4 މާރިޗު 2025 - 09:39 9
މަހްފޫޒް ސައީދު
4 މާރިޗު 2025 - 09:39 9
ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައީ ބޮޑު ބަދަލެކެވެ. ހަމަ ކުއްލިއަކަށް އެ ގެނައި ބަދަލުގެ ދުސްތޫރީ ސައްހަކަމާމެދު ވިސްނާލައި ބަހުސްކޮށް ހަދާކަށް ހަމަ އެއްވެސް މީހަކަށް ފުރުސަތެއް ނުލިބެ އެވެ. އެންމެ އަށެއްކަ ގަޑިއިރު ތެރޭގައި ގާނޫނުއަސާސީއަށް އެވަރުގެ ބަދަލެއް ގެންނަންޖެހޭ ހާލަތެއްވެސް ސަބަބެއްވެސް ބޭރުފުށަކަށް ފެންނާކަށް ނެތެވެ. އެކަމަކުވެސް އެއީ ނިކަން މުހިންމު ކަމަކަށް ވެގެން، ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް މަޖިލީހުން އެކަން ނިންމާލީ ވަގުތުން ވަގުތަށެވެ.
ގާނޫނުއަސާސީއަށް މި ގެނައި ބަދަލު ގާނޫނީ ގޮތުން ސައްހަ ނުވާނޭކަމަށް ގާނޫނީ ދާއިރާގެ އެކި ބޭފުޅުން ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް މީޑިއާގައިއާއި ކޮފީ މޭޒުތަކުގަ އެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް އެކަން ކުށްވެރިކުރުމުގެ އިތުރުން އިތުރު ފިޔަވަޅެއް އަޅާން އުޅޭ ކަހަލަ މަންޒަރެއް ނުފެނެ އެވެ. އާންމު ރައްޔިތުން ތިބީ ފުލެޓު ލިސްޓާއި، ބާނާ މަހަށް ހަމަ އަގު ހޯދުމާއި، ޓެކްސީ ޑުރައިވަރުންނަށް ހަދާލަންއުޅޭ ގޮތާއި، ޑޮލަރު ނުލިބުމާއި އިގްތިސާދު ހީނަރުވުމުގެ ހާސްކަމާއި، އޮޅުންބޮޅުމުގައި ތާށިކޮށްފަ އެވެ. ގާނޫނުއަސާސީއަށް މި ގެނައި ބަދަލާމެދު ވިސްނާލާކަށް ހަމަ އެއްވެސް މީހެއްގެ ހޭވެރިކަމެއް ބަހައްޓާނޭ ފުރުސަތެއް ވެސް ނެތެވެ.
ގާނޫނުއަސާސީއަށް މި ބަދަލު ގެނައީ ނޮވެމްބަރު 20، 2024 ތާރީހުގަ އެވެ. މިކަމާ އެކި ބޭފުޅުންނާ ކުރެވުނު މަޝްވަރާތަކަށްފަހު އަޅުގަނޑު ގުޅީ އަޅުގަނޑުގެ އުސްތާޒު، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އަށެވެ. އެއީ ނޮވެމްބަރު 22، 2024 ތާރީހުގަ އެވެ. ފަރީދީ މަގުގައި ހުންނަ ޑިއޮލިވް ކެފޭގައި އަޅުގަނޑުމެން ބައްދަލުކުރިއިރު، އުސްތާޒު އަލީ ހުސައިން ވެސް ހުންނެވީ މައްސަލަ ރަނގަޅަށް ދިރާސާ ކުރައްވައިގެންނެވެ. ގާނޫނުއަސާސީއަށް މި ގެނައި ބަދަލަކީ ބާތިލު ބަދަލެއްކަމަށް އަލީ ހުސައިން ދެކެވަޑައިގަންނަވަ އެވެ. މުޅި މައްސަލައިގެ އެކޮޅުމިކޮޅު ބަލައި، އެއްބަސްވެވޭ ނުކުތާތަކާއި، ހިލާފު ހުރި ނުކުތާތަކަށް ވަކިވަކިން މަޝްވަރާކޮށް ވާހަކަ ދެއްކީމެވެ. ގަޑިއެއްހައިއިރުގެ ދިގު ގާނޫނީ ބަހުސަކަށް ފަހު ނިންމާލަމުން އަލީ ހުސައިން އިނގިރޭސި ބަހުން ވިދާޅުވީ "މަހްފޫޒު އަޅުގަނޑާއެކު ހުރިއްޔާ ތިކަން ކުރަން ހަމަ ރެޑީ" ކަމަށެވެ. އެ ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.
އެ ބައްދަލުވުން ނިންމުމަށްފަހު އޮފީހަށް ވަދެވުމާއެކު އެ މައްސަލަ ތައްޔާރުކުރުމަށް ފެށީމެވެ. ދިރާސާ ކުރިކުރިހެން ފެންނަން ފެށީ މުޅި އެ އިޖުރާއަތާއި، އެ ގެނައި ބަދަލުގައި ހުރި ޣައިރު ދުސްތޫރީކަމެވެ. އަޅުގަނޑުގެ އޮފީހުގެ ހީވާގި މުވައްޒަފުންނާއެކު އެރެއިން އެރެއަށް މައްސަލަ ދިރާސާކުރަން ފެށީމެވެ. ވިދިގެން އައި ދުވަހާއި، އެރެޔާއެކު މައްސަލަ ތައްޔާރުކޮށް އަޅުގަނޑުމެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 24، 2024 ދުވަހުގެ ހެނދުނު 9:29 ގައެވެ. އެކޯޓުން ބައްލަވަންޖެހޭ ކަންކަން ބައްލަވައި އެ މައްސަލަ ރަޖިސްޓްރީ ކުރެއްވީ ޑިސެމްބަރު 2، 2024 ގަ އެވެ.
އަޅުގަނޑުމެންނަށް އެނގެ އެވެ. ސުޕްރީމް ކޯޓަކަށް ގާނޫނުއަސާސީއެއް ނުހެދޭނެ އެވެ. އިސްލާހެއް ވެސް ނުކުރެވޭނެ އެވެ. ބަދަލެއްވެސް ނުކުރެވޭނެ އެވެ. އެކަން އެނގޭތީ އެކަން ކުރާކަށް ސުޕްރީމް ކޯޓުގައި އަޅުގަނޑުމެން ނުވެސް އެދެމެވެ. އަމުދަކުން އެދުނަސް ސުޕްރީމް ކޯޓަކުން އެކަމެއް ނުވެސް ކުރައްވާނެ އެވެ. ހުށަހެޅި މައްސަލައިގައި އަޅުގަނޑުމެން އެދުނުހައިވެސް ކަމަކީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އޮންނަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރެވެ. އެއީ ގައިދެއް، އިމެއް ނެތި ދީފައި އޮންނަ ބާރެއް ނޫނެވެ. ގާނޫނުއަސާސީއާ 'ކުޅުމުގެ ބާރު' އޮންނާނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވާ ބޭފުޅުން އެ ވިދާޅުވަނީ ރަނގަޅު ވާހަކަފުޅެއް ނޫނެވެ. ގާނޫނުއަސާސީއާ 'ކުޅުމުގެ' ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެން ނުވެ އެވެ. ރައްޔިތުންގެ މަޖިލީހަށްވެސް އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރެވެ. އެ ބާރުގެ ދާއިރާއަކީ ކޮބައިކަން، ގާނޫނުއަސާސީގެ ބާރަ ވަނަ ބާބުގެ އަލީގައި މާނަކުރުމުގެ ބާރު އޮންނާނީ ސުޕްރީމް ކޯޓަށެވެ. އަޅުގަނޑުމެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ 'ކުޅުނީތީ' އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު ބޭނުންކުރުމުގައި ރައްޔިތުންގެ މަޖިލީހަށް އެ ހިނދަކަށް ފެނިވަޑައިގެންނެވި ކޮންމެކޮންމެ ބަދަލެއް ގާނޫނުއަސާސީއަކަށް ނުވެސް ގެނެވޭނެ އެވެ. މިސާލަކަށް، ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮންނަ ބާރަކަށްވާއިރު، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް އިތުރުކުރާ އަކުރަކުން އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފިނަމަ އެއީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ބަދަލަކަށް ވާނެ އެވެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރުވެސް ރައީސަށް ދޭންވީ އެވެ. ގާނޫނު ހެދުމުގެ ބާރާއި، ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ރައްޔިތުންނަށެވެ. ރައްޔިތުންގެ ފަރާތުން އެ ބާރު ތަމްސީލުކުރާ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެހެންވީމާ، އެ ބާރު ވެރިކަން ހިންގާ ފަރާތަށް ފުރޮޅާލުމަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފަށް ގެނެވޭ ބަދަލަކަށް ވާނެ އެވެ. މުޅި ނިޒާމު އޮޅުންބޮޅުންވާފަދަ ބަދަލަކަށް ވާނެ އެވެ. އެހެންވީމާ، ގާނޫނުއަސާސީ އިސްލާހުކުރުމާބެހޭ ބާބުގެ މާއްދާތައް މާނަކޮށްގެން، އެކަން ކުރެވިދާނެތޯ ނޫންތޯ ބަލައި އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ހަމަ ކޮންމެ ބަދަލެއް ގެނަޔަސް، އެކަމަށް އޮންނާނެ ފަރުވާއަކީ ދެން އޮންނަ އިންތިހާބަކަށް އިންތިޒާރުކުރުން ކަމަށް، ނުވަތަ ރައްޔިތުން ކެކިއަރައިގަނެ، ހަމަނުޖެހުން އުފައްދައިގެން އެކަމަށް 'ހައްލު' ހޯދުންކަމަށް ވިދާޅުވާ ބޭފުޅުން އެ ދައްކަވަނީ ގާނޫނީ ގޮތުން، އަދި ބުއްދީގެ ހަމަތަކުންވެސް ހަމަޖެހޭ ވާހަކައެއް ނޫނެވެ. ދުސްތޫރީ އިލްމުގައި މުޅި ދުނިޔޭގައި ހަވާލާ ދެވޭ އެއްވެސް އިލްމުވެރިޔަކުވެސް ދައްކާފައިނުވާ ވަރުގެ އާދަޔާ ހިލާފު ވާހަކައެއް މި ބޭފުޅުން އެ ދައްކަވަނީ ސިޔާސީ ވިސްނުންފުޅެއްގައި އެކަނި ކަމަށް ދެކެމެވެ. ނުވަތަ އެކަމުގެ އެކަށީގެންވާ ދިރާސާ ކުރެއްވިފައި ނެތީމަ އެވެ.
ގާނޫނުއަސާސީ މާނަކުރުމުގެ އާހިރު ބާރު ގާނޫނުއަސާސީން އޮތް ފަރާތަށް އެފަދަ މައްސަލަތައް ބެލެންޖެހޭ ސަބަބަކީ އެފަދަ މައްސަލަތަކުގައި މުޖުތަމައުގެ މަސްލަހަތު ނުގެއްލި ސުލްހަވެރި ހައްލު ހޯދޭނޭ މަގުފަހިވެފައި އޮތުމެވެ. އެފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުން ކުރައްވާނޭކަމަކީ، ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީން ދީފައި އޮތް ބާރުގެ ދާއިރާއަކީ ކޮބައިކަން، ގާނޫނުއަސާސީގެ މާއްދާތަކުގެ އަލީގައި މާނަކުރުމެވެ. އެ ގެނައި ބަދަލަކީ، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި، އަދި ގާނޫނުއަސާސީއާ ހިލާފު ބަދަލެއްކަމަށްވާނަމަ އެ ބަދަލު ސުޕްރީމް ކޯޓުން ބާތިލުކުރައްވާނެ އެވެ. އޭގެ ފަހަށް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެކަމުގައި އާހިރު ނިންމުމަށްވެ، އެ މައްސަލައެއް ހައްލުވެގެން ދާނީ އެވެ. ގާނޫނުއަސާސީ ތަސައްވުރުކޮށްފައި އޮތްގޮތަކީ އެއީ އެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން ވިދާޅުވަމުން ގެންދެވީ، ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ މިހާރު ގާނޫނުއަސާސީގެ ބަޔަކަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އެ ބޭފުޅުންނަށް އޮޅިވަޑައިގެންފައި އޮތީ، ނުވަތަ އޮޅުވާލަން އުޅުއްވީ ގާނޫނުއަސާސީ އެކުލަވާލާ މަޖިލީހަށް އޮންނަ އަސްލީ ބާރާއި، ގާނޫނުއަސާސީން އުފައްދާ ރައްޔިތުންގެ މަޖިލީހަށް އޮންނަ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރުގެ ތަފާތެވެ. ތެދެކެވެ. ގާނޫނުއަސާސީ ހެދި މަޖިލީހުން ގާނޫނުއަސާސީގައި ހިމަނާފައި އޮތް މާއްދާއަކަށް އެއްވެސް ތަނެއްގައި ގޮމެއް ނުޖެހޭނެ އެވެ. އެއީ، ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާއި އަދި ވެރިކަން ކުރާ ބާރަކީވެސް ގާނޫނުއަސާސީން އުފެއްދި، ގާނޫނުއަސާސީއަށް ކިޔަމަންވާންޖެހޭ ތަންތަން ކަމަށްވީތީ އެވެ. ގާނޫނުއަސާސީން އުފެއްދި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެންނާނެ ގޮތްވެސް އޮންނާނީ ގާނޫނުއަސާސީގަ އެވެ. އެ އުސޫލާ ހިލާފުވެއްޖެތޯ ނޫންތޯ އުފެދޭ ހުސޫމާތަކާމެދު ފައިސަލާ ކުރާނީ ކޯޓުންނެވެ.
ސުޕްރީމް ކޯޓުގައި ފެބުރުއަރީ 17، 2025 ދުވަހު ބޭއްވި އަޑުއެހުމުގައި އަޅުގަނޑުމެން ކުރީ މިކަހަލަ ބަހުސްތަކެކެވެ. އެ ބަހުސްތައް އަޑުއެއްސެވުމަށްފަހު ފަނޑިޔާރުން ނިންމެވީ، މި މައްސަލަ ބަލައި ފައިސަލާ ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށެވެ. މައްސަލައިގެ މައުލޫއާމެދު ގޮތެއް ނިންމެވީކީއެއް ނޫނެވެ. ހަމައެކަނި ކަނޑައެޅުއްވީ އެ މައްސަލައަކީ ކޯޓަށް ބެއްލެވޭނޭ މައްސަލައެއް ކަމަށެވެ.
އެ އަޑުއެހުން ނިމުމާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވުނެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ބަންޑާރަނައިބު ދެކެ ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހިފަ އެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަންޑާރަނައިބު އޮތީ މިމައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލާނޭ ކަމުގެ ކަށަވަރުކަން ރައީސަށް ދެއްވާފަ އެވެ. އެހެންނަމަވެސް މައްސަލައިގެ ކަންކަން ނިއުޅެމުންދިޔަ ގޮތަށް ބަލާއިރު، މިމައްސަލަ ނިމޭނީވެސް ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ކަމަށް ރައީސަށް ފެނިވަޑައިގަތީ އެވެ. ކޯޓުގައި ވަކާލާތުކޮށްގެން މި މައްސަލައިގެ ކުޅިފަސް ހޯދިދާނޭ ހަމަ އެއްވެސް މަގެއް ނެތްކަން ފެނިވަޑައިގަތުމުން ދެން ސަރުކާރުން ނިންމެވީ ޗާޓުން ބޭރުން ކުޅޭށެވެ.
މި މައްސަލަ ހުށަހެޅުމާއެކުވެސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި އެވެ. މިފަހަރު ސުޕްރީމް ކޯޓުވެސް އުވާލާނެ އެވެ. އަޅުގަނޑުމެން އެ ވާހަކަ ނެގީ ޖޯކަކަށެވެ. މިވަރުކޮށްލަފާނެއޭ އަޅުގަނޑަށްވެސް ހީވިހީވުމަކީ ކުށްހީއަކަށްވޭތޯ ކިހައި ދުއާއެއް ކުރެވުނުކަން އެނގޭނީ އަޅުގަނޑަކަށް ނޫންތޯ އެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ބަހުސެއް އޮތް މައްސަލައެކެވެ. އެ މައްސަލައިގައި އަޅުގަނޑުމެން ވާހަކަ ދެއްކީ ގާނޫނީ ނުކުތާތަކަކަށެވެ. އަޅުގަނޑުމެން ދެކިގެން ތިބީ އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް ރުހިގެން ތިބޭށެވެ. އެއީ ގާނޫނުއަސާސީގައި އެކަން ލިޔެވިފައި އޮތް ގޮތެވެ. އެކަމަކުވެސް ވެރިކަން ހިންގާން ހުރީ ޖައްބާރު ވެރިއަކަށްވާތީ، ސިޔާސީ ކުޅިފަސް ހޯދުމަށް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލީ އެވެ.
އެއްވެސް މީހަކު ދެބަސް ނުވާނޭ ހަގީގަތަކީ ސުޕްރީމް ކޯޓަށް އައްޔަނުކުރި ފަނޑިޔާރުންގެ ސަބަބުން ޖުޑީޝަރީގެ މޫނުމަތި ރީތިވެއްޖެ ކަމެވެ. ކޯޓުގެ ހުކުމްތަކަކީ އާންމު މީހާއަށްވެސް ފަހުމުވާ ގޮތަށް ލިޔެވޭ އެއްޗަކަށް ބަދަލުވެއްޖެ އެވެ. ހުކުމްތަކުގެ އިލްމީ ފެންވަރު ރަނގަޅުވެއްޖެ އެވެ. ޖުޑީޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަނބުރައި ހޯދުމުގެ ދިގު ދަތުރުގައި ކުރިއެރުން ހޯދަން ފެށިއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުރިހައި ނިންމުންތަކެއްގެ ގާނޫނީ ހުއްޖަތުތަކާމެދު އަޅުގަނޑުމެން ވަކީލުންގެ މެދުގައި ދެބަސްވުން އޮވެދާނެ އެވެ. އެ ދެބަސްވުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައިވެސް އޮވޭ ނޫންތޯ އެވެ. ކޯޓުގެ ބެންޗުން ގާނޫނީ ނުކުތާގައި އިއްތިފާގު ނުވެ ނިންމި ކިތަންމެ ހުކުމެއް ޝާއިއުކުރެވިފައި އެހުރީ އެވެ. މި ހިލާފުތައް ހުއްޓަސް އަޅުގަނޑުމެން އެންމެންނަށް ކަށަވަރުވާ ކަމަކީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ އެއްވެސް ފަނޑިޔާރަކު ރިޝްވަތެއް ނުނަންގަވާނޭ ކަމެވެ. ނުފޫޒަކަށް ނުލެނބޭނެ ކަމެވެ. އެ ބޭފުޅުންގެ ނިންމެވުން ބިނާކުރައްވާނީ، މައްސަލައިގެ ހުށަހެޅޭ ކަންކަމަށާއި، އެ ބޭފުޅުންގެ ގާނޫނީ ވިސްނުންފުޅުގެ މައްޗަށް އެކަނިކަން ސުޕްރީމް ކޯޓުގައި ވަކާލާތުކުރައްވާ ހުރިހާ ވަކީލުންނާއި، އެ ކޯޓުގެ އަޑުއެހުންތައް ބައްލަވާ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ އެވެ.
ކަންކަން ނިއުޅިގެން މި ދިޔަ ގޮތުން، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅުނު ނަމައޭ މިހާރު ހިތަށް އަރަ އެވެ. އަޅުގަނޑުމެން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން މުޅި ޝަރުއީ ދާއިރާ މި ދިޔައީ ފަހަތަށެވެ. ސަރުކާރު ހިތާނުވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ އެވީ ކޯޓަށް އަތް ބާނަންކަމަށް ދެކޭ ސަރުކާރެއް އޮތްހައި ދުވަހަކު މި މައްސަލައަކަށް ހައްލެއް ނެތެވެ.
ސަރުކާރުން މި ހިންގި ޖަރީމާގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަޅުގަނޑުމެންގެ ހުރިހައި ރައްޔިތުންނަށްވެސް ކުރާނެ އެވެ. ފުލެޓު ނުލިބިގެން އެކަމުގައި ދައުވާކުރާ ބައެއްގެ ދައުވާއާމެދު އާހިރު ގޮތް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރާ ދައުވާގެ އާހިރު ހުއްޓުމަކީވެސް ސުޕްރީމް ކޯޓެވެ. ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާ އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަށް ފެނުމަކީ އިންވެސްޓަރުން ވެސް ޖެހިލުންވާނެ ކަމެކެވެ. އޭގެ ނޭދެވޭ އަސަރު ކުރާނީ އަޅުގަނޑުމެންގެ އިގްތިސާދަށެވެ.
މިއީ ވަގުތެވެ. ސަރުކާރުން މި ހިންގި ހުތުރު ޖަރީމާއާ ދެކޮޅަށް އަޅުގަނޑުމެން ހަރުކޮށް ބަސް ބުނަން ޖެހެ އެވެ. ހައްލަކީ ސަރުކާރު ބަދަލު ކުރުން ކަމުގައިވާނަމަ އެކަންވެސް ކުރެވޭތޯ މަސައްކަތް ކުރަންޖެހެ އެވެ. އަދުލުއިންސާފުގެ ދާއިރާއަށް ސަރުކާރުން އަތް ބޭނުން ހުއްޓުވުމަށްޓަކައި ކުރެވުނު ކޮންމެ ކަމެއްކޮށް، ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާންޖެހެ އެވެ.
70.37%
7.41%
3.70%
18.52%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ދިވެހީން
about 1 month ago
ރެޑީއަށް ދިވެހި ބަހެއް ނެތީތޯ؟
ޒައިދު
about 2 months ago
ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި، ގިސްލަމުން ހުރި ކަރުނަތަށް އޮހޮރަންޖެހޭ އުމުރަށް.
އަބްލޯ
about 2 months ago
ދިވެހިންނަކީ މޮޔަ ގަމާރު ތަކެއް
އާލިމް
about 2 months ago
ތިޔަ މައްސަލަ ހުށަހެޅުނުކަން ވަރަށް ރަނގަޅެވެ. އޮޅިފައި ތިބި މީހުންނަށް މި ސަރުކާރުގެ އަސްލު ސިފަ ފެނިގެން ދިޔައީ ތި މައްސަލައިގެ ސަބަބުންނެވެ.
ވަނޫދު
about 2 months ago
ހުންނާނެ ރާކަނި މަސްކެވިފަ ރަނގަޅަށް
ގަޓު
about 2 months ago
ހައްލަކީ މުއިއްޒު ވެރިކަމުން ދުރުކުރުން. ރައްޔިތުންނަށް މިކަން ކުރެވޭނެ.
ާއާމ
about 2 months ago
އެއީ ރައީސާއި ކުރިމަތިވި އިމްތިޙާނެކެވެ. އިމްތިހާނުން ރައީސް ފެއިލް ވަނީ ބާއެވެ. ރައީސް ކޯޓަށް ނުފޫޒު ފޯރުވާނެތޯ ނޫންތޯ އެނގޭނެ ހަމައެކަނި ގޮތަކީ ރައީސާއި ގުޅުންހުރި މައްސަލައެއް ރައީސް ނުރުހޭ ގޮތަކަށް ކޯޓަކުން ނިންމުމެވެ.
ވޯލް
about 1 month ago
މިއީ އެއްއިމްތިހާނު މިއަށްވުރެ ބޮޑަށް ރައީސްއާ ގުޅުން ހުރި އަދި ރައީސްގެ މަސްލަހަތު އޮތް މައްސަލައެއް ކޯޓެއްގައި ނުބެލޭނެ. ސީދާ ރައީސްގެ ބާރުން ކޮންޓްރޯލް ކުރެވެން އޮތް މަޖިލިސް ގެއްލިގެންދާނެ މައްސަލައެއް މީ. އިމްތިހާނުން ފެއިލްވެއްޖެ.ރައްޔުތުންނާ، ކޯޓުތަކާ ޤާނޫނު އަސާސީއަށްވުރެ ތިމާމީހާ ބޮޑުކަމަށް ފެނި މީހާގެ ކިބުރުވެރިކަން ފެނިއްޖެ.ރައީސްއާ ބަންޑާރަ ނައިބު މިވީ ގޯސްހެދުނީމަވެސް ގޮތްދޫނުިުރާ ބޮޑާ އެއްޒާތެއްގެ ދެމީހުންނަށް.
ޢަލީ
about 2 months ago
ހަގީގަތުގައިވެސް ތި މައްސަލަ ހުށަނޭޅި ނަމައެޗެ
Comment