ވިރާތުގެ މޮޅު ކުޅުމާ އެކު ބެންގަލޫރަށް ވަރުގަދަ ފެށުމެއް

23 މާރިޗު 2025 - 04:25 0


ވިރާތުގެ މޮޅު ކުޅުމާ އެކު ބެންގަލޫރަށް ވަރުގަދަ ފެށުމެއް

23 މާރިޗު 2025 - 04:25 0

ކަލްކަތާ، އިންޑިއާ (މާޗް 23) - އިންޑިއަން ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ހަތް ވިކެޓުން އެންމެ ފަހުގެ ޗެމްޕިއަން، ކަލްކަތާ ނައިޓް ރައިޑާސް ބަލިކޮށް ރޯޔަލް ޗެލެންޖާސް ބެންގަލޫރުން މި ފަހަރުގެ މުބާރާތް ވަރުގަދަކޮށް ފަށައިފި އެވެ.

އައިޕީއެލް ތަށި ތިން ފަހަރު ހޯދާފައިވާ، ކަލްކަތާގެ ސްޓޭޑިއަމް އެޑެން ގާޑަންސްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން، ބެންގަލޫރުން ނިންމީ ފީލްޑް ކުރުމަށެވެ. ކަލްކަތާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން 174 ލަނޑު ހެދި އެވެ.

ކަލްކަތާ އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، ސުނިލް ނާރައިން އާއި ކެޕްޓަން، އަޖިންކިޔާ ރަހާނޭ އެވެ. އެ ގޮތުން، އަޖިންކިޔާ ވަނީ 31 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. އަދި ނާރައިން ވަނީ 26 ބޯޅައިން 44 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި، ބެންގަލޫރަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ތިން ވިކެޓް ނެގި ކްރުނާލް ޕާންޑްޔާ އެވެ.

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރު މޮޅުވީ 16.2 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން، 177 ލަނޑު ހަދައިގެންނެވެ. ބެންގަލޫރުގެ ތަރި ވިރާތު ވަނީ ނުބައިނުވެ، 36 ބޯޅައިން 59 ލަނޑު ހަދައިފަ އެވެ. ބެންގަލޫރަށް 18 ވަނަ ސީޒަނުގައި ކުޅެމުން އަންނަ ވިރާތު ވަނީ، މި މެޗުގައި ކުރި ލަނޑުތަކާ އެކު، ކަލްކަތާ ކޮޅަށް ޖުމްލަ އެކު 1000 ލަނޑު ހަމަކޮށްފަ އެވެ. ވިރާތަކީ، އައިޕީއެލްގެ ތަފާތު ހަތަރު ޓީމެއް ކޮޅަށް މި އަދަދަށް ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ބެންގަލޫރަށް ރޭގެ މެޗުގައި ތަފާތު ދައްކައިދިނީ ވިރާތު އާއި ފިލް ސޯލްޓްގެ ޕާްޓްނާޝިޕުންނެވެ. ސޯލްޓް ނުބައިވީ، 31 ބޯޅައިން 56 ލަނޑު ހަދައިގެންނެވެ. ބެންގަލޫރުގެ ކެޕްޓަން، ރަޖަތު ޕަތީދާރު ކުޅެން އަަރައި ނުބައިވީ 16 ބޯޅައިން 34 ލަނޑު ހަދާފައި އޮއްވަ އެވެ.

އިންޑިއަން ޕްރިމިއާ ލީގުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި، ސަންރައިޒާސް ހައިދަރުއާބާދުން ނުކުންނާނީ ރާޖަސްތާން ރޯޔަލްސްއާ ދެކޮޅަށެެވެ. އަދި، މިރޭގެ މެޗުގައި ކުޅޭނީ، އައިޕީއެލްގެ އެންމެ ކާމިޔާބު ދެ ޓީމު، މުމްބާއި އިންޑިއަންސް އާއި ޗެންނާއި ސުޕަ ކިންގްސް އެވެ.