ދައުލަތުގެ އިސްވެރިން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އަޒްމިރަލްދާ ހުށަހެޅި މައްސަލަ ބަލަން އޭސީސީން ދެކޮޅުހަދައިފި

6 މާރިޗު 2025 - 10:12 0

އަހުމަދު އާއިދު

އ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް: އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ބަލަން އޭސީސީން ވަނީ ދެކޮޅު ހަދާފަ --- ފޮޓޯ: އޭސީސީ


ދައުލަތުގެ އިސްވެރިން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އަޒްމިރަލްދާ ހުށަހެޅި މައްސަލަ ބަލަން އޭސީސީން ދެކޮޅުހަދައިފި

6 މާރިޗު 2025 - 10:12 0

ދައުލަތުގެ އިސްވެރިން ކޯޓުތަކަށް ނުފޫޒުފޯރުވާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހާރު ސަސްޕެންޑުކޮށްފައި ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި މައްސަލައެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެކޮޅު ހެދިކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ވިދާޅުވެ އަޒްމިރަލްދާގެ ފަރާތުން އޭނާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އޭސީސީއަށް މި މައްސަލަ ހުށަހެޅީ އޭނާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފުގެ މައްސަލައަކާ ގުޅިގެންނެވެ.

އިސްމާއިލްގެ މައްސަލައެއް ބަލަމުންދިޔައީ ކްރިމިނަލް ކޯޓުންނެވެ. އަޒްމިރަލްދާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ މި މައްސަލާގައި ދައުލަތުގެ އިސްވެރިންގެ ކޯޓުގެ ފަނޑިޔާރަށް ނުފޫޒުފޯރުވާތީ މައްސަލަ ހުށަހެޅީ ފެބްރުއަރީ 27، ގައި ކަމަށެވެ. ވެރިން ފަނޑިޔާރަށް ނުފޫޒުފޯރުވީ މުއައްސަސާތައް ބޭނުންކޮށްގެން ކަމަށް އަޒްމިރަލްދާ އޭސީސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލަ ބަލަން ދެކޮޅު ހަދާ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ބުނެ އޭސީސީ އިން އޭނާއަށް އެންގި ކަމަށް ވަކީލުން ބުނަނީ މާޗު 4، ގަ އެވެ. އެގޮތަށް ނިންމީ ކޮރަޕްޝަންގެ ކުށެއް ފާހަގަވާން ނެތުމުން ކަމަށް އޭސީސީން ވަނީ އަންގާފަ އެވެ.

ސްޕާއެއްގައި ހަށި ގަންނަން ގޮސް ހުރި ކަމުގެ ތުހުމަތުގައި އިސްމާއިލް ލަތީފު ހައްޔަރުކުރި ކަމަށް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ނެތުމުން އެ މައްސަލައިގައި އޭނާއަށް ދައުވާ ނުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމި އެވެ.

އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ ފިރިމިހާ ނުފޫޒު ފޯރިވިކަމަށް ބުނާ މައްސަލައެއް އޭސީސީން ބަލަން ފެށުމާއެކު އެވެ. އެ ވާހަކަތައް ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ.

މި މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ދެކެވެމުންދާ ވާހަކަތައް އިސްމާއިލް ލަތީފު ވަނީ ދޮގުކުރައްވާފަ އެވެ. ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޕާއިން ހައްޔަރުކުރި ނަމަވެސް އޭނާ ދޫކޮށްލީ ހެކި ނެތް ކަމަށް ފުލުހުން ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން ކަމަށެވެ.