1 މާރިޗު 2025 - 06:11 0
ލީވާން އަލީ ނާސިރު
1 މާރިޗު 2025 - 06:11 0
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ދިރާސާކުރުމަށް ފަހު ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
"ފްލެޓް ނުލިބޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ،" ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން މަސައްކަތް ފަށައި، ނިމެން ކައިރިވެފައި ހުރި 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު އެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގައި އިއުލާނު ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް ބުނެ އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފަ އެވެ.
ފްލެޓު ލިސްޓު އަލުން ދިރާސާކުރުމަށް ފަހު، އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 1820 މީހުންނެވެ. ލިސްޓް ނެރުމާ އެކު އެއްވެސް މައްސަލައެއް ފާހަގަނުވާ ފަރާތްތަކާ ފްލެޓް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް މުއްތަލިބު ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.
މި ފަހަރު އިއުލާނު ކުރި ފްލެޓު ލިސްޓަކީ "ޒައްރެއްގެ މިންވަރު" ވިޔަސް ނުފޫޒެއް ނުފޯރުވައި ނެރެފައިވާ ފުރަތަމަ ލިސްޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެ ލިސްޓުގައި މައްސަލަތައް ހުރިކަން ފާހަގަކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާތައް ދަނީ ހިއްސާކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment