ލަންޑަން (އޭޕްރީލް 1) - ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު އާސެނަލްގެ ވިންގް، ބުކާޔޯ ސަކާ އެއްކޮށް ފިޓްވެ، މެޗުތަކުގައި ކުޅެން ތައްޔާރު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވި މެޗުގައި، ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރި އެވެ. ރިހެބިލިޓޭޝަން ކަންކަން ވީ އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ފަހު، ތިން މަސް ފަހުން ސަކާ މި ވަގުތު ހުރީ ކުޅުމަށް އެނބުރި އަންނަން ފިޓްކޮށެވެ.
"ބުކާޔޯ ސަކާ ހުރީ ތައްޔާރަށް. ފަރުވާތެރިކަމާ އެކު ބަލަންޖެހޭ ކަންކަމަށް ވިސްނައި ނިމިއްޖެ. މިހާރު މި އޮތީ ވިނަގަނޑު މައްޗަށް މެޗުތަކަށް އޭނަ ދޫކޮށްލައި ދެން ހުރި ކަންކަމަށް އިސްކަން ދިނުން،" އާޓެޓާ ބުންޏެވެ.
އިދިކޮޅު ޓީމުތަކާ ދެކޮޅަށް އާސެނަލުން ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަކީ، ސަކާ ކަމަށާއި އޭނާ ފިޓްވެ، އެނބުރި އައުމަކީ އާސެނަލުން މި ސީޒަނުގެ ފަހުކޮޅުގައި ޓާގެޓްތަކަށް މަސައްކަތް ކުރަން ބަލާއިރު، ލިބުނު ބޮޑު ހިތްވަރެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެެެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލުން ކުޅޭނީ ރެއާލް މެޑްރިޑާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަަނައިގައި އާސެނަލް އޮތްއިރު، އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އާސެނަލުން މިރޭ ޕްރިމިއާ ލީގުގައި، އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭނެ އެވެ. މި މެޗުގައި، ސަކާ ކުޅޭނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment