ތަހުގީގުގެ ފަހު އަޑުއެހުމަށް މަހާޒް އާއި އަޒްމިރާލްދާ މާދަން ޖޭއެސްސީއަށް ހާޒިރު ކުރަނީ

12 އޭޕްރީލް 2025 - 09:29 0

މުހައްމަދު ޝަހްޒާން

މ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު؛ އެ ދެ ބޭފުޅުން ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުން -- ފޮޓޯ: އަދަދު


ތަހުގީގުގެ ފަހު އަޑުއެހުމަށް މަހާޒް އާއި އަޒްމިރާލްދާ މާދަން ޖޭއެސްސީއަށް ހާޒިރު ކުރަނީ

12 އޭޕްރީލް 2025 - 09:29 0

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ފަހު އަޑުއެހުމަށް އެ ދެ ފަނޑިޔާރުން މާދަމާ ހާޒިރުވުމަށް އަންގައިފި އެވެ.

ޖޭއެސްސީއަށް ހާޒިރުވުމަށް އަޒްމިރާލްދާއަށް އަންގާފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ. މަހާޒް އަށް އަންގާފައި ވަނީ 12:00 އަށެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުރަނީ އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އެ ދެ ބޭފުޅުންގެ ބަޔާން ވެސް ޖޭއެސްސީން ވަނީ ނަގައިފަ އެވެ.

އޭގެއިތުރުން މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވި މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ.

މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑު ކުރި އެވެ. ސަސްޕެންޑު ކުރުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ފާޑުކިޔުން އަމާޒުވުމުން ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހުސްނުއްސުއޫދުގެ އިތުރުން އަޒްމިރާލްދާ ވަނީ އދ. އަށް ހުށަހަޅުއްވާފަ އެވެ. އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށެވެ.

ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ވަނީ އައްޔަނުކޮށްފަ އެވެ. އަދި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރާ މެންބަރަކަށް ވެސް އޭނާ ވަނީ ހަމަޖައްސާފަ އެވެ.