10 އޭޕްރީލް 2025 - 03:25 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ޖަލްސާތަކުގެ ގާނޫނީ އަދަދަކީ ހަފުތާއަކު މަދުވެގެން ތިން ޖަލްސާ -- ފޮޓޯ: މަޖިލިސް
10 އޭޕްރީލް 2025 - 03:25 1
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް އެ އަދަދު ހަމަ ކުރަން އެ މަޖިލީހުން މަސައްކަތެއް ނުކުރި އެވެ.
މި ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހޯމަ ދުވަހު އެކަންޏެވެ. އެ ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަސް ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.
އަދަދު އިން މަޖިލީހުގެ ސެކްރެޓްރިއޭޓަށް އަންގާރަ ދުވަހު ގުޅުމުން ބުނެފައި ވަނީ ޖަލްސާ ނުބާއްވާ ސަބަބު ރިޔާސަތުން ހިއްސާކޮށްފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް ހަފުތާގެ ބާކީ ދުވަސްތަކުގައި ވެސް ޖަލްސާ ބާއްވަން ގާނޫނީ ގޮތުން ހުރަހެއް ނެތެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރޯދަ މަހުގެ ފަހު 10 ގައި އެ މަޖިލިސް ޗުއްޓީއަށް ދިޔަ ފަހުން ބޭއްވި ފުރަތަމަ ޖަލްސާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހެ އެވެ. އެހެންކަމުން ޖަލްސާ ބާއްވަންޖެހޭ ގާނޫނީ އަދަދު ދެން ހަމަ ކުރެވޭނީ ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ޖަލްސާއެއް ބާއްވައިގެންނެވެ.
މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހު އާންމު ކުރަންޖެހެ އެވެ. ނަމަވެސް އެފަދަ ކަލެންޑަރެއް މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ.
ގާނޫނީ އަދަދު ހަމަވާ މިންވަރަށް ވެސް މި ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވިއިރު، ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހުށަހަޅާފައި ވަނީ ވަރަށް މަދު ބިލެކެވެ.
"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވާނެވަރު
10 days ago
ތިޔަ މަޖިލިސް އުވާލާ، ރައްޔިތުންނަށް ބުރައަކަށްވެއްޖެ ތިޔަ މަޖިލިހުގެ ސަބަބުން. މެންބަރުގެ ކިބައިގައި ގައުމަށާއި، ރައްޔިތުންނަށް އެއްވެސް އިޚްލާސްތެރިކަމެއްނެތް. ތީ އަމިއްލަ އެދުމުން ފޯވެފައިވާ ބައެއް.
Comment