ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އަހަރު އަލަށް ރިސޯޓެއް ނުހުޅުވާ ކަމަށް

2 އޭޕްރީލް 2025 - 07:47 0

އަހުމަދު އާއިދު

އ

Advertisement

ރާއްޖޭގެ ރިސޯޓެއް: މިދިޔަ އަހަރު އަލަށް ރިސޯޓެއް ނުހުޅުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ --- ފޮޓޯ: އަދަދު


ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އަހަރު އަލަށް ރިސޯޓެއް ނުހުޅުވާ ކަމަށް

2 އޭޕްރީލް 2025 - 07:47 0

Advertisement

ނިމިދިޔަ އަހަރު ރާއްޖޭގައި އަލަށް އެއްވެސް ރިސޯޓެއް ނުހުޅުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 2024 ގެ ތެރޭ އަލަށް ހުޅުވި ޓޫރިސްޓު ފެސިލިޓީތަކުގެ ތަފުސީލު ހޯދުމަށް މި ނޫހުން ހުށަހެޅުމުން ދިން ޖަވާބުގަ އެވެ.

Advertisement

ޓޫރިސްޓު ފެސިލިޓީތަކުގެ ނަންތަކާއި ކޮޓަރިތަކާއި އެނދުގެ އަދަދު އަދި ރަޖިސްޓްރީ ކުރި ތާރީހުވެސް މިނިސްޓްރީން ހިއްސާކޮށްފައިވެ އެވެ.

މިނިސްޓްރީން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރު އަލަށް ހުޅުވާފައިވަނީ 84 ޓޫރިސްޓު ފެސިލިޓީ އެކެވެ. އޭގެ ތެރޭގައި މުޅިންވެސް ހުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކެވެ. މި ލިސްޓުގައި އެއްވެސް ރިސޯޓެއް ނެތެވެ.

ޓޫރިޒަމް މިނިސްޓްރީން މިހެން ބުނި ނަމަވެސް މި ނޫހުން ހޯދި މައުލޫމާތުން ދެނެގަނެވުނު ގޮތުގައި މިދިޔަ އަހަރު އަލަށް ޖުމްލަ ހަތަރު ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި ކުރިން ހިންގަމުން ދިޔަ ރިސޯޓެއް މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވާފައިވެ އެވެ.

Advertisement

2024 ގައި ހުޅުވި ރިސޯޓުތައް

  • ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް (އދ. ބޮޑުފިނޮޅު) ހުޅުވީ މާޗު 1، 2024 ގައި
  • ސޮނެވާ ސީކްރެޓް (ހދ. ދިއްޕަރުފުށި) ހުޅުވީ މާޗު 7، 2024 ގައި
  • އެންއެޗް މޯލްޑިވްސް ކުޑަ ރަށް ރިސޯޓު (އދ. ކުޑަރަށް) ހުޅުވީ ސެޕްޓެމްބަރު 1، 2024 ގައި
  • ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސް (ކ. ކޮއްދިއްޕަރު ފަޅު) ހުޅުވީ ނޮވެމްބަރު 1، 2024 ގައި

ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ވެލިގަނޑު މޯލްޑިވްސް އެވެ. އެ ރިސޯޓުގައި އަލުން ހިދުމަތް ދޭން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިދުމަތް ދެމުންދާ ރިސޯޓުތަކުގެ އަދަދުވެސް މިދިޔަ އަހަރު ވަނީ ދަށްވެފަ އެވެ. އެގޮތުން ޑިސެމްބަރު 2023 ގައި 176 ރިސޯޓަކުން ހިދުމަތް ދެމުން ދިޔައިރު މިދިޔަ އަހަރު ނިމުނުއިރު ހިދުމަތް ދެމުންދިޔައީ 172 ރިސޯޓެއްގަ އެވެ.

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހުޅުވި މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ ތެރެއިން، މަދުވެގެން %30 ރަށް، މި ފަސް އަހަރުގެ ތެރޭގައި މާކެޓަށް ނެރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޓޫރިޒަމް މިނިސްޓަރުކަމުން މި އަހަރު ކުރީކޮޅު ވަކިކުރި އިބްރާހިމް ފައިސަލް ޖެނުއަރީ 2024 ގައި ވިދާޅުވީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތައް ނުހެދި، ހުއްޓިފައި ހުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އޭރު ތަފާސްހިސާބުތަކުން ދެއްކި ގޮތުން ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ތަރައްގީކުރަމުން ދިޔައީ 88 ރަށެކެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ހުޅުވީ %4.5 ރަށެވެ. ސަރުކާރުގެ އަމާޒަށް ވާސިލް ވުމަށް މި އަހަރު ހިމެނޭހެން ދައުރުގެ ތެރޭ 23 ރިސޯޓެއް ހުޅުވަން ޖެހޭނެ އެވެ.