14 އޭޕްރީލް 2025 - 10:20 0
14 އޭޕްރީލް 2025 - 10:20 0
ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 14) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ 12 ލަނޑުން ދިއްލީ ކެޕިޓަލްސްގެ މައްޗަށް މުމްބާއި އިންޑިއަންސް އިން ވަނީ ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ދިއްލީން މި ފަހަރުގެ އައިޕީއެލްގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އަތުވެފަ އެވެ. މި މެޗުން މޮޅުވެ، މުމްބާއި އިންޑިއަންސް އިން ވެސް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރެއް ހޯދައިފަ އެވެ. ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފައިވާ މުމްބާއި އަށް ހަ މެޗު ކުޅުނުއިރު، ލިބުނީ ދެ މޮޅެވެ.
އަރުން ޖެޓްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ދިއްލީން ނިންމީ ހޮވާށެވެ. މުމްބާއި އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. މުމްބާއި އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ބޯޅައިން 59 ލަނޑު ހެދި ތިލަކް ވަރްމާ އެވެ. އެ ޓީމުގެ ރޯހިތު ޝަރްމާ 18 ލަނޑަށް ނުބައިވިއިރު، ރިޔާން ރިކެލްޓަން، 41 ލަނޑު އަދި ސޫރްޔަކުމާރު ޔާދަވް ވަނީ 40 ލަނޑު ހަދައިފަ އެވެ.
މި އިނިންސްގައި ދިއްލީގެ ވިޕްރާޖު ނިގަމް އާއި ކުލްދީޕު ޔާދަވް، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ދިއްލީން 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިިވިއިރު، ހެދުނީ 193 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 40 ބޯޅައިން 89 ލަނޑު ހެދި ކަރުން ނާޔަރު އެވެ. މި އިނިންގްސްގައި މުމްބާއިގެ ކާން ޝަރްމާ ތިން ވިކެޓް ނެގިއިރު، މިޗެލް ސެޓްނާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
މި ނަތީޖާއާ އެކު، ދިއްލީ އޮތީ އައިޕީއެލްގެ ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތީ އިއްޔެ ރާޖަސްތާން ރޯޔަލްސް އަތުން ނުވަ ވިކެޓުން މޮޅުވި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ.
އެއް ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް، ދެ ވަނައިގައި އޮތް ދިއްލީ، ތިން ވަނައިގައި އޮތް ބެންގަލޫރު އަދި ހަތަރެއްގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ދިއްލީ ނޫން އަނެއް ތިން ޓީމުން ވެސް ވަނީ ހަ މެޗު ކުޅެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment