ފަހަތުން އަރައި ސިޓީ އަތުން ރެއާލް މޮޅުވެއްޖެ

12 ފެބުރުވަރީ 2025 - 05:09 0


ފަހަތުން އަރައި ސިޓީ އަތުން ރެއާލް މޮޅުވެއްޖެ

12 ފެބުރުވަރީ 2025 - 05:09 0

މެންޗެސްޓާ (ފެބްރުއަރީ 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދިޔުމަށް ކުޅުނު މެޗުން ފަހަތުން އަރައި ރެއާލް މެޑްރިޑުން 3-2 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، ޔުވެންޓަސް އާއި ބްރޫޝިއާ ޑޯޓްމަންޑް ވެސް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 19 ވަނަ މިނިޓުގައި ސިޓީގެ އާލިން ހާލަންޑް ގޯލު ޖަހަައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު، މެޗުގެ 60 ވަނަ މިނިޓްގައި ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ގޯލު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުގައި، ސިޓީން ދެ ވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ، ރެއާލްގެ ޑެނީ ސެބާޔޯސް އޭރިއާ ރޮނގުމަތިން ސިޓީގެ ފިލް ފޯޑަން އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ސިޓީ އަށް ޕެނަލްޓީ އިން ލީޑު ނަގައިދިނީ ވެސް ހާލަންޑް އެވެ.

އެކަމަކު އޭގެ ހަ މިނިޓް ފަހުން، މެޗުގެ 86 ވަނަ މިނިޓްގައި، ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރަހިމް ޑިއާސް ޖެހި ގޯލުންނެވެ. ސިޓީ އަށް ކުރިން ކުޅުނު ޑިއާސް މި ގޯލު ޖެހީ، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ޖެހި ޝޮޓެއް ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލުންނެވެ. މިއީ، ވިނީޝިއުސް ކުރި އެޓޭކެއްގައި، ކީޕަރު އެޑަސަން ބޯމަތިން ހިއްލައިލި ބޯޅަ އަށް އަރައި، ބެލިންހަމް ޖެހި ގޯލެކެވެ.

މީގެ އިތުރުން، ރޭ ޔުވެންޓަސް އިން ޕީއެސްވީ އައިންދޯވަންގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 34 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ވެސްޓަން މެކޭނީ ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 56 ވަނަ މިނިޓްގައި އެއިންދޮވެންގެ އިވާން ޕެރިސިޗް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުން ޔުވެންޓަސް މޮޅުކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނިޓްގައި ޖަހައިދިނީ ސެމިއުލް އެމްބައުލާ އެވެ.

ޑޯޓްމަންޑުން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 60 ވަނަ މިނިޓްގައި ޑޯޓްމަންޑުން ލީޑު ނެގީ ގިރާސީ ޖެހި ގޯލުންނެވެ. އޭގެ އަށް މިނިޓް ފަހުން ޑޯޓްމަންޑުގެ ލީޑު ފުޅާކޮށްދިނީ ޕަސްކާލް ގްރޮސް ޖެހި ގޯލުންނެވެ. ޑޯޓްމަންޑްގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ކަރީމް އަޑިއޭމީ އެވެ.

ރޭ ޕީއެސްޖީން ވަނީ އޮސްމާން ޑެމްބެލޭގެ ދެ ގޯލާއި ވިޓީނިއާ ޖެހި ގޯލުން 3-0 އިން ބްރެސްޓް ބަލިކޮށްފަ އެވެ.