23 މާރިޗު 2025 - 15:52 14
މުހައްމަދު ޝަހްޒާން
ދ. އުއްދޫ ބެލެހެއްޓުމުގެ ވަޒީފާއަށް ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އައްޔަނުކުރި އާދަމް ނަސީރު: އޭނާއަކީ -- ފޮޓޯ: ކިޔުންތެރިއެއް
23 މާރިޗު 2025 - 15:52 14
ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި އެ އަތޮޅު އުއްދޫ ބެލެހެއްޓުމަށް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ބޭފުޅަކު އައްޔަނުކޮށްފި އެވެ.
އުއްދޫ ބެލެހެއްޓުމުގެ ވަޒީފާއަށް 31،500ރ. ގެ މުސާރައެއްގައި ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި އައްޔަނުކުރީ ދ. މީދޫ އާދަމް ނަސީރު އެވެ. އޭނާ އައްޔުނުކުރީ މި ރަށް ބަލަހައްޓަން ހަވާލުކޮށްފައިވާ ލޯކަލް ގަވަމެންޓް މިނިސްޓްރީއަށެވެ.
އާދަމް ނަސީރު ވަނީ އޭނާ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކުރިކަން އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނީ އެ ރަށުގައި އޭނާ ކުރަނީ ރަށް ބެލެހެެއްޓުމުގެ މަސައްކަތް ކަމަށެވެ.
"މިތަން ސާފުތާހިރުކޮށް ބެލެހެއްޓުން ދެއްތޯ؟ ދެން އަދި މި ތަނުގައި، އިހަށް ދުވަހު އަދި މީދޫއަށް މިތަން ދިނީ ދެއްތޯ؟،" ނަސީރު ވިދާޅުވި އެވެ.
މީދޫ ކައިރީގައި އޮންނަ ގާތްގަނޑަކަށް 10 ހެކްޓަރުގެ އުއްދޫ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އިއުލާނު ކުރީ މިދިޔަ ފެބްރުއަރީ މަހު ރައީސް މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
އުއްދޫއަކީ، މީދޫ ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ސިޔާމް ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ރަށެކެވެ. ސަރުކާރުން މީގެ ކުރިން ބުނީ ޕިކްނިކް އައިލެންޑަކަށް އުއްދޫ ހެދީ ސިޔާމްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ނަމަވެސް އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ އުއްދޫ އަތުލީ އެއްބަސްވުން ހަމަވެގެން، އަލުން މުއްދަތު އިތުރުކޮށް ދީފައި ވަނިކޮށް ކަމަށެވެ.
ސިޔާމް އަތުން ރަށް އަތުލީ, ޑޮލަރު މާރުކުރަން މަޖުބޫރި ކުރި ސިިޔާސަތާ ގުޅިގެން ރައީސް މުއިއްޒު އާއި އޭނާއާ އޮތް ގުޅުން ގޯސްވެފައި ވަނިކޮށެވެ. މިހެން ނަމަވެސް ސިޔާމް ލީޑުކުރައްވާ މޯލްޑިވްސް ޑިމޮކްރެޓިކް އެލެޔަންސް (އެމްޑީއޭ) އަކީ އަދިވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ.
ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ސަރުކާރުން އިތުރު ސިޔާސީ މަގާމެއް އުފެއްދިއިރު, ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކޮށް, އާ މަގާމުތައް ނުއުފައްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment