13 އޭޕްރީލް 2025 - 03:20 0
13 އޭޕްރީލް 2025 - 03:20 0
މިއުނިކް (އޭޕްރީލް 13) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ރޭގެ ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް ބަޔާން އަށް 29 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ރޭ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި 0-0 އިން ޔޫނިއަން ބާލިންއާ އެއްވަރުވެފަ އެވެ. ލެވަކޫސަން އަށް 29 މެޗުން ލިބިފައިވަނީ، 63 ޕޮއިންޓެވެ.
ބަޔާންގެ އަލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. އެކަަމަކު، ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ ޑޯޓްމަންޑުން ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި، ޑޯޓްމަންޑްގެ މި ގޯލު ޖެހީ މެކްސިމިލިއަން ބައިއާ އެވެ. މިއީ، ރިޔާސަން ދިން ބޯޅައަކުން ބައިއާ ޖެހި ގޯލެކެވެ.
ގޯލެއް ޖެހޭތޯ ބަޔާނުން ކުރި މަސައްކަތުގެ ތެރޭގައި ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި، އެ ޓީމުން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، މެޗުގެ 65 ވަނަ މިނިޓްގައި، ބަޔާނުން އެއްވަރުކުރި ގޯލު ޖެހީ ކުރިން ޑޯޓްމަންޑަށް ކުޅުނު ފުލްބެކް، ރަފައެލް ގަރޭރޯ އެވެ. އެ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން، ބަޔާނަށް ލީޑުނަގައިދިން ގޯލު ޖެހީ ޖޯސިފް ސްޓަނިސިޗް ދިން ބޯޅައަކުން ސާޖް ގްނާބްރީ އެވެ.
ބަޔާނުން ނަތީޖާ އަނބުރާލި ނަމަވެސް، ޑޯޓްމަންޑުން ފަަހަތަށް ޖެހިގެން މާ ގިނައިރު ނުތިބެ، ކުރި އެޓޭކެއްގައި ގޯލު ޖަހައި އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ، މެޗުގެ 75 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ފަހަތަށް ކުޅޭ، ވޯލްޑެމާ އެންޓޮން އެވެ.
މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބިގެންދިޔަ އެެެވެ. އެ ގޮތުން، ޑޯޓްމަންޑްގެ ޕަސްކާލް ގްރޮސް އާއި ބަޔާންގެ މައިކަލް އޮލީސޭ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭގޮތެއްނުވެ، މެޗު އެއްވަރުވެގެން ނިމުނީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment