13 އޭޕްރީލް 2025 - 15:10 0
އަހުމަދު އާއިދު
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު: އޭނާގެ އިތުރުން އިމިގްރޭޝަންގެ ބައެއް އެހެން މުވައްޒަފުން ވެސް ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައި --- ފޮޓޯ: އިމިގްރޭޝަން
13 އޭޕްރީލް 2025 - 15:10 0
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ދާދިފަހުން ވަކިކުރި މުހައްމަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލާގެ ތުހުމަތުގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އެޕްރީލް 6، ގަ އެވެ.
އޭނާގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.
މިއީ އޭނާގެ ބަންދާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ދެވަނަ މައްސަލަ އެވެ. އެގޮތުން ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖެހި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އެ ކޯޓުގެ އިސްތިއުނާފު ކުރެވޭނެ ކަމަށް ފަހުން ނިންމި އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment