2 އޭޕްރީލް 2025 - 05:03 0
އަހުމަދު ދާއޫދު
2 އޭޕްރީލް 2025 - 05:03 0
ރޮކްސްޓާ ގޭމްސްގެ އެންމެ މަގުބޫލު ސީރީޒް ކަމަށްވާ ގްރޭންޑް ތެފްޓް އޯޓޯގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ ގްރޭންޑް ތެފްޓް އޯޓޯ 6 (ޖީޓީއޭ 6)ގެ ތަފުސީލުތައް، ގޭމް ނެރުމުގެ މާކުރިން ހާމަނުކުރާން ރޮކްސްޓާ ގޭމްސްގެ މައި ކުންފުނި ކަމަށްވާ ޓޭކް-ޓޫ އިން ނިންމައިފިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހު ގްރޭންޑް ތެފްޓް އޯޓޯ 6 ގެ ފުރަތަމަ ޓްރެއިލާ ދެއްކުމަށްފަހު، ރޮކްސްޓާ ގޭމްސްއިން މި ގޭމާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ. މި ގޭމް ނެރޭނެ ކަމަށް ކަނޑައަޅާފައި ވަނީ މި އަހަރުގެ ބަހާރު މޫސުމުގައި ކަމަށްވީ ނަމަވެސް، ގިނަ ބަޔަކު މިހާރު ވަނީ މި ގޭމް ނެރޭނެ ތާރީހަކާ މެދު ޝައްކު އުފައްދަން ފަށައިފަ އެވެ.
ބްލޫމްބާގް އަށް ދެއްވި އިންޓަވިއުއެއްގައި ޓޭކް-ޓޫ އިންޓަރެކްޓިވްގެ ސީއީއޯ ސްޓްރޯސް ޒެލްނިކް ވިދާޅުވީ ގްރޭންޑް ތެފްޓް އޯޓޯ 6 އަކީ އޭނާ މިހާތަނަށް ދެކެފައިވާ އެންމެ ބޮޑަށް މީހުން އިންތިޒާރުކުރާ މުނިފޫހިފިލުވުމުގެ އުފެއްދުމެއް ކަމަށެވެ. އަދި މި ގޭމަށް މީހުން ކުރާ އިންތިޒާރާއި ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި، ގޭމްގެ ތަފްސީލުތައް ހާމަކުރާނީ ގޭމް ނެރުމާ ވަރަށް ކައިރިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖީޓީއޭ 6ގެ ފުރަތަމަ ޓްރެއިލަރ
"އަޅުގަނޑުމެންގެ ވާދަވެރިން އެ ބޭފުލުންގެ އުފެއްދުންތައް ނެރޭނެ ތާރީހިުތައް އަހަރުތަކެއް ކުރިން އިޢުލާންކުރޭ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެންމެ ރަނގަޅީ އުފެއްދުން ނެރުމާ ކައިރިވުމުން މާކެޓިންގ މެޓީރިއަލްތައް ނެރުން. އޭރުން މީހުންގެ ޝައުޤުވެރިކަން ދެމެހެއްޓޭނެ،" ޒެލްނިކް ވިދާޅުވިއެވެ.
ޒެލްނިކްގެ މި ބަސްތަކުން ދޭހަވަނީ ރޮކްސްޓާ ގޭމްސްއިން ގަސްތުގައި ގްރޭންޑް ތެފްޓް އޯޓޯ 6 ގެ މަޢުލޫމާތު ހިފަހައްޓަމުންދާކަމެވެ. މިއީ ގޭމަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ. ގިނަ އަހަރުތަކެއްގެ އަޑުއިވުންތަކާއި ލީކްތަކަށްފަހު، ރޮކްސްޓާއިން ގްރޭންޑް ތެފްޓް އޯޓޯ 6 ގެ ފުރަތަމަ ޓްރެއިލަރ ދެއްކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހުއެވެ. ނަމަވެސް، ދެވަނަ ޓްރެއިލަރަކާއި ގޭމް ނެރޭނެ ތާރީޚެއް އަދިވެސް ވަނީ އިޢުލާން ނުކުރެވިއެވެ.
މިއަހަރުގެ ކުރީކޮޅު، ޒެލްނިކް ވިދާޅުވެފައިވަނީ ގްރޭންޑް ތެފްޓް އޯޓޯ 6 ނެރުމަށް ކަނޑައަޅާފައިވާ 2025 ގެ ބަހާރު މޫސުމުގެ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޓޭކް-ޓޫގެ ތިންވަނަ ކުއާޓަރގެ އާމްދަނީގެ ރިޕޯޓު ހުށަހެޅުމަށް ބޭއްވި ބައްދަލުވުމުގައި ޒެލްނިކް ވިދާޅުވީ މި ގޭމް ނެރުމަށް ލަސްވުމެއް ނާންނާނެ ކަމަށެވެ.
ގްރޭންޑް ތެފްޓް އޯޓޯ 6 ނެރުމަށް ހަމަޖެހިފައިވަނީ ޕްލޭސްޓޭޝަން 5 އާއި އެކްސްބޮކްސް ސީރީޒް އެސް/އެކްސް އަށެވެ. މި ގޭމް ހިނގަމުންދާނީ ފްލޮރިޑާއަށް އަމާޒުކޮށްފައިވާ ލިއޮނިޑާ ސްޓޭޓުގައެވެ. އަދި ސީރީޒްގެ މަޝްހޫރު ވައިސް ސިޓީ އަނބުރާ އަންނާނެއެވެ. ފުރަތަމަ ޓްރެއިލަރުން ދޭހަވާ ގޮތުގައި، ގްރޭންޑް ތެފްޓް އޯޓޯ 6 ގައި ދެ މައި ކެރެކްޓަރުން ހިމެނޭނެއެވެ. އޭގެ ތެރެއިން އަންހެން ކެރެކްޓަރަކީ ލޫސިއާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment