ބާސެލޯނާ އިން އިނީގޯ މާޓީނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިފި

29 މާރިޗު 2025 - 04:23 0


ބާސެލޯނާ އިން އިނީގޯ މާޓީނޭޒް ކުޅުވީ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިފި

29 މާރިޗު 2025 - 04:23 0

މެޑްރިޑް (މާޗް 29) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި، އޮސަސޫނާއާ ދެކޮޅަށް ސްޕެއިނުގެ ޑިފެންޑަރު، އިނީގޯ މާޓިނޭޒް ކުޅުނީ ފީފާގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޮސަސޫނާ އިން މައްސަލައެއް ހުށަހަޅައިފި އެވެ.

އޮސަސޫނާ އަތުން 3-0 އިން ބާސެލޯނާ މޮޅުވި މެޗުގައި މާޓީނޭޒް ވަނީ ކުޅެފަ އެވެ. އެންމެ ފަހުން، ސްޕެއިން ގައުމީ ޓީމުން ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު މެޗުތަކުގެ ސްކޮޑުން މާޓީނޭޒް ބާކީވީ ކަކުލަށް އަނިޔާވެފައި ކަަމަށް ބުނެ އެވެ.

ފީފާ ގަވާއިދު ބުނާގޮތުން، ގައުމީ ޓީމަށް ނަގާ ކުޅުންތެރިއެއް، އަނިޔާގެ ސަބަބުން ސްކޮޑާ ނުގުޅުމަށް ފަހު، އެ ގައުމީ ޓީމެއް އެންމެ ފަހުން ކުޅުނު މެޗު ނިމުނުތާ ފަސް ދުވަސް ހަމަނުވަނިސް، ކްލަބްގެ މެޗެއްގައި ކުޅެން ބޭނުންނަމަ ފެޑެރޭޝަނުގެ ހުއްދަަނަގަން ޖެހެ އެެވެ.

އޮސަސޫނާ އިން ތުހުމަތުކުރަނީ، މާޓީނޭޒް، މެޗު ކުޅެފައިވަނީ، ފީފާގެ ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދައި ކަމަށެވެ. އަދި، ސްޕެއިނުން ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި، ނެދަލެންޑްސްއާ ކުޅުނު މެޗު ނިމުނުތާ ހަތަރު ދުވަސް ފަހުން، އޮސަސޫނާއާ ދެކޮޅަށް 90 މިނިޓް މާޓީނޭޒް ކުޅެފައިވާ ކަމަށެވެ.

ބާސެލޯނާ އިން ވަނީ އޮސަސޫނާ ބަލިކޮށް، ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، މާޓީނޭޒްގެ މި މައްސަލައިގައި ބާސެލޯނާ ގޯހެއް ހަދާފައިވާނަމަ، ގަވާއިދުގެ ތެރެއިން، އެ މެޗުން އެ ޓީމަށް ލިބުނު ޕޮއިންޓް އުނިކޮށް، އެ މެޗު އޮސަސޫނާ އަށް ލިބުނީ ކަމަށް ކަނޑައެޅުމުގެ ފުރުސަތު އެބައޮތެވެ.