މެކް އަލިސްޓާ ބުނަނީ ލިވަޕޫލުން ތަށި ޔަގީންނުކުރާ ކަމަށް

9 އޭޕްރީލް 2025 - 02:25 0


މެކް އަލިސްޓާ ބުނަނީ ލިވަޕޫލުން ތަށި ޔަގީންނުކުރާ ކަމަށް

9 އޭޕްރީލް 2025 - 02:25 0

ލިވަޕޫލް (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން އަދި ޔަގީން ނުކުރާ ކަމަށާއި ބާކީ ހުރި މެޗުތަކުގައި ވެސް ފަރުވާ ބަހައްޓައިގެން ކުޅެން ޖެހޭ ކަމަށް ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ ބުނެފި އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން މި ހަފްތާގައި ކުޅުނު މެޗުން 3-2 އިން ފުލަމް އަތްދަށުވިއިރު، މިއީ 26 މެޗަށް ފަހު އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. ލިވަޕޫލް، މި ވަގުުތު އެއް ވަނައިގައި އޮތީ 31 މެޗުން 73 ޕޮއިންޓާ އެކު އެވެ. ލީގުގައި ބާކީ އޮތް ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެން، ލިވަޕޫލަށް ޗެމްޕިއަންކަން ހޯދޭނެ އެވެ.

އިނގިރޭސި މީޑިއާގައި ދެކެވުނު އެއް ވާހަކަ އަކީ، ލިވަޕޫލުން ލީގުގެ އެއް ވަނަ ޔަގީންކޮށްގެން ހުރުމުން، އަމިއްލަ އަށް ގިނަ ގޯސްތަކެއް ހެދޭ ކަމަށެވެ. އެކަމާ ބެހޭގޮތުން، ސުވާލުކުރުމުން މެކް އަލިސްޓާ ބުނީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނެފާނެ ޕްރިމިއާ ލީގު މި އޮތީ ނިމިފައޭ. އެކަމަކު، (ލިވަޕޫލްގެ) ޑްރެސިން ރޫމުގައި ހުރި އެއްވެސް މީހަކު އެކަމެއް ގަބޫލެއް ނުކުރާނެ. އަހަރެމެން އަދިވެސް އެބަހުރި ގިނަ މެޗުތަކެއް ކުޅެން. އެ މެޗުތަކުގައި ވެސް ރަނގަޅަށް މަސައްކަތްކޮށްގެން ލީގު ހޯދޭނީ،" މެކް އަލިސްޓާ ބުންޏެވެ.

ބްރައިޓަން އަށް ކުރިން ކުޅުނު މެކް އަލިސްޓާ ބުނީ، ޕްރިމިއާ ލީގު ކަހަލަ އުނދަގޫ ލީގެއްގައި އެއްވެސް ނަތީޖާ އަކީ މެޗެއް ކުޅުމުގެ ކުރިން ޔަގީން ކަމެއް ނޫން ކަމަށެވެ. އަދި، މި ލީގުގެ މެޗެއްގައި ކޮންމެ ޓީމެއް ވެސް ވާދަކުރަނީ ކޮންމެވެސް ކަމެއް ހާސިލްކުރުމަށް ކަމަށްވާއިރު، އެންމެ މުހިންމު ކަމަކީ ފޯކަސް ބަަަހައްޓައިގެން ވީ އެންމެ ރަނގަޅަށް ކުުޅުން ކަމަށް މެކް އަލިސްޓާ ވަނީ ބުނެފަ އެވެ.

ލީގުގައި ދެން އެންމެ އަވަހަށް ލިވަޕޫލުން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑްއާ އެވެ.