12 އޭޕްރީލް 2025 - 07:27 0
12 އޭޕްރީލް 2025 - 07:27 0
ޗެންނާއި، އިންޑިއާ (އޭޕްރީލް 12) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ކަލްކަތާ ނައިޓް ރައިޑާސް އަތުން އަށް ވިކެޓުން ބަލިވެ، އައިޕީއެލްގެ ތާރީހުގައި ޗެންނާއި ސުޕަ ކިންގްސް ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ފަސް މެޗުން ބަލިވެއްޖެ އެވެ.
މިއީ، އައިޕީއެލްގެ 18 އަހަރުވީ ތާރީހުގައި ވެސް، ޗެންނާއި ޖެހިޖެހިގެން ފަސް މެޗުން ބަލިވެ، މި ވަރުގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި، ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޗެންނާއި އަށް ރޭގެ މެޗަކީ ހާއްސަކޮށް ދަށް ދުވަހެކެވެ.
ޗެންނާއިގެ ޗިދަމްބްރަމް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ކަލްކަތާ އަށް ޓޮސް ދިމާވުމުން އެ ޓީމުން ހޮވަން ނިންމިއިރު، ޗެންނާއި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ލެޖެންޑަރީ، ކުޅުންތެރިޔާ، މަހިންދުރަ ސިންގް ދޯނީގެ ކެޕްޓަންކަމުގައި ކުޅުނު ޗެންނާއި އަށް ރޭގެ މެޗުގައި އެންމެ ބޮޑު ސްކޯއެއް ހަދައިދިނީ، 29 ބޯޅައިން 31 ލަނޑު ހެދި، ޝިވަމް ދޫބޭ އެވެ. ދޯނީ ނުބައިވީ ހަތަރު ބޯޅައިން އެއް ލަނޑަށެވެ.
މި އިނިންގްސްގައި، ކަލްކަތާގެ ސުނިލް ނާރައިން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ކަލްކަތާ އިން މި މެޗުން މޮޅުވީ ޖަވާބުގައި ކުޅެން އަރައި، 10.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 107 ލަނޑު ހަދައިގެންނެވެ. ކަލްކަތާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 18 ބޯޅައިން 44 ލަނޑު ހެދި ނާރައިން އެވެ.
މި މޮޅާ އެކު، ކަލްކަތާ ވަނީ ހަ މެޗުން ހަ ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަ މެޗުގެ ތެރެއިން ކަލްކަތާ އިން ވަނީ ތިން މެޗުން މޮޅުވެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment