Advertisement

މަޖީދިއްޔާ ކްލާސް 88: ފުރާވަރުން ފެށުނު އެކުވެރިކަން މެދުއުމުރަށް

24 ޖުލައި 2022 - 09:20 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މަޖީދިއްޔާ ކްލާސް 88: ފުރާވަރުން ފެށުނު އެކުވެރިކަން މެދުއުމުރަށް

24 ޖުލައި 2022 - 09:20 1

ނަވާރަސަތޭކަ އަށްޑިހަ އަށެއްގެ ކުރީކޮޅަށް ލައްވާލި އެ އަހަރުގެ އިންޓަސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބައްދަލުކުރީ އޭރުގެ ސްކޫލް ފުޓްބޯޅައިގެ އެންމެ ވާދަވެރި ދެ ޖަޔަންޓުންނެވެ. މަޖީދިއްޔާ ސްކޫލު އެއްކޮޅުގައި، އަނެއް ކޮޅުން ހަމަލާއަށް ހުށިޔާރުވެ އޮތް އިންގްލިޝް އެންޑް ޕްރިޕަރޭޓަރީ ސްކޫލްގެ ޓީމު ދަނޑު މެދަށް ބެހިލައި، ބޯޅަ ކޮއްޓާލުމާއެކު ގަލޮޅު ސްޓޭޑިއަމް ފޯރީގައި ކެކި އަރައިގަތެވެ. އެއީ ޒަމާނީ ބައިބައިވުމުގެ އަސަރެއް ނެތް، ކުޅިވަރުގެ ފޯރި ގަދަ މައިދާނެކެވެ. ބަލިވުން ވެސް ހިތްވަރަކަށް ބަދަލުކޮށްލާ ވަރުގެ ތަހުޒީބީ ވާދަވެރި ކަމެކެވެ. ދެ ޓީމު، އެއް ޖޯޝެއްގައި ކުޅެ، ދެވަނަ ހާފް ނިމުނުއިރު ކުރީގައި އޮތީ މަޖީދިއްޔާ އެވެ. އީޕީއެސް ކޮޅަށް ތިން ގޯލު ޖަހައިގެންނެވެ. އީޕީއެސް އަށް ޖެހުނީ އެންމެ ގޯލެކެވެ. އަށްޑިހައަށެއް ވީ ފުޓުބޯޅާގައި މަޖީދިއްޔާ ފަހުރުވެރިކޮށްދިން މޮޅު ފަހަރަކަށެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް، އޭނާ ސްކޫލް ނިންމި ބެޗް، "މަޖީދިއްޔާ ކްލާސް 88" ގެ ހަނދާންތަކާއި މާހައުލު އޭރު އޮތްގޮތް ސިފަކޮށްދެއްވި އިރު މިފަދަ ކިތަންމެ އުސްއައްޔެއްގައި ބޮޅު އަޅައިދެއްވި އެވެ.

1988 ވަނަ އަހަރުގެ އިންޓަ ސްކޫލް ފޫޓްބޯޅަ ޗެމްޕިއަންޝިޕްގެ ބައިވެރިން: ފެންނަ ބައިވެރިންގެ ތެރޭގައި އިބްރާހިމް ކަލީމް، އިމްތިޔާޒް، އަލީ ހުޒައިމް، އަޝަރް ވަހީދު، މޫސާ ހަލީމް، ޝަހީލް ޖަލީލް، އަލީ ހާލިދު، އަރީފް، ރާޝިދު އަދި ނިޔާޒް ހިމެނޭ


ފުޓްބޯޅަ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް، ގަރުނެއް ފުރިހަމަވާން ގާތްވެފައިވާ މަޖީދިއްޔާގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވުނު ސައިންސް އެގްޒިބިޝަން ބޭއްވީ ވެސް 88 ގަ އެވެ. ހަމަ އެ ބެޗުގެ ދަރިވަރުން 87 ގައި ބައިވެރިވި ގައުމީ ވާހަކަދެއްކުމުގެ މުބާރާތުން ވެސް ސްކޫލަށް ދެ ވަނަ ގެނައެވެ. އަދި ހަމަ އެ އަހަރު ބޭއްވި އިންޓަ-ސްކޫލް ކުރިކެޓް ޖޮއިންޓުގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ.

އެކަމަކު 75 ވަރަކަށް ދަރިވަރުން ހިމެނުނު އެމްސީ-88 ގެ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު ކާމިޔާބަކީ ދެންމެ މި ފާހަގަކުރި ކަންކަމެއް ވެސް ނޫނެވެ.

އެ ބެޗްގެ ދަރިވަރުން ގުރޭޑް 10 ނިންމިތާ މި އަހަރަށް 34 އަހަރު ފުރޭނެ އެވެ. އެ ދަރިވަރުންނަށް 50 އަހަރު ވެދާނެ އެވެ. އެކަމަކު މި ބެޗުގެ ގުޅުމާއި އެ ދަރިވަރުންގެ މެދުގައިވީ އެކުވެރިކަމަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. އެ ގުޅުން ހާއްސަ އެވެ. އެއީ، އަފްއާލް ވިދާޅުވާގޮތުން ނަމަ، އުމުރާ އެކު ވަރުގަދަ ވަމުން، އާރޯވަމުން އަންނަ އުފާވެރި ގުޅުމެކެވެ.

"ސްކޫލް ނިމިގެން ފުދޭވަރަކަށް ގިނަ އަހަރުތަކެއް ވަންދެން އެންމެން އެއްކޮށް ގެއްލުނު. އެއީ ދިރިއުޅުން އާރާސްތުކުރުމުގައި ބިޒީވި އަހަރުތަކެއް. އޭރުގައި ސޯޝަލްމީޑިއާ އެއް ނޯވޭ. އެހެން ހުއްޓައި ވައިބާ އާއި އެކި ޗެޓް ޕްލެޓްފޯމްތައް އައީ. އެހާ ހިސާބުން އެމްސީ-88 ނަމުގައި ވައިބާ ގްރޫޕެއް ހަދައިގެން އެ ގުރޫޕަށް އެންމެން ޖަމާވަމުން ގޮސް މިހާރު ފަސްދޮޅަހަކަށް އެކުވެރިން ގުރޫޕްގައި އެބަތިބި،" އައްފާލް ކިޔައިދެއްވި އެވެ.

އެމްސީ 88 ގެ ބައެއް އެކުވެރިން މި ފަހުން ބޭއްވި އެކުވެރިކަމުގެ މެޗަކަށްފަހު: ދޭތެރެ ދޭތެރެއިން ރަހުމަތްތެރިކަން ބަދަހިކުރުމަަށް ތަފާތު ހަރަކާތްތައް ބާއްވާ.


ރައްޓެހިކަން، ގައުމަށް ހިދުމަތްކުރުމުގެ އަޒުމް

މަޖީދިއްޔާ ސްކޫލުގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި މޭ މަހުގެ 13 އިން 17 އަށް ބޭއްވި ދުވުމުގައި އެމްސީ-88 ގެ އެކުވެރިން ބައިވެރިވި އެވެ. ދުވުން ނިންމާލުމަށްފަހު އެކުވެރިންގެ ފަހުރުގައި މުހައްމަދު އާސިފް (މޮންދު) ހާއްސަ ޝުއޫރެއް ފާޅުކުރެއްވި އެވެ.

އެމްސީ-88 ގެ ދަރިވަރު، އަދި ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބަކާރު، މުހައްމަދު އާސިފް މޮންދު: މި ފޮޓޯގައި ގިޓާ އެއް ހިފަހައްޓައިގެން ހުރި މޮންދު އަކީ އޭރު މަޖީދިއްޔާގައި އުފެދުނު ތުރީ ޕީސް ބޭންޑްގެ ބޭސް ގިޓަރިސްޓް.


"ގަބޫލުކުރާ ތަފާތު ވިސްނުންތަކަކާއި ސިޔާސީ ފިކުރުތަކެއް ހުއްޓަސް، ހަގީގީ ރަހުމަތްތެރިންގެ ތެރޭގައި ދުޅަހެޔޮ ވާހަކަތައް ދެކެވެންވާނެ. އެމްސީ-88 އަކީ އެފަދަ އެކުވެރި ގުރޫޕެއް. 88 ގެ ބެޗްގައި ތިބީ އެކި ދާއިރާތަކުން އެކި އިސް މަގާމުތަކުގައި ތިބި މީހުން. ބޭނުންވަނީ އެމްސީ-88 އަކީ ހަމައެކަނި އެކުގައި މަޖާ ކަންކަން ކޮށްލާ ރައްޓެހިންތަކެއްގެ ގޮތުގައި އަބަދު ތިބުމުގެ ބަދަލުގައި އިލްމާއި ތަޖުރިބާ ބޭނުންކޮށްގެން ގައުމަށް ފައިދާ ހުރި ކަންކަން ކުރާ ބަޔަކަށް ވާން."

1987 ގައި މަޖީދިއްޔާގައި ބޭއްވި ސައިންސް އެގްޒިބިޝަންގެ ތެރެއިން


މިސާލަކަށް ދެއްކެވީ ޕެންޑެމިކްގެ ތެރޭގައި އެކުވެރިން އިސްނަގައިގެން އިޖުތިމާއީ ހިދުމަތްތަކެއް ޕްލޭންކޮށް، ހިދުމަތުގައި އުޅުނު ގާތްކަމެވެ. މެދު އުމުރަށް ދާއިރު، އެފަދަ ހިޔާލުތަކަށް ސަޕޯޓްކުރާ އެކުވެރި ގުޅުމެއް އޮތުމުގެ އިހުސާސް މޮންދު ފާޅުކުރެއްވި އެވެ.


ރައްޓެހިންނާއެކު އުމުރުގެ ފަހަތަށް ދެވުމުގެ އުފާ

ފުރާވަރުގެ ރަހުމަތްތެރިންނާ އެކު އުމުރުގެ ބޮޑު ބައެއް ހޭދަކުރަން ލިބުމުގެ އުފާ އައްފާލް ސިފަކުރަނީ ބުނެދޭން ދަތި އުފާވެރި އިހުސާސެއްގެ ގޮތުގަ އެވެ. މިހާރުވެސް އެކަކު އަނެކަކަށް ދިމާވާ ދަތީގައި އެހީތެރިވެ، ހިޔާލުދީ އެކަކު އަނެކަކުގެ ކަންތައްތަކުގައި އަނެކަކުގެ ބައިވެރިވުން ހިމެނި، ކުރީގެ ރަހުމަތްތެރިކަން ވަރަށް ބޮޑަށް އިއާދަ ވުމުގެ އުފާ އޭނާ އަށް އެބަ އޮތެވެ.

އެންމެންނަށް ވެސް އުފާވެރިކަން ލިބޭ އެ ގްރޫޕް އޮންނާތީ. މިސާލަކަށް ކޮންމެ ދެމަހަކުން ތިން މަހަކުން އެންމެން ދިމާވެލައި އުފާވެރި ވަގުތުކޮޅެއް އެބަ ހޭދުކޮށްލަން،" އަފްއާލް ހިއްސާކުރެއްވި އެވެ.

"އަމުދުން ވަރަށް އުފާވޭ އަހަރެމެންގެ ދަރިން ބޮޑެތިވަމުން އަންނައިރު އަހަރެމެންގެ ދަރިންނަށް ދޭންޖެހޭ ނަސޭހަތްތަކާއި، މިހާރު ބޮޑެތިވަމުން އަންނަ ކުދިންނަށް އަހަރެމެންގެ ފަރާތުން ހެޔޮ މިސާލު ދެއްކުމާއި މިކަހަލަ ކަންކަން އެކުވެރިންގެ ސަބަބުން މަގުފަހިވާތީ."

ގާތްގަނޑަކަށް ސާޅީހަކަށް އަހަރުގެ އެކުވެރިކަމަށް ފެންދީ ތާޒާކޮށް ބޭވުމުގެ މިފަދަ ކިތަންމެ އުފަލެއް އެމްސީ 88 އިން އެކު އެކީގައި އެދަނީ ތަޖުރިބާ ކުރަމުންނެވެ. އެ ބެޗްގައި ކިޔަވައި ނިންމި ގިނަ ދަރިވަރުން މިއަދު ތިބީ އެކި ދާއިރާތަކުގެ މަތީ މަގާމު ތަކުގަ އެވެ. ރަހުމަތްތެރިންގެ ކާމިޔާބީ އާއި ދިރިއުޅުމުގެ އުފަލާއި ދަތީގައި ހިއްސާވެ، އުމުރު ހޭދަކުރުމުގެ ހިތްހަމަޖެހުމެވެ. އެންމެ އެކަނިވާ ދުވަހު އެކުގައި ހީ ސަމާސާކޮށް އިހުސާސްތައް ޖެހިލުމެއްނެތި ކިޔައިދޭނެ މީހުން ގާތުގައި ތިބޭނެ ކަމުގެ ޔަގީންކަމެވެ.