އިސާކް މަޑުކުރުވަން ނިއުކާސަލަށް ކުރެވުނުހާ ކަމެއް ކުރާނެ

19 މާރިޗު 2025 - 03:10 0


އިސާކް މަޑުކުރުވަން ނިއުކާސަލަށް ކުރެވުނުހާ ކަމެއް ކުރާނެ

19 މާރިޗު 2025 - 03:10 0

ނިއުކާސަލް (މާޗް 19) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް، އެ ކްލަބްގައި މަޑުކުރުވަން ކުރެވުނުހާ ކަމެއް ކުރަން އެ ކްލަބުން ތައްޔާރުވެއްޖެ އެވެ.

ދާދި ފަހުން ނިއުކާސަލް އިން ވަނީ އިސާކްގެ ގޯލަކާ އެކު، 2-1 އިން ލިވަޕޫލް ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން، މިއީ، 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ. މި ކާމިޔާބީގައި އިސާކް ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ހިންގަމުން އަންނަ ނިއުކާސަލްގެ ޗެއާމަން، ޔާސިރު އަލް ރުމައްޔާން ވިދާޅުވެފައިވަނީ، އިސާކް އަކީ އެ ކްލަބްގެ އަގުހުރި "އެސެޓް" އެއް ކަމަށެވެ. އަދި، އޭނާ ވަށައިގެން ނިއުކާސަލުން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ލެވަލްގެ ކުޅުންތެރިއަކު ދޫކޮށްލުމަކީ، ޓީމުގެ ކުރިއެރުމަށް އެޅޭނެ ހުރަހެއްގެ ގޮތުގައި ރުމައްޔާން ވަނީ ފާހަގަކުރައްވައިފަ އެވެ.

އިސާކް ވަނީ މި ސީޒަނުގައި މިހާތަނަށް ނިއުކާސަލަށް އޭނާ ކުޅެދިން 33 މެޗުގައި 23 ގޯލު ޖަހައިފަ އެވެ. ނިއުކާސަލް އިން ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި އިސާކް އަކީ މުހިންމު ކުޅުންތެރިއެކެވެ.

ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކްގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާއި އާސެނަލް އަދި ފްރާންސްގެ ޕީއެސްޖީން މަސައްކަތްކުރެ އެވެ. އަދި، މީގެ ތެރެއިން ބައެއް ކްލަބުން އިސާކަށް 100 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ބިޑެއް ކުރުުމުގެ ފުރުސަތު އެބައޮތެވެ.