ޑިއާޒް ހޯދަން ނަސްރުން މަސައްކަތް ކުރަނީ

14 އޭޕްރީލް 2025 - 05:49 0


ޑިއާޒް ހޯދަން ނަސްރުން މަސައްކަތް ކުރަނީ

14 އޭޕްރީލް 2025 - 05:49 0

ރިޔާދް، ސައުދި އަރަބިއްޔާ (އޭޕްރީލް 14) - އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް ހޯދަން ސައުދީގެ ކްލަބް އަލް ނަސްރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ޓްރާންސްފާ މާކެޓަށް ނަސްރުން އެ ޓީމުގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންގެ ސޮއި ހޯދަން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރު ކެވިން ޑި ބްރޭނާ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ނަސްރުން އަންނަ ޓްރާންސްފާ މާކެޓުގައި ހޯދަން އެންމެ ބޭނުންވާ އެއް ކުޅުންތެރިޔަކީ ލިވަޕޫލަށް ކުޅެމުން އަންނަ ޑިއާޒް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕޯޗުގަލްގެ ޕޯޓޯއިން ލިވަޕޫލަށް ޑިއާޒް ބަދަލުވީ 2022 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންވެ އޭނާގެ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އެބައޮތެވެ. އެކަމަކު، މި ސީޒަނަށް ފަހު ޑިއާޒް ދޫކޮށްލަން ލިވަޕޫލުން ވެސް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

ރަނގަޅު އަގެއްގައި ޑިއާޒް ވިއްކާލުމަށް ލިވަޕޫލުން އޮތީ ތައްޔާރަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޑިއާޒްގެ ސޮއި ހޯދަން 70 މިލިއަން ޑޮލަރު ހަރަދުކުރަން ނަސްރުން އޮތީ ތައްޔާރަށެވެ. ޑިއާޒް ގަތުމަށް ބާސެލޯނާ އިން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑިއާޒްގެ ސޮއި ހޯދަން ނަސްރުން މަސައްކަތް ކުރާއިރު، ސައުދީގެ އަލް އަހުލީ އިން ވަނީ މި ފަހުން ރެއާލްގެ ތަރި ވިނީޝިއުސް ޖޫނިއާ ހޯދަން ބޮޑު އަގެއް ހުށަހަޅައިފަ އެވެ.