ޕީސީބީގެ އެންގުމާ ހިލާފަށް އެޗްޑީސީން ރޯދަ އިނާޔަތަށް 5،000ރ. ބަހައި، އަހަރީ ބޯނަހުގެ ނަމުގައި ވެސް 10،000ރ. ދީފި

20 ފެބުރުވަރީ 2025 - 09:22 2

އަހުމަދު އާއިދު

އ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލު --- ފޮޓޯ: އެޗްޑީސީ


ޕީސީބީގެ އެންގުމާ ހިލާފަށް އެޗްޑީސީން ރޯދަ އިނާޔަތަށް 5،000ރ. ބަހައި، އަހަރީ ބޯނަހުގެ ނަމުގައި ވެސް 10،000ރ. ދީފި

20 ފެބުރުވަރީ 2025 - 09:22 2

ރޯދަ އިނާޔަތުގެ ގޮތުގައި ދިނުން ގާނޫނުން ލާޒިމު ކުރާ 3،000ރ. އަށް ވުރެ އިތުރަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފައިސާ ނުދޭން އަންގާފައި އޮއްވައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮންމެ މުވައްޒަފަކަށް 5،000ރ. ބަހައިފި އެވެ.

ގާނޫނުން ދިނުން ލާޒިމުވާ އަދަދަށްވުރެ އިތުރަށް ފައިސާ ނުދޭން އެންގީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި 5،000ރ. ދިނުމުގެ އިތުރުން، ރޯދަޔާ ދިމާކޮށް އެޗްޑީސީން ވަނީ އަހަރީ ބޯނަހުގެ ގޮތުގައި ވެސް 10،000ރ. މުވައްޒަފުންނަށް ދީފަ އެވެ. އެއީ މިދިޔަ އަހަރުގެ ބޯނަހެވެ. އެސްއޯއީތަކުން ހަރަދު ކުޑަ ކުރަން ސަރުކާރުން އެންގުމުން، އެޗްޑީސީން އޮތީ އެ ބޯނަސް ހިފަހައްޓައިފަ އެވެ.

މި ހަބަރު ޕަބްލިޝް ކުރިއިރު އެޗްޑީސީގެ ކޮމެންޓެއް ނުލިބެ އެވެ.

ފެބްރުއަރީ 12، ގައި ޕީސީބީއިން ނެރުނު ސާކިއުލާގައި ކުންފުނިތަކަށް އަންގާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 3,000ރ. ގެ ރޯދަ އެލަވަންސެއް ދިނުމަށެވެ. އެކަމަކު، އެ އަދަދަށްވުރެ އިތުރަށް، ކޮންމެ މުވައްޒަފަކަށް 5،000ރ. ރޯދަ އިނާޔަތުގެ ގޮތުގައި އެޗްޑީސީން ދީފައިވާކަން ބައެއް މުވައްޒަފުން މި ނޫހާ ހިއްސާ ކުރި ސްލިޕުތަކުން އެނގެ އެވެ.

އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މީހުންނަށް ހަމައެކަނި އަސާސީ ވަޒީފާ އަދާކުރާ ތަނުން އެލަވަންސް ދިނުމަށް ވެސް ޕީސީބީއިން އެންގި އެވެ. އަދި ޕޭ ލީވާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ވެސް އިނާޔަތް ހަމަޖައްސަން ނުޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ. ރޯދައާ ގުޅުވައި އިތުރު ހަދިޔާއެއް ނުދިނުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މި ސާކިއުލާ ނެރުނުތާ 24 ގަޑިއިރު ނުވަނީސް ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނެވި ހަމްދީ އަގީލު މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމެވި އެވެ. އެ ނިންމެވުމުގެ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހަރަދުކުޑަކުރަން ސަރުކާރުގެ ކުންފުނިތަކަށް އެންގި އެންގުމާ އެޗްޑީސީން ހިލާފުވެފައި މިވަނީ ހަރަދު ކުޑަކުރަން އަޅަން ރާވާފައިވާ ފިޔަވަޅުތައް ލަސްނުކޮށް ވީހާ ވެސް އަަވަހަށް އެ ފިޔަވަޅުތައް ތަންފީޒުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ.

އިގުތިސޯދީ އަންދާޒާތަކުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ހާލަތު ގޯސްވުން ކަމަށް ވެސް އައިއެމްއެފް އިން ބުންޏެވެ.