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. މި ހިދުމަތަށް ރައްޔިތުންގެ އޮތް ޝައުގުވެރިކަމާއި ތަރުހީބު ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން, އޭނާ ނިސްބަތްވާ ކުމުންދޫއިން ކުޅުދުއްފުއްޓަށް ދިޔުމަށް ވެސް ދެ ދުވަސް ކުރިޔާލާ ނަގައިގެން ނޫނީ ޓިކެޓް ނުލިބޭކަން ފާހަގަ ކުރެއްވި އެވެ.
އެ ރަށު މީހުން ހަނިމާދޫ އެއާޕޯޓަށް ދާން 2,000 ރުފިޔާ ކުރިން ހަރަދުކުރިއިރު, މިހާރު އެ ދަނީ 100 ރުފިޔާއަށެވެ. އަސާސީ ހިދުމަތްތައް ހޯދަން 20 މިނެޓުން ކުޅުދުއްފުއްޓަށް ދިޔައިރު, މިހާރު އެ ދަނީ ފަސް މިނެޓުންނެވެ.
ބޮޑު އީދު ތެރޭ ޑިމާންޑް އަދި އެއަށްވުރެ މާ މާއްޗެވެ. ހަފުތާއެއް ކުރިން ވެސް ފެރީތައް އެއްކޮށް ބުކްވި އެވެ.
"އަޅުގަނޑުމެން ވަރަށް އުފާވޭ މިފަދަ ހިދުމަތެއް މި އަތޮޅުގައި އެންމެ ފުރަތަމަ ފެށިގެން ދިޔަކަމީ, އެއީ ފަހުރެއް, އުއްމީދަކީ މި ހިދުމަތް ސަރުކާރުން މި ގޮތަށް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ދިޔުުން," ކުމުންދޫ ކައުންސިލްގެ ރައީސް ކަމުގައި ވެސް ހުންނެވި އަމީން ވިދާޅުވި އެވެ.
ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުގެ ވެސް އެދުމާއި އުއްމީދަކީ ހަމަ އެއީ އެވެ. އޭނާ ވެސް ފާހަގަ ކުރެއްވި ގޮތުގައި, އާރްޓީއެލް ފެރީއާއެކު އެ އަތޮޅަށް ވެސް އައީ އިންގިލާބީ ބަދަލެކެވެ. އަތޮޅު ތެރޭ ދަތުރު ކުރާ މިންވަރު އިތުރުވިއިރު, ހިދުމަތް ހޯދުމުގައި ކުރަން ޖެހޭ ދަތުރުތަކުގެ އަގު ވެސް ލުއިވީ އެވެ. އެއާއެކު, އޭނާ ފާހަގަ ކުރެއްވީ އަދި މާބޮޑު ބަދަލެއްގެ ވާހަކަ އެވެ;
ދިއްދޫގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން ޝަފީގު ވިދާޅުވި ގޮތުގައި އެ ރަށުގައި ވަޒީފާ އަދާ ކުރާ ކައިރި ރަށްރަށުގެ ބައެއް މީހުން ޑިއުޓީ ނިންމާލުމަށްފަހު މިހާރު އަނބުރާ ދަނީ އަމިއްލަ ރަށަށެވެ. އަނެއް ދުވަހު ޑިއުޓީއަށް ފެރީގައި އަނެއްކާވެސް ދިއްދޫއަށް އަންނަނީ އެވެ. ހެނދުނު އަށެއްޖާހަންވާއިރަށް ދިއްދޫއަށް އާރްޓީއެލް ފެރީ އަތޮޅުގެ އެކި ރޫޓުތަކުން ކައިރިކުރެ އެވެ.
"ހެޔޮ, އިންގިލާބީ ބަދަލަކީ މިއީ ނޫން ހެއްޔެވެ؟", ވަޒީފާ އަދާކޮށް އަނބުރާ އަނބިދަރިން ގާތަށް ރަށަށް ދެވޭ ގޮތްވުމަށްވުރެ ބޮޑު އުފަލެއް, ވަކި ނޯންނާނެ އެވެ.
"އެހެންވެ އަޅުގަނޑު މި ދަންނަވަނީ މި ހިދުމަތަކީ އިންތިޒާމްވެގެން ފުރިހަމަކަމާއެކު ކުރިއަށްދާ ހިދުމަތެއް ކަމަށް, މިއީ އުއްމީދީ, ޖަޒީރާ ހިދުމަތެއް," ޝަފީގު ވިދާޅުވި އެވެ.
ޖަޒީރާވަންތަ ކަމުގެ ވިއަވަތި ރާއްޖޭގެ ތަސައްވަރުގައި އޮތް އެންމެ މުހިންމު އެއް ހިދުމަތް ކަމުގައިވާ އާރްޓީއެލް ފެރީގައި އަހަރެން ވެސް ޗުއްޓީ ދަތުރު ނިންމާލައި އެއާޕޯޓަށް ހަނިމާދޫއަށް ދިޔައީ ހަމަ އެންމެ 70 ރުފިޔާއަށެވެ. ކުރިން ޗުއްޓީގެ ދަތުރަށް ހޭދަކުރަން ޖެހޭ މިންވަރުގެ ބޮޑު ބައެއް މިފަހަރު ސަލާމަތްކުރެވުނެވެ.
މިއީ, އަބަދުވެސް ބޭނުންވި ލުއި, ހިތްފަސޭހަ ދަތުރެވެ.
81.82%
0.00%
9.09%
9.09%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަލިބެ
over 2 years ago
ހަގީގީ ތަރައްގީއަކީ މިއީ އެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާ ނިކަން ވިސްނާށެވެ. ބޮޑު ތިލަދުން މައްޗަށް މަހަކު އެވްރެޖްކޮށް ދުވާލަކު 50 މީހުން ދާނަމަ، އެއީ މަހަކަށް ބަލާއިރު 1500 މީހުން. ކުރިން ނަމަ އެ މީހުން މަހަކަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ލޯންޗަށް ހަރަދު ކުރާނެ އެވެ. ނަމަވެސް މިހާރު ހަރަދުގެ ޖުމުލަ އަކަށް ވާނީ 100،000 ރުފިޔާ އެވެ.
އިޝާމް
over 2 years ago
ފެރީގެ ނިޒާމުހެ ހަގީގީ ފައިދާ ފެންނާނީ އިގްތިސާދުން. އެއްރަށުގަ ހައްދާ ތަކެތި އަނެއް ރަށަށް ވިކި، ރަށު ތެރޭގައި ފައިސާ ދައުރުވުމުގެ ބަދަލުގަ އަތޮޅުތެރެއަށް ފުޅާވާނެ. މިއީ ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަން ދޭންވީ ކަންތައް
ޚިޔާލު
over 2 years ago
ފެރީޓާމިނަލްތަކުގެ ފެންވަރު ވެސް ހިމަނާލިނަމަ. ވާރޭ ހިޔާވާ، އަދި ފާހާނާ ވެސް ހުރި ފެރީޓާމިނަލްތައް ކޮންމެ ރަށެއްގަ ހުންނަންޖެހޭނެ މިވަރުގެ ކަމެއް ފަށާއިރު. ގިނަ ރަށްރަށުގަ އަދި އެ އިންތިޒާމު ހަމަޖެހިފަ ނެތް./
ފާއިޒު
over 2 years ago
މިވެސް ދެން ވާހަކައެއް؟ 75 ރުފިޔާއަށް ދަތުރުކުރެވެނީ އެންމެ އަތޮޅެއްގަ. ބާކީ 19 އަތޮޅުގެ ރައްޔިތުންނަށް އޮތީ ބޮޑުއަގުދީފަ ލޯންޗުހިފުން ނޫނީ ދޯނިފެރީގަ ގަނަތެޅުން
އުމަރު
over 2 years ago
މުޅި ރާއްޖެއަށް ދަތުރުފަތުރު ނުފެށެންޏާ ތިޔަކު ހަގީގީ މޮޅެއް ނެތް. ދެކުނުގަ ހުރި މީހާއަށް އެންމެ އުތުރަށް ދަތުރުކޮށްލެވޭނޭ ރޫޓެއް ލިބުނީމަ ކަމެއް ކުރެވުނުކަމަށް ވާނީ
ހުސެން ފާރޫގު
over 2 years ago
އުމަރު، މިންވަރަށް އީމާންވާން ދަސްކުރޭ! ހުރިހާ މޮޅެއް ވަގުތުން ވަގުތަކަށް ނުލިބޭނެ! ޝުކުރުވެރިވޭ!
ނާޒް
over 2 years ago
މީކީ އާ ކަމެއް ނޫން. 2011 ވަނަ އަހަރު އޮތީ މުޅި ރާއްޖޭގަ ދަތުރުފަތުރު ފެށިފަ. އޭގެ ފަހުން އައި ސަރުކާރުތަކުން އެކަން ހުއްޓާލީމަ ހުއްޓިފަ އެއޮތީ. މި ސަރުކާރަށް ލިބޭނެ މާބޮޑު ތައުރީފެއް ތިކަމުގަ ނެތް. ތީ ނަޝީދުގެ ދުރުވިސްނުން.
ހުސެން ފާރޫގު
over 2 years ago
2011 ވަނަ އަހަރު ކެނެރީ ސޮރު އައިސް ފެށީ ދަތުރުފަތުރުގެ ނަމުގައި ލޮލުގައި އަނދުއަޅުވައި ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ދަތުރުފަތުރުގެ ނިޒާމު. ނާޒް މެން އަދި ޅަ ވީމަ ނޭނގެނީ
ޝުއައިބު
over 2 years ago
އެމްޓީސީސީއިން ލާރިދީގެން ލިޔުއްވާފަ އޮތް އާޓިކަލްއަކާ ވައްތަރީ.
އައިޝާ
over 2 years ago
ހަމައެކަނި އަގު ހެޔޮ ވާހަކަ ކިޔައިދިނުމުގެ ބަދަލުގަ ފެރީ ދަތުރުކުރާ ރޫޓާއި ޝެޑިއުލް ހިމަނާލިނަމަ ރަނގަޅު މައުލޫމާތަކަށްވީސް. އެޕް ޑައުްލޯޑު ކުރެވޭނެ ލިންކުވެސް
އޯކޭ
over 2 years ago
ހތތޕސ://ރތލ.މވ/ ލިންކުންގެ ތިރިން އެޕްސްޓޯ އަދި ޕްލޭސްޓޯ ގެ ލިންކްވެސް އިންނާނެ.
ސާރާ
over 2 years ago
ބަލާލަން ބޭނުންވާ ރަށްތައް އެބަހުރި. ދާހިތްވެސްވޭ. މުޅި ރާއްޖޭގަ މިގޮތަށް ދަތުރުފަތުރު ފެށިއްޖެނަމަ ލޯކަލް ޓޫރިޒަމް ފުޅާވެގެންދާނެ. މިހާރު ރާއްޖޭގެ ރަށަކަށް ދިއުމަށްވުރެ ތުރުކީއަށް ދިޔުންވެސް ފަސޭހަ
ލައިލާ
over 2 years ago
މުޅި ރާއްޖެއަށް މި ނިޒާމު ފުޅާކޮށްގެން ނޫން ގޮތަކަށް ހަގީގީ ތަރައްގީއެއް ނުފެންނާނެ.
އަފްޒަލް
over 2 years ago
މިއޮތް ބޮޑު ހުވަދު އަތޮިޅުގެ ރަށްތަކަށް ދަތުރުކުރަންޖެހެނީ ފެރީ ދޯންޏެއްގަ. އެކި ރަށްރަށުގަ ޖައްސަމުންދާއިރު މުޅި ދުވަހެއް އެކަމަށް ހޭދަވޭ.
އިބޫ
over 2 years ago
އެންމެ ބޮޑު އަތޮޅަކީ ހުވަދުއަތޮޅު. މި އަތޮޅުގަ ދަތުުފަތުރު ނުފެށި އޮތުމަކީ ބޭއިންސާފެއް
ހަމްޒާ
over 2 years ago
ކޮން އިރަކުންހޭ ދެކުނުގެ އަތޮޅުތަކަށް ދަތުރުފަތުރު ފަށަނީ
އަލީ
over 2 years ago
ހަގީގަތަކީ ދަތުރުފަތުރަކީ އިގުތިސާދަށް އެންމެ މުހިންމު ރުކުންކަން. އެކަން ރަނގަޅަށް ކޮށްދޭކަށް އެއްވެސް ސަރުކާރަކުން ނޫޅޭ. އެ ކިޔާ ރަށުބަންދުން ވީއްލިގެން ނޫންގޮތަކަށް ތަރައްގީއެއް ނާންނާނެ.
ހުސޭނު
over 2 years ago
ދަތުރުފަތުރަކީ ހަމައެކަނި ހއ އާ ހދ އަށް އޮތް ހައްގެއްތަ.
ހަމީދު
over 2 years ago
ތިޔަ އަގު ވަރަށް ރަނގަޅު.
މާހިރު އާދަނު
over 2 years ago
ކަލޯ ސްޕީޑް ކޮހާވަރެއް؟؟ މުޅި އެތި ކިޔާނިމުން އިރު ވެސް ހުސް އަގު ކުޑަވާހަކަ؟؟
މޮޅޭ
over 2 years ago
ސްޕީޑް ބުނެފިއްޔާ ވަކި އެނގޭނެތަ ކިހާ އަވަހަކަށްކަން ދެވެނީ؟
Comment