ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 37000 އާ ގާތްކުރަނީ

3 ފެބުރުވަރީ 2025 - 02:24 3

އަމަން ހަލީމް

އ

އެޗްޑީސީގެ މުވައްޒަފުން. މިދިޔަ އަހަރުގެ ދެ ވަނަ ކްއާޓަރު ނިމުނުއިރު އެންމެ ގިނަ މުވައްޒަފުން ނަގާފައި ވަނީ އެޗްޑީސީއަށް. -- ފޮޓޯ: އެޗްޑީސީ


ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 37000 އާ ގާތްކުރަނީ

3 ފެބުރުވަރީ 2025 - 02:24 3

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަދަދު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު, 36,753 އަށް އިތުރުވެފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންމެ ފަހުން އާންމުކުރި ރިޕޯޓުން ދައްކައިފި އެވެ.

ޕީސީބީން އާންމުކޮށްފައިވާ އެސްއޯއީ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި މި އަދަދުގެ ތިން ބައި ކުޅަ ދެ ބައި މުވައްޒަފުންނަކީ ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭ (ސެލްފް ސަފިޝަންޓް) ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ދެން ތިބި މުވައްޒަފުން މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގަ އެވެ.

ކުއާޓަރުން ކުއާޓަރަށް އަޅައިބަލާއިރު, މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ކުއާޓަރަށް ވުރެ 3,469 އިތުރުވެފަ އެވެ. އަދި 2023 ނިމުނުއިރު ތިބި އަދަދަށް ވުރެ 2,087 މުވައްޒަފުން އިތުރެވެ. އެއީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދުވަސްވަރެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު

  • މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީ-މާޗު) ނިމުނުއިރު - 33،284
  • މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރިލް-ޖޫން) ނިމުނުއިރު - 36,753

ޕީސީބީން މިފަހަރު އާންމުކުރި ކުއާޓަލީ ރިޕޯޓުގައި 2023 ނިމުނުއިރު ތިބި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު, އޭގެ ކުރިން އާންމުކުރި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވިއު ރިޕޯޓުގައި ހުރި އަދަދާ ތަފާތެވެ. އަދި މުވައްޒަފުން އިތުރުވީ ކަމަށް ޕީސީބީގެ މިފަހަރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ 2,698 އަކީ ކިހިނެއް ހޯދި އަދަދެއް ކަމެއް ސާފެއް ނުވެ އެވެ.

ވަކިވަކި ކުންފުނިތަކަށް ބަލާއިރު އެ ކުއާޓަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. ދެން އެންމެ ގިނައިން މުވައްޒަފުން ނެގި ކަމަށް ދައްކަނީ ފެނަކަ އާއި އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށެވެ.

އެންމެ ގިނަ މުވައްޒަފުން ނެގި ކުންފުނިތައް

  • އެޗްޑީސީ - 559
  • ފެނަކަ - 502
  • އެމްޓީސީސީ - 461
  • އާރުޑީސީ - 290
  • އެމްއޭސީއެލް - 254
  • ވެމްކޯ - 244
  • އެމްޕީއެލް - 175
  • ސްޓެލްކޯ - 109

ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އިތުރުވީއިރު, ކުންފުނިތަކުގެ ހާލަތަށް މާ ބޮޑު ބަދަލެއް އަައިސްފައިވާ ކަމަކަށް ނުދައްކަ އެވެ. އެ ކުއާޓަރުގައި ފައިދާވީ ގިނަ ކުންފުނިތަކަކީ އަބަދު ވެސް ފައިދާވާ ކުންފުނިތަކެވެ. ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ ތެރެއިން ފައިދާއެއްވީ ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމް އާއި ފެނަކައަށެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ޙަސަން އަޙްމަދު

3 months ago

ކައްޒާބުގެ ވެރިކަން ވައްޓަވައިފާނދޭވެ!

ނާޟިމް

3 months ago

ސުވާލަކީ 37000 ތިބެގެން ދައުލަތަށް ލިބޭ ފައިދާ އަކީ ކޮބާހޭ. ؟

ވާނެވަރު

3 months ago

ކުންފުނިތައް މެދުވެރިކޮށް ގައުމު ކައި ހުސްކުރަނީ. ހެޕީތައް؟