31 ޖަނަވަރީ 2025 - 13:22 0
ލީވާން އަލީ ނާސިރު
ހިނގާލުމުގައި ބައިވެރިވާން އެމްޑީޕީގެ ސަޕޯޓަރުން މާލެ އައުން: ހިނގާލުން ފަށާނީ މިރޭ 08:00 ޖަހާއިރު އާޓިފިޝަލް ބީޗުން
31 ޖަނަވަރީ 2025 - 13:22 0
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މިރޭ ބާއްވާ ހިނގާލުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅު މާލެއަށް މީހުން އަންނަން ފަށައިފި އެވެ.
އެމްޑީޕީގެ ހިނގާލުމުގައި ބައިވެރިވުމަށް އއ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން އެހެން ބައެއް އަތޮޅުތަކުން ވެސް ގިނަ ބަޔަކު ދަނީ މިއަދު ހަވީރުން ފެށިގެން މާލެއަށް ޖަމާވަމުންނެވެ. އެމްޑީޕީން ބާއްވާ ހިނގާލުން ފަށަން ހަމަޖެހިފައި ވަނީ މިރޭ ރޭގަނޑު 8:00 ގައި އާޓިފިޝަލް ބީޗުންނެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން އެމްޑީޕީން ދުރާލާ ރާވައިގެން މަގުމަތީގައި އިހުތިޖާޖުކުރަން ބާއްވާ ފުރަތަމަ ހަރަކާތެވެ.
"ގާނޫނު އަސާސީގެ ދިފާއު" ގެ ނަމުގައި މިދިޔަ ޑިސެމްބަރު 10، ގައި އެމްޑީޕީން މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބޭއްވި އެވެ. އެ ޖަލްސާގައި ބައިވެރިވުމަށް ވެސް އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ އައެވެ.
ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ، މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ލިބޭ ގޮތަށް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރުމުންނެވެ. އެ އިސްލާހާއެކު އިތުރު ބައެއް ބަދަލުތައް ވެސް ގާނޫނުއަސާސީއަށް ޕީއެންސީން ގެނެސްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ ބަދަލުތަކަކީ ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށާއި ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގެނައި އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ވެގެންދާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.
ރައްޔިތުންގެ ހައްގުގައި، އަދި ސަރުކާރު ޒިންމާދާރުކުރުވުމަށް، މީގެ ކުރީގެ ވެރިކަންތަކުގައި ވެސް އެމްޑީޕީން މުޒާހަރާތަކާއި ބޮޑެތި އެއްވުންތައް ބާއްވާފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment