އައިޕީއެލް: ތަފާތު ކުޅުމެއް ދައްކައި ދިއްލީ އިން ލަކްނައު ބަލިކޮށްފި

25 މާރިޗު 2025 - 07:14 0

ދިއްލީ ޓީމަށް ރޭގެ މެޗުގައި ތަފާތު ދެއްކި އަޝުތޯޝް.


އައިޕީއެލް: ތަފާތު ކުޅުމެއް ދައްކައި ދިއްލީ އިން ލަކްނައު ބަލިކޮށްފި

25 މާރިޗު 2025 - 07:14 0

އަންދްރަ ޕްރަދޭޝް، އިންޑިއާ (މާޗް 25) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު ޓީ20 ކްރިކެޓް މުބާރާތުގައި ރޭ ދިއްލީ ކެޕިޓަލްސް އިން ތަފާތު ކުޅުމެއް ދައްކައި ލަކްނައު ސުޕަ ޖަޔަންޓްސް އަތުން އެއް ވިކެޓުން މޮޅުވެއްޖެ އެވެ.

ދިއްލީ ކެޕިޓަލްސް ޓީމުން މި ފަހަރު ގެނައި، އިންޑިއާ ގައުމީ ޓީމުގެ ތަރި ކޭއެލް ރާހުލް ރޭގެ މެޗުގަައި ނުކުޅެ އެވެ. އޭނާގެ ކުރީގެ ޓީމު ލަކްނައު ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާހުލް އަށް ނުކުޅެވުނީ، އަލަތު ދަރިފުޅު ލިބުމުން އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މެޗުގައި ޓޮސް ދިމާވުމުން ދިއްލީ ކެޕިޓަލްސް އިން ނިންމީ ފީލްޑް ކުރުމަށެވެ. ލަކްނައު އިން ކުޅެން އަަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދީ 209 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 30 ބޯޅައިން 75 ލަނޑު ހެދި ނިކޮލަސް ޕޫރަން އާއި 36 ބޯޅައިން 72 ލަނޑު ހެދި މިޓްޗް ޕޫރަން އެވެ. ލަކްނައުގެ ކެޕްޓަން، ރިޝަން ޕާންޓް ކުރީގެ ޓީމާ ދެކޮޅަށް ނުކުމެ، ހަ ބޯޅައިން ނުބައިވީ ލަނޑެއް ވެސް ނުހެދި އެވެ.

މި އިނިންގްސްގައި، ދިއްލީ ޓީމުގެ މިޗެލް ސްޓާކް ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އަދި ކުލްދީޕް ޔާދަވް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ދިއްލީގެ ފެށުން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ ޓީމުގެ ފުރަތަމަ ހަތަރު ބެޓްސްމަން ނުބައިވީ ރަނގަޅު ސްކޯއެއް ނުހެދި އެވެ. ދިއްލީ މޮޅުވުމުގައި ތަފާތު ދެއްކީ، ހަތް ވަނަ އަށް ކުޅެން އެރި އަޝުތޯޝް ޝަރްމާ ދެއްކި މޮޅު ކުޅުމުންނެވެ.

އައިޕީއެލްގައި ދެ ވަނަ ސީޒަނެއް ކުޅެމުން އަންނަ އަޝުތޯޝް ވަނީ ނުބައިނުވެ، 31 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. ދިއްލީ މޮޅުވީ، 19.3 އޯވަރުގެ ތެރޭގައި، ނުވަ ކުޅުންތެރިން ނުބައިވިއިރު، 211 ލަނޑު ހަދައިގެންނެވެ. ފަހު ދެ އޯވަރަށް ދިޔައިރު، ދިއްލީ މޮޅުވާން 22 ލަނޑު ބޭނުންވެފައި އޮތްއިރު، ދިއްލީގެ މި މެޗުގެ ތަރި، އަޝުތޯޝް ވަނީ ތަފާތު ދައްކައިފަ އެވެ.

މިއީ، ޖަވާބުގައި ކުޅެން އަރައި، ދިއްލީން އެންމެ ބޮޑު ސްކޯއެއް ނެރުނު މެޗެވެ. މީގެ ކުރިން، ދިއްލީން ނަތީޖާ ނެރުނު އެންމެ ބޮޑު ސްކޯ އަކީ 2017 ވަނަ އަހަރު، ގުޖުރާތު ލަޔަންސް އަތުން މޮޅުވިއިރު، ހެދި 209 ލަނޑެވެ.