27 މާރިޗު 2025 - 03:06 0
27 މާރިޗު 2025 - 03:06 0
ލިޒްބަން، ޕޯޗުގަލް (މާޗް 27) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އޭނާއާ ދެމެދު ޖެހުނީ ޒާތީ މައްސަލައެއް ނޫން ކަމަށާއި ކަންކަން ދިޔައީ ދެ މީހުން ވެސް އެންމެ ރަނގަޅަށް ކަމަށް ޕޯޗުގީސް ފުލްބެކް، ޖޮއާއޯ ކަންސޭލޯ ބުނެފި އެވެ.
ސިޓީއާ އެކު، 2022 ވަނަ އަހަރު ދިގު ކޮންޓްރެކްޓެއްގައި ކަންސޭލޯ، 30، ސޮއިކުރި އެވެ. އެކަމަކު، އެ އަހަރު ނޮވެމްބަރު/ޑިސެމްބަރު ގަތަރު ވޯލްޑް ކަޕަށް ފަހު، ސިޓީ ޓީމަަށް އެނބުރި އައިތަނުން، ސިޓީގެ ކޯޗު ގާޑިއޯލާ އާއި ކަންސެލޯއާ ދެމެދު މައްސަލައެއް ޖެހުނެވެ.
އޭގެ ފަހުން، ކަންސެލޯ ވަނީ ލޯން ޑީލްތަކެއްގައި، ބަޔާން މިއުނިކް އާއި ބާސެލޯނާ އަށް ކުޅެފަ އެވެ. އެކަމަކު، ސިޓީ ބުނާ އަގު ދީފައި ކަންސެލޯގެ އެއްބަސްވުން ދާއިމީ ކުރަން ބަޔާން އާއި ބާސެލޯނާ ބޭނުމެއް ނުވި އެވެ. އެ ފަހުން، ކަންސޭލޯ ސިޓީގައި މަޑުކުރާނެ ކަމަށް ބެލެވިފައި އޮއްވައި، ފަހުން އެ ޓީމުން ވަނީ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް 30 މިލިއަން ޑޮލަރަށް އޭނާ ވިއްކާލައިފަ އެވެ.
އޭނާ އާއި ގާޑިއޯލާއާ މެދު ދިމާވި ކަންތައްތަކުގެ ވާހަކަ ފުރަތަމަ ފަހަރަށް މީޑިއާގައި ދައްކަމުން ކަންސޭލޯ ބުނީ، ދެ މީހުންނަށް ވިސްނޭ ގޮތާއި ކަންކަމާ މެދު އެއްބަސްނުވެވޭ ގޮތްތަކެއް ދިމާވީ ކަމަށެވެ.
"ދިމާވީ ޒާތީ ކަމެއް ނޫން، އަހަރެމެންނަށް ގަބޫލުކުރެވޭ ކަންކަން، ނޫނީ ދެކޭގޮތްތަކުގައި ހިޔާލު ތަފާތުވުންތަކެއް ހުރީ. އޭނަ އަކީ އިންޗާޖް، އެހެންވީމަ، ގޮތް ކަނޑައަޅާނީ އޭނަ،" ވެލެންސިއާ އާއި ޔުވެންޓްސް އަށް ވެސް ކުޅުނު ކަންސޭލޯ ބުންޏެވެ.
ފުޓްބޯޅަ ކެރިއަރުގައި މިހާރު ހުރި ހިސާބަށް ބަލާއިރު، ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އަށް ކުޅުމަކީ އޭނާ އަށް ގިނަ ގޮތްގޮތުން ކަންކަން ދަސްވި ކަމެއް ކަމަށް ކަންސެލޯ ބުނެފައިވެ އެވެ. އަދި، ދިމާވި ކަންކަމަށް ފަހު، އޭނާ ވެސް އަދި ސިޓީ ވެސް ނިންމަން ޖެހުނު ނިންމުންތަކާ މެދު އޭނާ އިތުރަށް ނުވިސްނައި، އަމިއްލަ ކެރިއަރު ކުރިއަށްގެންދެވޭނެ ކަންކަމަށް ފޯކަސް ކުރާ ކަމަށް ކަންސޭލޯ ވަނީ ބުނެފަ އެވެ.
ޔުވެންޓަސްގައި ކަންސޭލޯ ހުއްޓައި، 2019 ވަނަ އަހަރު ސިޓީން އޭނާގެ ސޮއިހޯދީ އެހެން ޑީލެއްގެ ތެރެއިންނެވެ. އެއީ، ސިޓީ އަށް އޭރު ކުޅެމުން އައި ފުލްބެކް، ބްރެޒިލްގެ ޑަނީލޯ، ޔުވެންޓަސް އަށް ދޭ ގޮތަށް، 40 މިލިއަން ޑޮލަރުގެ ފީއަކާ އެކުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment