15 އޭޕްރީލް 2025 - 04:13 0
15 އޭޕްރީލް 2025 - 04:13 0
ލަކްނައު، އިންޑިއާ (އޭޕްރީލް 15) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުން ފަސް ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް، ޗެންނާއި ސުޕަ ކިންގްސްގެ ބަލިވުމުގެ ސިލްސިލާ އަށް ނިމުން އަތުވެއްޖެ އެވެ.
ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދި ޗެންނާއި އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މުމްބާއި އިންޑިއަންސް ބަލިކުރި އެވެ. އެކަމަކު، އޭގެ ފަހުން ކުޅުނު ފަސް މެޗުން ޗެންނާއި ބަލިވިއިރު، މިއީ އައިޕީއެލްގެ 18 އަހަރުވީ ތާރީހުގައި އެ ޓީމަށް އެ ވަރުގެ ވެއްޓުމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
ރަށުންބޭރުގައި ރޭ ޗެންނާއި އިން މޮޅުވިއިރު، އެ ޓީމަަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ، 43 އަހަރުގެ މަހިންދުރަ ސިންގް ދޯނީ އެވެ. އޭނާ ކުޅެން އެރިއިރު، ޗެންނާއި އަށް މޮޅުވާން ބޭނުންވަނީ 56 ލަނޑެވެ. ފަހު ފަސް އޯވަރުގެ ތެރޭގައި، ދޯނީ ކުޅެން ނުކުމެ، ނުބައިނުވެ، 11 ބޯޅައިން 26 ލަނޑު ހެދި އެވެ. މިއީ، މި ފަހަރުގެ އައިޕީއެލްގައި ދޯނީގެ އެންމެ ރަނގަޅު ކުޅުން ފެނުނު މެޗެވެ.
އެކާނާ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ޗެންނާއި އިން ނިންމީ ހޮވާށެވެ. ލަކްނައު އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 166 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 49 ބޯޅައިން 63 ލަނޑު ހެދި ރިޝަބް ޕާންޓް އެވެ. އެ ޓީމުގެ މިޗެެލް މާޝް، 25 ބޯޅައިން 30 ލަނޑު ހެދި މި އިނިންސްގައި، ޗެންނާއިގެ ރަވިންދުރަ ޖަދޭޖާ އާއި މަތީޝާ ޕަތިރާނާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ޗެންނާއި އިން މޮޅުވީ، 19.3 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން، 168 ލަނޑު ހަދައިގެންނެވެ. ޗެންނާއި ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 37 ބޯޅައިން 43 ލަނޑު ހެދި ޝިވަބް ދޫބޭ އެެވެ.
ރޭގެ މެޗުން މޮޅުވެގެން، ތާވަލުގެ ކުރިއަށް އެރުމުގެ ފުރުސަތު އޮތް ލަކްނައު ބަލިވުމުން އޮތީ ހަތަރު ވަނައިގަ އެވެ. ޗެންނާއި އަދިވެސް އޮތީ 10 ޓީމު ވާދަކުރާ އައިޕީއެލްގެ އެންމެ ފުލުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment